އަބޫ ނަސްރު މުހައްމަދު އިބްނި އަލް ފަރަހް އަލް ފަރާބީ އުފަންވެވަޑައިގެންފައިވަނީ ތުރުކިސްތާނުގެ ފަރަބް ކައިރީ ވިލެއްޖެއް ކަމުގައިވާ ވާސިޖް ކިޔާ ތަނެއްގައި މީލާދީން ގާތްގަނޑަކަށް 870 ގައެވެ.
އޭނާ އަކީ އަސްލު ޕާޝިއަން ދަރިކޮޅަށް ނިސްބަތްވާ ނަމަވެސް ފަހުން މައިންބަފައިން ތުރުކިސްތާނަށް ހިޖުރަކޮށްފައިވާ އާއިލާއެއްގެ ބޭފުޅެކެވެ. ޔޫރަޕުގައި ފަރާބިއަސްގެ ނަމުން މަޝްހޫރުވެފައިވާ އަލްފަރާބީގެ ބައްޕައަކީ އެދުވަސްވަރުގެ އަސްކަރީ ޖެނެރަލް އެކެވެ.
އޭނާ އެންމެ ފުރަތަމަ އުނގެނިވަޑައިގެންފައިވަނީ ފަރާބީ އަދި ބުހާރާގަ އެވެ. ނަމަވެސް ފަހުން ބަޣުދާދަށް ވަޑައިގެން އިތުރަށް އުނގެނިވަޑައިގަތެވެ. އެދުވަސްވަރު އޭނާ ތަފާތު ބަސްތައް އުނގެނި އަދި އިލްމީ ގޮތުން ތަފާތު ދައިރާތަކުގައި އުނގެނިވަޑައިގެންފައިވެ އެވެ. ހާއްސަ ގޮތެއްގައި ޓެކްނޮލޮޖީގެ ރޮނުގުންނެވެ. އައްބާސީ ދައުލަތުގެ ހަ ހަލީފާއިންގެ ދައުރުގައި އޭނާގެ ދުވަސްތައް ވޭތިކޮށްފައިވެ އެވެ.
އަލް ފަރާބީ އަކީ ފިލޯސޮފަރެއްގެ އިތުރުން ފާހަގަކޮށްލެވޭ ސައެންޓިސްޓެކެވެ. އަދި ހާއްސަ ގޮތެއްގައި އޭނާ ބޭރުބަސްތައް ދަނެވަޑައިގަންނަވާ މިންވަރު ފާހަގަކޮށްލެވެ އެވެ. އޭނާ ދުރު ތަންތަނަށް ހާއްސަކޮށް ދިމިޝްގް އަދި މިސްރަށް ވަޑައިގެން އުނގެނިވަޑައިގެންފައިވެ އެވެ. އަދި ފަހުން ސީރިއާގެ ހަލަބް ނުވަތަ އާލެއްޕޯގެ ސައިފް އައް ދައުލާގެ ދަރުބާރާއި ވަކިން ހާއްސަކޮށް ރަސްގެފާނާއި އަރިސްކަން އުފެދުނެވެ. އެދުވަސްވަރު އޭނާގެ ނަން އެތަން މިތަނަށް މަޝްހޫރުވެގެން ގޮސްފައިވެ އެވެ.
އޭނާ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ފަނޑިޔާރެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އުޅުއްވީ އުންގަންނައި ދިނުމުގެ މަސައްކަތުގަ އެވެ. އޭނާގެ ހަޔާތުގައި ގިނަގޮންޖެހުންތައް ކުރިމަތިވެ ދަތިއުނދަގޫތައް ތަހައްމަލުކުރަންޖެހި އެއް އިރެއްގައި ބަގީޗާއެއް ބެލެހެއްޓުމުގެ މަސައްކަތާވެސް ހަވާލުވެވަޑައިގެންނެވި އެވެ.
އަލް ފަރާބީ އަކީ ފިލޯސޮފީ އާއި ސައެންސާއި ލޮޖިކް ސޯޝަލޮޖީ އާއި މެޑިސިން އާއި މެތްމެޓިކްސް އަދި މިޔުޒިކްގެ ދާއިރާއިން އިލްމީ ގިނަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ފިލޯސޮފަރެއްގެ ގޮތުން އަލް ފަރާބީ ވަނީ ދީނީ ނަޒަރިއްޔާތުތައް މަޝްހޫރު ފިލޯސޮފާ ޕްލޭޓޯ އަދި އެރިސްޓޯޓްލްގެ މަސައްކަތުގައިވާ މިންވަރު ހާމަކޮށް ފިކުރިއްޔާތުގެ ތަފާތުކަން އެއްގޮތް މިންވަރު ހާމަކުރުމުގެ މަސައްކަތްކޮށްފަ އެވެ.
އަލް ފަރާބީގެ ފިލޯސޮފިކަލް އިލްމުގެ މަތިވެރިކަމަށްޓަކައި އޭނާއަކީ ދެވަނަ މުދައްރިސްގެ ގޮތުގައި އެރިސްޓޯޓްލް އާއި އަޅާކިޔާފައިވެ އެވެ. ގްރީކްގެ މަޝްހޫރު ފިލޯސޮފަރު އެރިސްޓޯޓްލް މަޝްހޫރުވެފައިވަނީ ފުރަތަމަ މުދައްރިސްގެ ގޮތުގަ އެވެ.
އަލް ފަރާބީގެ ފިލޯސޮފިކަލް މަސައްކަތް ވެގެންގޮސްފައިވަނީ އިބްނި ސީނާގެ މަސައްކަތަށް ހުޅުވުނު މަގެއް ކަމުގަ އެވެ.
އަލް ފަރާބީގެ މޮޑެލް ސިޓީގެ އެ ފޮތަކީ އޭނާ ޕޮލިޓިކަލް ސައެންސް އަދި ސޯޝަލޮޖީގެ ދާއިރާ އިތުރަށް ތަރައްގީވަމުން އައުމުގައި ކުރެއްވި މުހިންމު މަސައްކަތެކެވެ.
އަލް ފަރާބީގެ އިލްމީ މަސައްކަތުން ލޮޖިކްގެ ދާއިރާއިން އުނގެނުމަށް ފުރަތަމަ ފަހަރަށް ފަސޭހަވެގެން ގޮސްފައިވެ އެވެ. "އައިޑިއާ" އަދި "ޕްރޫފް" މި ބައިތައް ލޮޖިކްގައި ފުރަތަމަ ފަހަރަށް ދެބައެއްގެ ގޮތުގައި ގެނެސްފައިވަނީވެސް އަލް ފަރާބީ އެވެ.