މީހުން

ސުލްޠާން ހައިތަމް: ދުނިޔޭގައި ސުލްހައިގެ ނަމުނާއެއް

އޮމާންގެ ސުލްޠާން ހައިތަމް ބިން ޠާރިގް އަލް ސައިދު އޮމާންގެ ރަސްކަމާއި ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދެބޭންގެ ދެދަރި ސުލްޠާން ގާބޫސް ބިން ސައިދު އަވަހާރަވުމާ ގުޅިގެން ޖެނުއަރީ 2020 ގައެވެ.

އޮމާންގެ ކުރީގެ ރަސްގެފާނު މަޝްހޫރު ސުލްޠާން ބިން ގާބޫސް އަވަހާރަވުމުގެ ކުރިން އެމަނިކުފާނު ލިޔުއްވާފައިވާ ވަސިއްޔަތުގައި ލިޔުއްވާފައިވަނީ އޭނާ އަވަހާރަވުމަށްފަހު އޮމާންގެ ރަސްކަމާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅަކީ މިހާރުގެ ސުލްޠާން އަދި އެމަނިކުފާނުގެ ދެބޭންގެ ދެދަރި ކޮއްކޯފުޅު ސުލްޠާން ހައިތަމް ބިން ޠާރިގް ކަމަށެވެ. އެގޮތުން ޖެނުއަރީ 11 ގައި ސުލްޠާން ހައިތަމް ރަސްކަމާ ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

ސުލްޠާން ހައިތަމް އަކީ ޝާހީ ދަރިކޮޅު ބުސައިދު ދަރުބާރު ނުވަތަ އަލް ސައިދު ގަބީލާ އިން ވަޑައިގެންފައިވާ ބޭފުޅެކެވެ. މި ދަރިކޮޅަކީ އަރަބިއާގެ ދުކުނުގައި މައްރިބް ނުވަތަ މިއަދުގެ ޔަމަން ގައި ގާއިމްވި އެންމެ ވަރުގަދަ ހުނަރުވެރި އަޒްދް ގަބީލާގެ އަރަބިންނެވެ. ބުނެވޭގޮތުގައި ސުލައިމާން އސ ގެ އަނބިކަނބަލުން ބަލްގީސް ރަނިކަން ކުރެއްވީ ޔަމަންގެ ޝީބާ ނިސްބަތްވަނީ މިދަރިކޮޅަށެވެ. މިދަރިކޮޅުން އޮމާންގެ އެމްޕަޔާ އެއް ފަހުގެ ތާރީހުގައި ގާއިމް ކޮށްފައިވަނީ މީލާދީން 1744 ގައެވެ.

އިރުމަތީ އެފްރިކާ ހާއްސަކޮށް ޒަންޒިބާރު އަދި އޮމާންގައި މި ދަރިކޮޅުގެ ރަސްކަން ދެމިގެން އައިސްފައިވެ އެވެ. އަރަބިން މުސްލިމުންނަށް ވުމުގެ ކުރިން އޮތް އަރަބިންގެ ގަދީމީ ތާރީހު ގެ ބޮޑުބައެއްގެ ގެ ތާރީހު ބިނާވަނީ މިދަރިކޮޅު މީހުންނަށެވެ. މުސްލިމުންގެ ފެށުން ގާއިމްވުމާއެކު މިދަރިކޮޅުން ވަނީ މުސްލިމުންގެ ބާރު ފެތުރުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. ހަމައެހެންމެ މުސްލިމުންގެ އުމައްޔަދުންގެ ހިލާފަތުގައިވެސް މިދަރިކޮޅުގެ އަބޫ ސައިދު ޖެނެރަލެއްގެ ގޮތުގައި އެފަދަ ދައުރެއް އަދާކުރެއްވި އެވެ. ފަހުގެ ސައިދު ޝާހީ އާއިލާ ދެމިގެން އައިސްފައިވަނީ އަބޫ ސައިދުގެ ފަރާތުންނެވެ.

ސުލްޠާން ހައިތަމް ތައުލީމް ހާސިލްކުރައްވާފައިވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގަ އެވެ. ހާއްސަވެވަޑައިގެންފައިވަނީ ހާރިޖީ ދާއިރާގެ މަސައްކަތަށެވެ. އޮމާންގެ ހާރިޖީ ދާއިރާގައި އިސްކޮށް މަސައްކަތްޕުޅު ކުރައްވައި އޮމާން އާއި ދުނިޔޭގެ ގުޅުން ތަމްސީލްކުރައްވަމުން މިހާތަނަށް ވަޑައިގެންފައިވަނީ ސުލްޠާން ހައިތަމް އެވެ.
ސުލްޠާން ހައިތަމް ވަނީ 2002 އިން ފެށިގެން ރަސްކަމާއި ހަވާލުވަންދެން ސުލްޠާން ގާބޫސް ގެ ވެރިކަމުގައި ވަޒީރުކަން އަދާކޮށްފަ އެވެ. ސުލްޠާން ހައިތަމް އަކީ ކުޅިވަރަށް ވަރަށްބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮމާން ފުޓްބޯލް އެސޯސިއޭޝަންގެ ވެރިޔާގެ މަސްއޫލިއްޔަތު 1980 ގެ އަހަރުތަކުގައި އުފުއްލަވާފަ އެވެ.

ކީރިތި ރަސޫލާގެ ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ސުލްޠާން ހައިތަމް އަކީ އޮމާންގެ ކުރީގެ ރަސްގެފާނު ސުލްޠާން ގާބޫސް ބިން ސައިދު ބިން ތައިމޫރު ވެސް ހިންގެވި މަގުން އޮމާންގައި އަމާންކަން ގާއިމްކޮށް ދަމަހައްޓައި އެގައުމުގެ މަތިވެރި އިސްލާމީ އާދަކާދަ ހިފަހައްޓަވައި މުޖުތަމައުގެ އަހުލާގު ހިފަހައްޓަވަމުން އޮމާން ގެ ކުރިއެރުމަށް މަސައްކަތްކުރައްވަމުން ވަޑައިގަންނަވާ ސުލްހައިގެ ބާނީ އެކެވެ. އެގޮތުން ސުލްޠާން ހައިތަމް އަކީވެސް އެއްވެސް އެހެން ގައުމެއްގެ ދާހިލީ ކަންކަމާއި ނުބެހޭ އަވައްޓެރިންނަށް ކަމޭހިތާ ރަނގަޅު ގުޅުމެއް ބާއްވާ ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމް ކުރާ ސުލްހައިގެ ގޮތުގައި އެކު އުޅެން ގޮވާލުމުގައި ބައިނަލްއަގުވާމީ ދުނިޔޭގައި ނަމޫނާ ބޭފުޅެކެވެ. އެގޮތުން ގައުމުތަކުގެ ދެމެދުގައި އުފެދޭ ޑިޕްލޮމެޓިކް މައްސަލަތައް ހައްލުކުރެއްވުމާއި ސުލްހައިގެ މަޝްވަރާގެ މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ސުލްޠާން ހައިތަމް ވެފައިވަނީ ލާމަސީލް ބޭފުޅެއްގެ ގޮތުގަ އެވެ.