ކުރީގެ ފިރިމީހާ މަރައިލި ކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މަރިޔަމް ނަޒާހާ އޭނާގެ ދިފާއުގައި ސުޕްރީމް ކޯޓުގައި ދެއްކީ ފިރިމީހާގެ އަނިޔާވެރިކަމުގެ ވާހަކަތަކެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ސާބިތުވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ މޭ 31، 2015 ގައެވެ.
މި މައްސަލަ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. ސަބަބަކީ މި މައްސަލައަކީ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ގޮސްފައިވާ މައްސަލައަކަށް ވާތީ އެވެ. އެކަމަކު އެ ނިންމުން ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ކޯޓުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ނަޒާހާގެ ފަރާތުން އިސްތިއުނާފީ ފަސް ނުކުތާއެއް ހުށަހެޅި އެވެ. އޭގެތެރެއިން ތިން ނުކުތާއަކަށް މިއަދު ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަދައްކައިފަ އެވެ.
ނަޒާހާގެ ފަރާތުން ފުރަތަމަ ހުށަހެޅި ނުކުތާގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ނަޒާހާގެ ދިފާއުގައި ހުށަހަޅާފައިވާ އެއްވެސް ހެއްކަކަށް އެކަށީގެންވާ ވަރަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. ދިފާއީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ މި މައްސަލައިގެ ތަހުގީގުގައި ބަޔާންދިން އިރު ނަޒާހާ ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށެވެ. އަދި ބަޔާން ދިންއިރު ދެއްކި ވާހަކަތައް މާބޮޑަށް އޭނާއަށް ނޭންގޭ ކަމަށް ދަށު ކޯޓުގައި އޭނާ ބުނެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ބަޔާނުގައި އޭނާ ސޮއިކޮށްފައި ވަނީ ރަސްމީ ލިޔުމެއްގައި ސޮއިކުރެވޭނެ ފަދަ ހާލަތެއްގައި ހުރެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނިހާޔަތު ވިދާޅުވީ ނަޒާހާގެ ފިރިމީހާ، ހަސަން ޝާހިދަކީ އެތައް ދުވަސް ތަކެއް ވަންދެން ތަކުރާރުކޮށް އޭނާއަށް ގެނެށި އަނިޔާކުރަމުން އައި މީހެއް ކަމަށެވެ. ހާދިސާ ހިނގި ދުވަހު ޝާހިދު، ނަޒާހާގެ ފޯނަށް އެތަކެއް ފަހަރަކު ގުޅި ކަމަށާއި އެކަމަކު ނަޒާހާއަށް އެ ކޯލުތައް ނުނެގުނީ ކަމަށެވެ. ފޯނު ނުނެގުމުން، ދާގޮތަށް ގޮސް އަނިޔާކުރާނެ ކަމުގެ އިންޒާރުތައް ދިން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ބަޔަކު ގޮވައިގެން އައިސް ޖިންސީ އަނިޔާ ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި އެއްވެސް ހާލަތެއްގައި ނަޒާހާ ހުރީ ޝާހިދު މަރައިލާން ނިންމައިގެންނެއް ނޫނެވެ. އަދި އެކަން އެއްވެސް ގޮތަކަށް ރާވާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަޒާހާ އޭނާގެ ފިރިމީހާއަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް ވިދާޅުވި އެވެ.
"އެތައް ގޮތަކުން ގެވެށި އަނިޔާ ތަހައްމަލް ކުރަން ޖެހިފައިވާ މީހަކު އެ އަނިޔާގެ ސަބަބުން ލިބިފަވާ ނަފްސާނީ އަސަރުތަކުން ސަލާމަތްނުވެތި އަނިޔާ ކުރާ ފަރާތްތުގެ ކިބައިން ސަލާމަތްވުމަށް ކުރާ ކަމަކުން އެފަރާތެއް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުމަކީ ނުވަތަ ބެޓާޑް ވިމެން ސިންޑްރޯމް އަކީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ވެސް ބަލައިގެންފައިވާ އުސޫލެއް ކަމުގައި ފާހަގަކުރަން،" ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި ނަޒާހާއަށް ޝާހިދު އަނިޔާކުރާކަން އޭނާ ކިޔައިދިން މީހުންނާއި، އޭނާގެ ހަށިގަނޑުގައި ނޫފައިގެންފައިހުރި ތަންތަން ފެނުނު މީހުންގެ އިތުރުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ފާހަގަކޮށްފައިވާ އެތައް ހާދިސާއަކުން ޝާހިދުގެ ފަރާތުން ތަކުރާރުކޮށް ނަޒާހާއަށް އަނިޔާ ލިބެމުން އައި މީހެއްކަން އެނގޭ ކަމަށެވެ. އެކަމަކު މައްސަލަ ނިންމެވިއިރު ދިފާއުގައި ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައި ނުވާ ކަމަށް ފާހަގަކުރެއްވި އެވެ.
ނަޒާހާއަށް އޭނާގެ ފިރިމީހާ އަނިޔާކުރާކަން ޖެންޑާ މިނިސްޓްރީއަށާއި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ. ތަހުގީގު މަރުހަލާގައި އަދި ދައުލަތުން ވެސް އެކަންކަން ސާފުކޮށްފައި ނުވާ ކަމަށް ވެސް ދިފާއީ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ނިހާޔަތު ދެން ފާހަގަކުރެއްވީ ކްރިމިނަލް ކޯޓުގައި ޝާހިދުގެ އާއިލާގެ ފަރާތުން އެއް ވާރިސަކު ފިޔަވައި އެހެން ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ބުނުންތަކަށެވެ. ޝާހިދު މަރުވީ ނަޒާހާގެ އަމަލުތަކަކުން ކަމަށްވީ ނަމަވެސް، އެ ހުރިހާ ދުވަހަކު ނަޒާހާ އުޅެމުން ދިޔަ ހާލު އެ އާއިލާއަށް ވެސް އެނގޭ ކަމަށާއި، އެހެންކަމުން ނަޒާހާއަށް އިތުރު ތަކުލީފެއް ޖައްސަން އެ އާއިލާއިން ބޭނުން ނުވާ ކަމަށް ނިހާޔަތު ވަނީ ފާހަގަކުރައްވައިފަ އެވެ.
ދިފާއީ ވަކީލް އެދުވަހުގެ ބައެއް ހާދިސާތަކުގެ ވާހަކަތައް ދައްކަމުން ދިޔައިރު ނަޒާހާއަށް ދިޔައީ ރޮވެމުންނެވެ. މިއަދުގެ އަޑުއެހުމުގައި އޭނާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އޭނާ ދިޔައީ އަތުގައި އޮތް ޓިޝޫއިން ކަރުނަތައް ފޮހެމުންނެވެ.
ނަޒާހާގެ ފަރާތުން ހައި ކޯޓު މަރުހަލާގައި ވެސް ބުނެފައިވަނީ އެ ހަމަލާ އަކީ ޝާހިދުގެ ފަރާތުން ނަޒާހާއަށް ކުރިން ލިބިފައި ހުރި އަނިޔާތަކެއްގެ ސަބަބުން ނަޒާހާ އަށް ކޮށްފައިވާ ނަފްސާނީ އަސަރުތަކެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. ފިރިމީހާގެ އަނިޔާތަކުގެ ސަބަބުން ނަފްސާނީ އަސަރުތަކެއް ކޮށްގެން ފިރިމީހާ އަންދާލި އިނގިރޭސިވިލާތުގެ އަންހެނަކު ވެސް ކުށްވެރި ނުވާ ކަމަށް އެ ގައުމުގެ ކޯޓަކުން ކުރިން ކޮށްފައިވާ ހުކުމެއް ވެސް ނަޒާހާގެ ފަރާތުން ދިފާއުގައި ހުށަހެޅި އެވެ.