ކ. ކާށިދޫ، އާދަމް ހަލީމަށް ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށު، ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ނިންމައިފި އެވެ.
އާދަމް ހަލީމަށް ހަމަލާދީ އޭނާ މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހަލީމް މަރާލި މައްސަލާގައި ސަމާހު މަރަން ކުރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ހުކުމް ސަމާހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ނުކުރެ އެވެ. އެހެންވެ އެއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމަކަށް ވާސިލްވުމަށްޓަކައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.
މިމައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ވަނީ ނިންމާފަ އެވެ.
މިމައްސަލަައިގައި ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ސަމާހު ވަނީ އާދަމް ހަލީމް މަރާލި ގޮތް ތަފްސީލުކޮށް ކިޔައިދީ ކުށަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން ބިރުދައްކައި މަޖުބޫރު ކުރުމުން ކަމަށް ބުނެފަ އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ސަމާހު، ދަށު ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގައި އާދަމް ހަލީމަށް ހަމަލާދީ މަރާލާފައިވާ ކަމަށް އިއުތިރާފްވުމަށް ފަހު ފަހުން އެކަމަށް އިންކާރުކޮށް އަދި ކުރިން އެކަމަށް އެއްބަސްވީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމަށް އޭނާ ބުންޏަސް، އެފަދައިން ބުނާ ބުނުމަށް ބާރު ދޭ ހަރުދަނާ ކަންތައްތަކެއް އޭނާއަށް ދެއްކިފައިނުވާ ކަމަށެވެ. އެހެން ކަމުން މި ހުކުމް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.
އެހުކުމުގައި މަޖުބޫރީ ހާލަތެއްގައި ބިރުދައްކައިގެން ކުށަށް އިއުތިރާފްވި ކަމަށް ސަމާހު ބުނި ނަމަވެސް ނުކުރާ ކަމަކަށް އިއުތިރާފް ފަދަ މަޖުބޫރީ ހާލަތްތަކެއް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ވާރިސުންގެ ބަސް ކުރިމިނަލް ކޯޓުން ނަގާފައިވާއިރު ގުރިހާ ވާރިޒުންވެސް ބޭނުންވަނީ މަރަމަރު ހިފާށެވެ.
އާދަމް ހަލީމަށް ސަމާހު ވަޅިއަކުން ހަމަލާ ދިނީ ގޭބަންދަށް ބަދަލުކޮށްފައި ހުއްޓައި ސަމާހު ރަށުތެރޭގައި އުޅެނިކޮށް ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅުމުންނެވެ.
ކުރިމިނަލް ކޯޓުން ސަމާހު މެރުމަށް ކުރި ހުކުމް ހައިކޯޓުން ދަމަހައްޓަން ނިންމާފައިވީނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް 30 ދުވަހިުގެ މުއްދަތެއް ސަމާހުއަށް ދޭނެ އެވެ. އެކަމަކު މި މުއްދަތުގެ ތެރޭގައި އޭނަގެ ފަރާތުން މި މައްސަލަ ހައި ސުޕްރީމްކޯތުގައި އިސްތިއުނާފް ނުކޮށްފިނަމަ ދައުލަތުގެ ފަރާތުން މި މައސަލަ މަތީ ކޯޓުގައި އިސްތިއުނާފު ކުރާނެ އެވެ.