ސުޕްރީމް ކޯޓް

މިރުޒާގެ މަރު: ގާތިލަށް ވާރިސުން މައާފު ދީފި

ވިލިމާލޭގައި 2011 ގައި ހިންގި މާރާމާރީއެއްގައި މަރުވި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހްމަދު މިރުޒާ މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ގާތިލަކަށް ހުރިހާ ވާރިސުން މައާފު ދީފި އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް އަދި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އަށެވެ. އޭގެ ތެރެއިން ނަޒީފް މެރުމަށް ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ނަޒީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ނަޒީފްގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވާފައި ވަނީ މިރުޒާގެ ބައްޕަގެ ފަރާތުން ގާތިލަށް މައާފު ދީފައިވާކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާތީ އެކަން ސާފުކުރުމަށެވެ.

މި އަޑުއެހުމުގައި މިރުޒާގެ ބައްޕަ، އިބްރާހިމް ހަސަންގެ އިތުރުން މިރުޒާއާއި އެއްބަނޑު އެއްބަފާ ތިން މީހުން ވަނީ ބައިވެރިވެފަ އެވެ.

މިރުޒާގެ ބައްޕައާއި ބެންޗުން ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ ނަޒީފްގެ އާއިލާގެ ފަރާތުން މައާފަށް އެދި ދެއްކި ވާހަކަތަކުން ވަރަށް ދެރަވި ކަމަށާއި އެހެންކަމުން މައާފު ދިނީ ކަމަށެވެ. އަދި މައާފު ދިނުމުގެ ކުރިން ދީނީ އިލްމުވެރިޔެއްގެ ލަފާ ވެސް ހޯދި ކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ. އަދި އެއްވެސް މީހަކު މައާފު ދިނުމަށް ބިރު ދައްކާފައި ވެސް ނުވާ ކަމަށެވެ.

ނަޒީފަކީ ފެށުނީއްސުރެ މިރުޒާ މެރިކަމަށް އިންކާރު ކުރަމުން އައި މީހެއް ކަމާއި އޭނާ މައާފަށް އެދުނީ ކޮން ގޮތަކަށްތޯ ފަނޑިޔާރު ހުސްނުއްސުއޫދު ވާރިސުންގެ ކިބައިން އެއްސެވި އެވެ. އަދި ނުކުރާކަމަކަށް މައާފު ދެވިދާނެތޯ ވެސް އެއްސެވި އެވެ.

"ނޫން އޭނަގެ އަތުން މަރުވި ވާހަކައެއް އަދި އޭނަގެ ފުށުން ވީ ކަމެއްގެ ވާހަކައެއް ނުބުނޭ. އޭނަ ބުނީ ތިމަންނަވެސް ވާހަކައަކީ ވަރަށް ރަގަޅަށޭ މިއުޅެނީ. ތިމަންނަ ވެސް ބޭނުންވަނީ މަހުޝަރު ބިމުގައި މިކަމުން ސަލާމަތްވުމޭ މިކަމުން މިންޖުވުމޭ އެދެނީ. ދެން އެހެން އެގޮތަށް އެވާހަކަތައް ދެއްކީމަ އަޅުގަނޑު ވެސް ވަރަށް ދެރަވި. އަޅުގަނޑު ހިތައް އެރީ މިހާރު ގާތްގަނޑަކަށް ނުވަ އަހަރުވީ އޭ އޭނަ ޖަލުގަ. އެހެންވީމަ މައާފުދިނީ،" މިރުޒާގެ ބައްޕަ ބުންޏެވެ.

މިރުޒާގެ ބައްޕަ ބުނިގޮތުގައި، ނުކުރާ ކަމަކަށް މައާފެއް ނުދެވޭނެ އެވެ. ނަޒީފް އިންކާރު ކުރި ނަމަވެސް އޭނާގެ ފަރާތުން މައާފަށް އެދިފައި ވަނީ އޭނާ އެކަން ކޮށްފައިވާތީ ކަމަށް ބުންޏެވެ.

ޝަރީއަތުގެ މަޖިލީހުގައި ނަޒީފް ބުނީ، މައާފަށް އެދުނީ އޭނާ އަމިއްލައަށް ނޫން ކަމަށާއި އޭނާގެ އާއިލާއިން ކަމަށެވެ. ނަޒީފްގެ ދިފާއީ ވަކީލް އިސްމާއީލް މުހައްމަދު ވިދާޅުވެފައި ވަނީ ދަށު ކޯޓުތަކުން ނިންމި ނިންމުމަކާއި ހިތްހަމަނުޖެހިގެން ނަޒީފް ސުޕްރީމް ކޯޓަށް އައީ އެއީ އޭނާގެ ފަރާތުން ހިނގައި ދިޔަ އަމަލެއް ނޫން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. މިރުޒާގެ އާއިލާގެ ފަރާތުން މައާފަށް އެދުނީ، އޭނާ ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމާއި އަދި މީހަކު މަރުވެގެން ގޮސްފައިވާތީ އެކަމުގެ ހަމްދަރުދީގައި ކަމަށެވެ.

މިރުޒާ މަރައިލިކަން ސާބިތު ނުވާ ހާލަތުގައި އެހެން ކުށެއް ސާބިތުކުރެވޭނެތޯ ބެންޗުން ސުވާލުކުރުން އިސްމާއީލް ވިދާޅުވެފައި ވަނީ މިރުޒާ މަރުވެފައި ވަނީ ކޮން ގޮތަކަށް ކަން ނުވަތަ ކޯޒް އޮފް ޑެތް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ހެކިވެރިންގެ ފުށުއެރުންތަކެއް ވެސް ހުރުމާއެކު ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމް ބާތިލުކުރަން ޖެހޭ ކަމަށެވެ. އެކަމަކު އޭނާގެ އަމަލުން އެހެން ކުށެއް ސާބިތުވާނަމަ މިހާރު އިއްވާފައި އޮތް ހުކުމް އެހެން ހުކުމަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

އެކަމަކު ދައުލަތުން ބުނެފައި ވަނީ މިރުޒާ މަރުވެފައި ވަނީ ނަޒީފް ކުރި އަމަލެއްގެ ސަބަބުންކަން ކުދިކުދި ފުށުއެރުންތަކެއް ހުރިނަމަވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.

މިއީ މަރުގެ ހުކުމް އިއްވާފައި ވަނިކޮށް އެންމެ މަތީ މަރުހަލާގައި ވާރިސުން ގާތިލަށް މައާފުދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދަށު ކޯޓުން މަރުހަލާގައި ހުރިހާ ވާރިސުން ވެސް ބުނެފައި ވަނީ ގިސޯސް ހިފަން ބޭނުންވާ ކަމަށެވެ.