ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރުކޮށް އާ ތަހުގީގެއް ފަށާފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑާގެ ތުހުމަތަކެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހަށް ރައީސް ޔާމީން އިއްޔެ ހާޒިރު ކުރި އެވެ. އޭގެ ފަހުން އެ މަނިކުފާނުގެ ގާނޫނީ ވަކީލު އަދި އެ މަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ވަނީ ފުލުހުން ރައީސް ޔާމީން ހާޒިރު ކުރީ އާ ކަމެއް އޮވެގެން ނޫން ކަމަށައި ސުވާލު ކުރީ ކުރިންވެސް ކުރާ ތުހުމަތަކާ ގުޅުވައިގެން ކަމަށެވެ.
އޭގެ ފަހުން ފުލުުހުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނެއްގައި ބުނީ ރައީސް ޔާމީން ފުލުހަށް ގެންދިޔައީ އެމަނިކުފާނުގެ މައްޗަށް ތަހުގީގުކޮށް ޝަރީއަތް ކުރި މައްސަލައާ ބެހޭގޮތުން ސުވާލު ކުރަން ނޫން ކަމަށެވެ.
އޭގެ ބުނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތާއި، ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި ކޮރަޕްޝަން ހިމެނޭގޮތަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް އެއަށް ހިޔާނާތްތެރިވެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތު ވެސް އެބައޮތް ކަމަށާއި ރަށެއް ދޫކުރުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުވެސް އޮތް ކަމަށެވެ.
އެއީ އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކުރައްވާ ލޯންޑާ ކުރި ކަމުގެ ތުހުމަތެވެ.