ކުރީގެ ފިރިމީހާ މަރައިލި ކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މަރިޔަމް ނަޒާހާގެ ނަފްސާނީ މައްސަލަ ހުންނަ ކަމަށް އޭނާގެ ފަރާތުން ބުނި ނަމަވެސް އެކަން ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެފަދަ މައްސަލައެއް ހުރިކަމަށް ނުބެލެވޭ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ސާބިތު ވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ މޭ 31، 2015 ގައެވެ.
މި މައްސަލަ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. ސަބަބަކީ މި މައްސަލައަކީ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ގޮސްފައިވާ މައްސަލައަކަށް ވާތީ އެވެ. އެކަމަކު އެ ނިންމުން ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ކޯޓުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، ދައުލަތުން ވަނީ ނަޒާހާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދޭން ފަށައިފަ އެވެ. ކުރީގެ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ބުނެފައި ވަނީ ނަޒާހާގެ ބެޓާޑް ވިމެން ސިންޑްރޯމް ހުންނަ ކަމަށާއި ނަފްސާނީ ބައްޔެއް ހުންނަ މީހަކު ޖިނާއީ މަސްއޫލިއްޔަތު ނަގަން ނުޖެހޭނެ ކަމަށެވެ. އެ ސިންޑްރޯމް ހުންނަނީ ޖިސްމާނީ ގޮތުންނާއި، ޖިންސީ ގޮތުންނާއި އަދި ނަފްސާނީ ގޮތް ފަދަ ގޮތްގޮތުން އަނިޔާ ލިބޭ މީހުންގެ އެވެ.
ދައުލަތުން މިއަދު ބުނެފައި ވަނީ ބެޓާޑް ވިމެން ސިންޑްރޯމް އަކީ ސިންޑްރޯމްއެއް ނަމަވެސް، އެއީ ބައްޔެއް ނޫން ކަމަށެވެ. އެއީ އޭގެ ޒާތުގައި އޭނާއަށް ނެގޭނެ އަމިއްލަ މިނިވަން ގާނޫނީ ދިފާއެއް ނޫން ކަމަށާއި މީހަކަށް ދިގު މުއްދަތަކަށް އަނިޔާ ލިބުމަކީ ވެސް ނެގޭނެ ދިފާއެއް ނޫން ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ނިންމާފައިވާ ބައެއް މައްސަލަތަކުގައި މި ސިންޑްރޯމް އަކީ ހުއްދަކުރެވިފައިވާ ދިފާއެއް ކަމަށް ނަޒާހާގެ ފަރާތުން ބުނެފައިވީ ނަމަވެސް، އެއިން އެއްވެސް މައްސަލައެއްގައި ބެޓާޑް ވިމެން ސިންޑްރޯމް އަކީ ހުއްދަ ދިފާއެއް ކަމަށް ކަނޑައަޅާފައި ނެތް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުން ބުނީ ދަށު ކޯޓު މަރުހަލާގައި ދިފާއީ ވަކީލަކާއެކު ނަޒާހާ ކުރިއަށް ގޮސްފައިވާއިރު، އޭނާގެ ނަފްސާނީ މައްސަލަ ހުރިކަމަށް އެނގޭ ފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ހަބީރަކު މެދުވެރިކޮށް ސައިކޮލޮޖިކަލް ރިޕޯޓެއް ވެސް ހަދާފައިނުވާ ކަމަށެވެ.
ދައުލަތުން އިތުރަށް ބުނެފައި ހަސަން ޝާހިދު މަރާލުމުގެ ގަސްދެއް ނެތް ކަމަށް ނަޒާހާގެ ފަރާތުން ބުނި ނަމަވެސް ނަޒާހާ ތަހުގީގުގައި ދައްކާފައިވާ އެތައް ވާހަކައަކުން ގަސްދު އޮތްކަން އެނގޭ ކަމަށެވެ. އެގޮތުން ޝާހިދަށް ހަމަލާދިން ވަޅިއަކީ އޭނާ ގަަޔަށް ޖަހަން ގަތް ވަޅިއެއް ކަމަށާއި، އެއީ ގަސްދުގައި ކުރިކަމެއްކަން ތަހުގީގަށް ބަޔާން ދެމުން ނަޒާހާ ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ވަޅި ކޮޓަރީގައި ބާއްވާފައި އޮތީ ވެސް އޭނާ ގަޔަށް ޖަހަން ކަމަށް ބުނެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އަދި ހާދިސާ ހިނގިތާ 11 ދުވަސް ކުރިން ނަޒާހާ ކުރި މެސެއްޖެއްްގައި "މަރުވާން ވެސް އުޅޭ އެއްޗެއް ނޫން ހުވާ" އެފަދައިން ލިޔެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ރައްދު ދޭން ފަށައިފައިވާއިރު، މިއަދުގެ އަޑުއެހުން ކުރުކޮށްލާފައި ވަނީ ވަގުތު ކުޑަތަންވުމާއި ގުޅިގެންނެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވެސް ދައުލަތުން ރައްދު ދޭން ފުރުސަތު ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފަ އެވެ.
ނަޒާހާގެ ފަރާތުން ބުނެފައިވަނީ އެ ހަމަލާ އަކީ ޝާހިދުގެ ފަރާތުން ނަޒާހާއަށް ކުރިން ލިބިފައި ހުރި އަނިޔާތަކެއްގެ ސަބަބުން ނަޒާހާ އަށް ކޮށްފައިވާ ނަފްސާނީ އަސަރުތަކެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. އޭނާ ބުނެފައި ވަނީ ފިރިމީހާ މަރައިލީ އޭނާގެ ފަރާތުން ލިބެމުން އައި އަނިޔާތަކަށް އަމިއްލަ ނަފްސު ދިފާއު ކުރުމަށް ކަމަށެވެ.