އާޒިމާ ޝަކޫރު

ދައުވާތައް ބާތިލުކޮށް ދިނުމަށް އާޒިމާ އެދިވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލަ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާތީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ބާތިލްކުރަން ޖެހޭނެ ކަމަށް އޭނާ ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ބާއްވާފަ އެވެ.

މި މައްސަލަ ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަހުމަދު ހައިލަމް އެވެ. ނަމަވެސް ހައިލަމް މަގާމުން އިސްތިއުފާ ދެއްވި ފަހުން އެ މައްސަލަ އާއި ހަވާލުވެވަޑައިގެންނެވީ ގާޒީ ހަސަން ސައީދު އެވެ. އެކަމަކު ހަސަން ސައީދު ވެސް ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ. އެހެންކަމުން މިހާރު މައްސަލަ ބައްލަވަނީ ވަނީ ގާޒީ އަލީ އާދަމް އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ނިންމެވީ މައްސަލަ އަލުން ފެށުމަށެވެ. އެހެންކަމުން އަނެއްކާ ވެސް މިއަދު ދައުލަތުން ވަނީ ދެ ދައުވާ އިއްވާފަ އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ.

އާޒިމާގެ މައްޗަށް އޮތް ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާ ދެއްވާފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގަށް ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ އެވެ.

ދައުލަތުގެ ވަކީލް ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ މި ދެ ދައުވާ އުފުލާފައި ވަނީ އާޒިމާ ރަސްމީ ހައިސިއްޔަތުގައި ކުރި އަމަލެއްގެ މައްޗަށް ނޫން ކަމަށާއި، ރަސްމީ މަގާމެއްގައި ހުރެގެން އަމިއްލަ ބޭނުމަށް ކުރި އަމަލެއްގެ މައްޗަށް ކަމަށެވެ.

ދައުލަތުން ދައުވާތައް އިއްވުމުން އާޒިމާ ވަނީ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ. އާޒިމާ ވިދާޅުވެފައި ވަނީ އޭސީސީއަށް ލަފާ ދެނީ ބަންޑާރަނައިބް ކަމަށާއި، އޭނާ އަކީ އޭސީސީއަށް ލަފާދެވޭނެ މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ލަފައެއް ދީފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މި ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ރައީސް ޔާމީން ކުރެއްވި ކުށަކަށް މަގުފަހިކޮށްދިނުމަށް ކަމަށާއިރު، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށެވެ. މަނީ ލޯންޑަރިންއަށް ބޭނުންވާ އުންސުރުތައް ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށެވެ.

މިއީ އެއް ހާދިސާއެއްގެ މައްޗަށް ފަރުމާކޮށްފައިވާ ދައުވާތަކަކަށްވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާ މަދަނީ މިންގަނޑުން ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެކަމަކު އެކަމަށް ގާޒީ އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ. ގާޒީ އެންގެވީ ދެފަރާތުން ވެސް ހެކި ހުށަހެޅުމަށެވެ. އެހެންކަމުން ހެކި ހުށަހަޅަން ބޭނުންވާ ކަމަށާއި އެކަމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް އާޒިމާ އެދިވަޑައިގަތެވެ. އެ ފުރުސަތު ގާޒީ ދެއްވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމާއި ގުޅިގެން ދައުވާތައް ބާތިލް ކޮށްދިނުމަށް އެދި އާޒިމާގެ ފަރާތުން ކޯޓަށް ސިޓީއެއް ވެސް ފޮނުއްވި އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތުން ވެސް ހެކި ހާމަކުރާނެ އެވެ. އެއަަށްފަހު މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެތޯ ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން މީގެ ކުރިން ހާމަކުރި އާޒިމާއާ ދެކޮޅު ހެކިތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، އޭސީސީގެ ކުރީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.