އެމެރިކާގައި މި އަހަރު ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ އީރަންއާ އެކު ވަރަށް ގާތް ގުޅުމެއް އުފައްފަދަވާނެ ކަމަށް -- ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އީރާނާ އެކު ގުޅުން ބަދަހިކުރުމަށް އެއްވެސް އިރެއްގައި ދޮރު ބަންދުވެފައި ނުވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ދުނިޔެ އޮތީ މަސްލަހަތު ގެއްލިފައި ކަމަށް ވިދާޅުވެ ނިއުޖާޒީގައި، ނޫސްވެރިންނަށް މައުމޫމާތު ދެއްވަމުން ޓްރަމްޕް ވަނީ އެމެރިކާ އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސަބަބުން ދުނިޔޭގައި ގޯހެއް ހެދިފައި އޮތް ނަމަ އެކަން ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.
"އަހަރެމެން ކޮންމެހެން އީރާނަށް ގޯސްވާކަށް ނުޖެހޭ، -- އަހަރެމެންނަކީ ގާތް އެކުވެރިންނަށް ވެވިދާނެ" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން ހަދާ އެންމެ ބޮޑު ގޯހަކީ ޓެރަރިސްޓުންނަށް ވާގިވެރިވުމެވެ. މިގޮތުން ހަމާސްގެ ނަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ، ހަމާސްއަށް ހަތިޔާރު ދެނީ އީރާނުން ކަމަށެވެ.
އީރާނާ އެކު ގާތް ގުޅުމެއް އުފެއްދޭނީ ނިއުކްލިއާ ހަތިޔާރު ނުއުފައްދާނަމަ ކަމަށްވެސް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެއީ އީރާނުން ހުއްޓާލަން ޖެހޭނެ ކަމެކެވެ.
ޑޮނަލް ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، ބާރަކް އޮބާމާގެ ވެރިކަމުގައި އީރާނާ އެކު އެމެރިކާ ހަދާފައި އޮތް ނިއުކްލިއާ އެއްބަަސްވުން -- ޖޭސީޕީއޯއޭ އިން އެމެރިކާ ބޭރުވީ ޓްރަމްޕްގެ ވެެރިކަމުގައި، 2018 ގައެވެ.
ޖޮއިންޓް ކޮމްޕްރެހެންސިފް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އިން އެމެރިކާ ބޭރުވުމަށްފަހު އީރާނަށް ދަތިކުރަން ވަރަށް ހަރުކަށި ފިޔަވަޅުތަކެއްވެސް ޓްރަމްޕް ސަރުކާރުން އެޅި އެވެ.
ޖޭސީޕީއޯއޭ ދެމި އޮތްހައި ހިނދަކު އީރާނަށް ނިއުކްލިއާ ބޮމެއް ނުއުފެއްދޭނެ އެވެ. ނަމަވެސް މަދަނީ ބޭނުންތަކަށް ވަކި ވަރަކަށް ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރެވޭނެ އެވެ.
އީރާނުން ބުނާ ގޮތުން ނިއުކްލިއާ ބޮމެއް އުފެއްދުމަކީ އެ ގައުމުން އެއްވެސް އިރެއްގައި ކުރި މަސައްކަތެއް ނޫނެވެ. ނަމަވެސް އީރާންގެ މި ބުނުން އެމެރިކާ އަދި އިޒުރޭލުންވެސް ގަބޫލެއް ނުކުރެ އެވެ.