މީހުން

ޔޫއޭއީގެ ރައީސް: އަދަބިއްޔާތާއި ފަންނުތަކުގެ ބޭފުޅެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން ޔޫއޭއީގެ ރައިސްކަމާ ހަވާލުވެވަޑައިގަތީ އޭނާގެ އެއްބަފާ ބޭބޭފުޅު ޝައިޚް ހަލީފާ ބިން ޒައިދް އަލް ނަހްޔާން މެއި 13، 2022 ގައި އަވަހާރަވުމާ ވިދިގެންނެވެ.

ޝައިހް މުހައްމަދު ނިސްބަތްވެވަޑައިގަންނަވަނީ ބަނީ ޔާސް ކިޔާ ދަރިފަސްކޮޅަކަށެވެ. ބަނީ ޔާސް އަކީ ގަދީމީ އަރަބިއާގައި ބާރުގަދަ އާއިލީ ވެރިކަމެއް ހިންގި ގަބީލާ އެކެވެ. އެގަބީލާގެ މީހުން ޔޫއޭއީ އަށް ހިޖުރަކޮށްފައިވަނީ މީލާދީން 1793 ގައެވެ.

ޔޫއޭއީ އަކީ ހަތް އެމިރޭޓެއްގެ ވެރިން ހިމެނޭ ގޮތުން އޮންނަ ފެޑަރަލް ސުޕްރީމް ކައުންސިލުން ރައިސަކާއި ނައިބް ރައީސެއް ކަނޑައަޅައި ވެރިކަން ހިންގާ ގައުމެކެވެ. ޔޫއޭއީގެ ފާއިތުވި ތިން ރައިސުންނަކީވެސް އަބޫދާބީގެ ވެރިކަން ހިންގެވި އަދި ހިންގަވުމުން ގެންދަވާ ބޭފުޅުންނެވެ. އަދި އަބަދުވެސް ނައިބް ރައިސަކީ ދުބާއީގެ ވެރިޔާގެ އިތުރުން ބޮޑު ވަޒީރުވެސް މެއެވެ.

ޝައިޚް މުހައްމަދު ކްރައުން ޕްރިންސަކަށް ހުންނެވިއިރު ޔޫއޭއީގެ ޑެޕިއުޓީ ކޮމާންޑާ އޮފް އާމްޑް ފޯސަސްގެ މަސްއޫލިއްޔަތު އަދާކުރެއްވި އެވެ. އޭނާގެ ހިދުމަތުގައި ޔޫއޭއީގެ އަސްކަރިއްޔާ ވަނީ ހައިޓެކް ފޯސް އެއްގެ ގޮތުގައި ގާއިމުކޮށްފަ އެވެ. އޭނާ އަސްކަރީ ތަމްރީން ހޯއްދަވާފައިވަނީ ޔޫކޭގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓް އިންނެވެ. ޝައިޚް މުހައްމަދު ވަނީ ޔޫއޭއީގެ ނުފޫޒް ބައިނަލްއަގުވާމީ ދާއިރާގައި ވަރުގަދަކުރުމުގެ މަސައްކަތް ކުރައްވާފަ އެވެ. އަވަށްޓެރި ބަހުރައިން ފަދަ ގައުމުތަކަށް 2011ގެ އަރަބް ސްޕްރިންގްގެ އަސަރު ވަރަށް ބޮޑަށް ކުރިއިރު ޔޫއޭއީ. އަށް އެކަމުގެ އެނގުން ބޮޑުވެގެނެއް ގޮސްފައެއް ނުވެ އެވެ.

ޝައިޚް މުހައްމަދަކީ ޅެންވެރިކަމާއި އާޓްގެ ދާއިރާއަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން ލިޔުންތެރިކަމާއި ސަގާފީ ކަންކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައި ޔޫއޭއީގައި ބައިނަލްއަގްވާމީ އެފަދަ އީދުތައް ބާއްވަމުންގެންދަވަ އެވެ.

އަމިއްލަފުޅަށް ހެލިކޮޕްޓަރާއި މަތިންދާބޯޓް ދުއްވަ އެވެ. ދިރޭތަކެތި ހިމާޔަތް ކުރުމާއި ވަކީން ހާއްސަކޮށް ފެލްކަން ދޫންޏަށް އޭނާ ވަރަށް ބޮޑަށް ލޯބިފުޅު ކުރައްވަ އެވެ. ދޫނި ފަދަ ޖަނަވާރުތައް ހިމާޔަތް ކުރެއްވުމަށް ހާއްސަ ފަންޑެއްވެސް އޭނާ ގާއިމު ކުރައްވާފައިވެ އެވެ.

ޝައިޚް މުހައްމަދުގެ ބައްޕާފުޅު ވަނީ އޭނާ ޒުވާން އުމުރުފުޅުގައި މޮރޮކޯއަށް ކިޔަވާ ވިދާޅުވުމަށް ފޮނުއްވާފަ އެވެ. އަދި ޝާހީ ދަރަޖައިގައި ނުގެންގުޅުއްވުމަށްޓަކައި ޝާހީ ބޭފުޅެއްކަން ނޭނގޭނެހެން ފަހަތު ނަން ވެސް ބަދަލުކުރެއްވި އެވެ. އެމަނިކުފާނު އެކަނި އުޅުއްވަން ޖެހިވަޑައިގަތުމުން އަމިއްލަފުޅަށް ކާތަކެތި ތައްޔާރުކުރައްވައި ހެދުންކޮޅު ދޮވެ ހެއްދެވި އެވެ. އެދުވަސްވަރު ސިފަކުރައްވަމުން އަރަބިންގެ ހާއްސަ ކެއުމެއް ކަމުގައިވާ ތަބޫލާ ތައްޔާރުކުރައްވައި ފްރިޖްގައި ބަހައްޓަވައި އެ ހުސްވަންދެން އެތައް ދުވަސްމަތީން ފަރިއްކުޅުއްވަމުންގޮސް މަތީގައި ފަންގަސް ޖަހަންދެން ފަރިއްކުޅުއްވާކަމުގައި އޭނާ ވިދާޅުވެފައިވެ އެވެ. އޭނާ އަކީ ރައްޔިތުންގެ ލޯބި ހޯއްދަވަމުން ގެންދަވާ ދީލަތި ސާދާ އޯގާތެރި ބޭފުޅެކެވެ.