ހަބަރު

ދައުވާ އުފުލީ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް: އާޒިމާ

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން އެއް މިލިއަން ޑޮލަރު ޓްރާންސްފާ ކުރި އެއްވެސް މީހަކާ ސުވާލުކޮށް އެ މީހުންގެ މައްޗަށް ވެސް އެއްވެސް މިންވަރަށް ތަހުގީގުކޮށްފައި ނުވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާގެ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ފުރިހަމަ ނޫން ކަަމަށް އެކަމަނާ މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އާޒިމާ ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ދައުވާތައް ފުރިހަމައަށް ތަހްގީގު ކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މި ދެ ދައުވާގައިވެސް އޭނާ އާއި އެއް ހަމައެއްގައި އަމަލު ކޮށްފައިވާ އެއްވެސް މީހަކާ މިހާތަަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އަދި އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއްވެސް ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ. މި ދައުވާތައް ފުރުހަމަ ނުވާ ކަމަށް އޭނާގެ ފަރާތުން މިއަދު ޝާރީއަތުގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

އެސްކްރޯ އެކައުންޓްގައިވާ ފައިސާ އާއި ގުޅޭ އެއްބަސްވުން އެކުލަވާލަން ރައީސް ޔާމީނަށް ލަފާދީ އެންގެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އޭރުގެ ރައީސް ހަސަން ލުތުފީގެ ބަޔާނުން ހާމަވާއިރު އާޒިމާ އަށް އެކަނި ދައުވާ ކުރަންވީ ކޮން ހަމައަކުންތޯ އޭނާ އުފެއްދެވިއެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި އެއްވެސް މީހަކާއި ސުވާލު ކޮށްފައިނުވާއިރު ބޭންކުގެ މުއައްޒަފަކާވެސް މި މައްސަލައިގައި ސުވާލު ކޮށްފައިނުވާކަމަށް ވިދާޅުވިއެވެ.

ބޭންކުގެ ލިޔުމެއް ހޯދިކަމަށް ދައުލަތުން ހާމަކުރުމުން އާޒިމާ ވިދާޅުވީ އެ ލިޔުމެއް އޭނާ ހޯއްދެވި ކަމަށެވެ. އަދި އެ ލިޔުން ހޯއްދެވީ ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ކަަމަށާ އެއީ ކުށެއް ނޫން ކަމަށާއި އޭނާގެ މަގާމުގެ ގާނޫނީ ޒިންމާއެއް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑާ އެއް ހަމައެއްގައި މިމައްސަލައިގައި އަމަލު ކޮށްފައިވާ ހުރިހާ ފަރާތެއްވާކަން އެނގެން އޮތް އިރު ޕީޖީ އޮފީހުން އަޅުގަނޑުގެ މައްޗަށް އެކަނި ދައުވާ އުފުލާފައިވަނީ ކީއްވެތޯ؟ އަދި ފުރިހަމަނުވާ ތަހުގޫގެއްގެ މައްޗަށް މިގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާތަކެއް އުފުލިދާނެތޯ؟" އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މި މައްސަލާގައި އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއްނުވެ އެވެ. އެހެންކަމުން މި މައްސަލަ ބައްލަވާ ގާޒީ ގޮތެއް ނިންމެވީ އާޒިމާގެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށެވެ.

އާޒިމާގެ ހުށަހެޅުންތަކަށް ދައުލަތުން ރައްދު ދިނުމުން އާޒިމާގެ ވަކީލް ވިދާޅުވީ ދައުލަތުގެ ފަރާތުން މިއަދުގެ ޝަރީއަތުގައި އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ ރައްދު ނުދެވޭނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން މިފަދަ މައްސަލަތަކުގައި އިބްތިދާއީ މަރުހަލާގައި ވާހަކަ ދެއްކުމަށް ލިޔުމަކުން ޝަރީއަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅާންޖެހެ އެވެ. އެހެން ކަމުން ދައުލަތުން މި މަރުހަލާގައި ހުށަހަޅާން ބޭނުންވާ ނުކުތާތަށް ލިޔުމަކުން ހުށަހެޅުމަށް އަންގާ މިއަދު ޝަރީއަތް ވަނީ ނިންމާލާފަ އެވެ. ދެން ޝަރީއަތް ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ.

މި ދައުވާ ތަކާއި ގުޅިގެން މީގެ ކުރިން އާޒިމާ ވިދާޅުވީ ތިން ސަރުކާރެއްގެ ކެބިނެޓުގައި މަސައްކަތްކޮށް، ބޮޑެތި ޒިންމާތައް އުފުލާފައިވާ އިރު މުއްސަނދި ވާން އެތައް ފުރުސަތުތަކެއް އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ފައިސާގައި ދުވަހަކު ވެސް ޖެހި ވަޑައިގެންފައި ނުވާނެ ކަމަށާއި އެފަދަ ހަދިޔާތަކާއި އެ ނޫން ވެސް އެއްޗެއްގައި ހިއްޕަވާފައި ވެސް ނުވާނެ ކަމަށެވެ. އަދި މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތު ބޮލުގައި އަޅުވާފައިވާ ކަމަށާއި އެއީ ވަޒީފާ އަދާ ކުރި ކަމަށްޓަކައި އުމުރަށް ހިމޭން ކޮށްލުމުގެ ބޭނުމުގައި އުފުލާފައިވާ ދައުވާއެއް ކަމަށްވެސް ކުރިން ވިދާޅުވިއެވެ.