ހަބަރު

ދައުލަތް އެދުނު ގޮތަށް ޒިޔަތަށް 11 އަހަރުގެ ހުކުމެއް އިއްވައިފި

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެއްބަސްވެފައިވާތީ، ދައުލަތުން އެދުނު ގޮތަށް އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް، ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާ އަށް އެއްބަސްވުމުން 11 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. އޭނާ ވަނީ ދައުލަތާއެކު އަދަބު ލުއި ދިނުމުގެ އެއްބަސްވުމެއް ހަދައި، ހުރިހާ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއި ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް އެއްބާރުލުންދޭންވެސް އެއްބަސްވެފަ އެވެ.

ދައުލަތުން ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ 32 ދައުވާގައި ބުނެފައިވަނީ އޭނާ 781 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް، އެއިން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭ ކަމަަށް ޒިޔަތުވަނީ ޝަރީއަތުގައި ވިދާޅުވެފައި އެވެ.

އަދި ދައުލަތަށް ލިބޭ ފައިސާގެ ޗެކްތައް ހަވާލު ކުރަމުން ގެންދިޔައީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު އަންގަވާ މީހެއްގެ އަތަށް ކަމަށެވެ.

މިމައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަކި ވަކިން އިއްވަވައި ދެއްވައި، އެ ދައުވާތަކަށް ކަނޑައެޅުއްވި އަދަބުތައް ހާމަކުރައްވައިފަ އެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދާނީ ދަށްވަމުންނެވެ.

މިގޮތުން، ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާއާ ގުޅިގެން، ޖުމްލަ 11 އަހަރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައި އެވެ.

ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ކޯޓުން ވެސް ހުކުމްކުރީ ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށެވެ.

އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީނަމަވެސް ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މިނިސްޓްރީގެ ނިންމުމަކަށް އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގޭބަންދަށް ބަދަލު ކޮށްފަ އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށްވެސް އޭނާ ހުންނެވީ ގޭބަންދުގަ އެވެ.