އިދިކޮޅު ފަރާތްތައް

ހައިލަމަށް އިންޒާރު ދިން މައްސަލަ ބަލަން އިދކޮޅުން ފުލުހަށް ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރާނެ ކަމުގެ ޔަގީން ކަން ހޯދަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމަށް މެސެޖްކޮށް ގުޅުއްވި ސަރުކާރުގެ އިސް ބޭފުޅުން ހޯދައި އެ މައްސަލަތައް ތަހުގީގު ކުރަން އިދިކޮޅު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން މިރޭ ފުލުހަށް ގޮވާލައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނިލޯންޑަ ކުރުމުގެ ދައުވާގެ ޝަރީއަތުގައި ހުކުމާ ހަމައަށް ގޮސްފައި ވަނިކޮށް، ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވާ ދުވަހުގެ ހެނދުނު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ މައްސަލަ ބައްލަވާ ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފަ އެވެ.

ހައިލަމް ސަސްޕެންޑް ކުރީ، ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ދެއްވުމަށް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. ހައިލަމް ފޮނުއްވި މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނެއް ޖަހާފައި ހުއްޓެވެ.

އެކަމާ ގުޅިގެން ހައިލަމް މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން މި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދު ގުޅިގެން ޖުޑިޝަރީއަށް ފޯރާ ނުފޫޒުގެ ސަަބަބުން ޖުޑިޝަރީއަށް އޮތް އިތުބާރު ކުރެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އިދިކޮޅު ލީޑަރުގެ ޝަރީއަތް ބަލަމުންދާ ގާޒީއަކަށް ސަރުކާރުގެ އިސްވެރިންތަކެއް ނުފޫޒު ފޯރުވަން އުޅުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެންކަމުން ހައިލަމަށް ނުފޫޒު ފޯރުވަން އުޅުނު ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް ހަމާ ކުރުމަށް ޝުޖާއު ގޮވާލެއްވި އެވެ.

"އަޅުގަނޑު މިރޭ ގޮވާލަން ބޭނުންވުން އަހުމަދު ހައިލަމަށް، މަނިކުފާނަށް ބިރު ދެއްކި މި ސަރުކާރުގެ ހުރިހާ އިސް ބޭފުުޅުންގެ ނަންތައް ހާމަ ކުރައްވަން، އަދި ނުފޫޒު ފޯރުވަން ސަރުކާރުގެ ބޭފުޅަކު ކުރެއްވި އެއްވެސް އެސްއެމްއެސްއެއް ނޫނީ އޯޑިއޯއެއް ވިޔަސް އޮތްނަމަ ހާމަ ކުރަން،" ޝުޖާއު ވިދާޅުވި އެވެ.

ހައިލަމަށް ސަރުކާރާއި ޖޭއެސްސީގެ ތެރެއިން އައިސްފައިވާ ނުފޫޒުގެ ސަބަބުން ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށް ވެސް އެ ނުފޫޒާއި ޕްރެޝަރު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެންކަމުން އަދުލުވެރި ގޮތުގައި ކަންކަން ކުރިއަށްގެންދަން އޭނާ ގޮވާލެއްްވި އެވެ.

"މިހާރު އިސްވެ ހުންނެވި ގާޒީ އަލީ ރަޝީދަށް ވެސް ހަމަ މިހާ ބިރު ދެއްކުމާއި މި ޕްރެޝަރު އޮންނާނެ ކަން ކަށަވަރުވެފައި މި އޮތީ، އެހެންކަމުން އެމަނިކުފާނަށް ވެސް އޮންނާނެ ގޮތަކީ ސީދާ ރައީސް ޔާމިނަށް ހުކުމް ކުރުން، އެހެންވީމާ ޖުޑިޝަރީއަށް އިތުބާރު ކުރެވެން ނެތް،" ޝުޖާއު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވިދާޅުވީ ހައިލަމަށް ނުފޫޒު ފޯރުވަން އުޅުނު މައްސަލައަކީ ޝަރުއީ ދާއިރާއަށް ފެތުރިގެން ދިޔަ ބިރުވެރި ކަމެއް ކަމަށެވެ. އެހެންކަމުން ހައިލަމަށް ނުފޫޒު ފޯރުވި މައްސަލަ ތަހުގީގު ކުރަން ފެށުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އޭނާ ގޮވާލެއްވި އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް، ގޮވާލަން މި މައްސަލަ ބަލަން. އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ. އެއީ ސަރުކާރުގެ ކޮންމެ ވަޒީރަކަސް އަދި ކޮންމެ މަގާމެއްގައި ހުރި މީހަކަސް ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެންމެ ފަނޑިޔާރަކު މައްސަލަ ބައްލަވާނަމަ އިންސާރުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެ ގޮތުން އެންމެ ފަނޑިޔާރަކު ބަލާނަމަ އެ މައްސަލަ އެ ބަލާ ފަނޑިޔާރަކަށް ސަރުކާރުން ކުރާ ނުފޫޒު ފެންނަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.