އާތިފު ޝަކޫރު

އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި

Aug 14, 2022

އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުގެ ގާނޫނާ ހިލާފްވުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާ ނިމުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ އާތިފަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވާފަ އެވެ.

ގާޒީ މިއަދު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދައުވާ ލިބޭ ފަރާތުންނާއި ދައުލަތުން ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ވެސް ދެއްވާފަ އެވެ. މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަން ގާޒީ ނިންމެވީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އާތިފްގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 10،000 ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އިއްވާނެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ ނިންމުން ނިންމީ އާތިފް ޝަކޫރު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަމަށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށްވެސް އޭސީސީން އޭރު ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އާތިފް ޝަކޫރު މީގެ ކުރިން ވިދާޅުވެފައިވަނީ އެސްއޯއެފްއަށް ފިޔަވަޅު ނޭޅުމަށް އެއްވެސް އިރެއްގައި އޭނާ އަންގާފައި ނުވާނެ ކަމަށާއި އަދި އެއްވެސް އިރެއްގައި އެއްވެސް އެކައުންޓަކާ މެދު ވަކި ގޮތަކަށް ފިޔަވަޅު އަޅަން އަންގާފައި ނުވާނެ ކަމަށާއި އެފްއައިޔޫ އަކީ އެފަދަ ކަމެއް ކުރެވޭނެ މެންޑޭޓެއް އޮތް ތަނެއް ވެސް ނޫން ކަމަށެވެ. އެމްއެމްޕީއާރްސީން ހިންގި މުއާމަލާތްތަކުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަން ފާހަގަކުރެވުމާއެކު އެކަމަށް ފިޔަވަޅު އެޅިކަން ސާބިތުކޮށްދިނުމަށް އާތިފްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހަތަރު ބޭފުޅެއްގެ ނަންވެސް ކޯޓަށް ހުށަހަޅުއްވާފައިވެ އެވެ. އެގޮތުން ހެކިންގެ ހުށަހަޅުއްވާފައިވަނީ ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހީމް ނިޔާޒުގެ އިތުރުން އަހްމަދު އައްސަދާއި، ޔަމީން އާދަމްއާއި އަދި އަބްދުالله އަޝްރަފްގެ ނަމެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އޭގެ ތެރެއިން ބައެއް ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ އެކަން ނުހުއްޓުވޭނެކަން އެނގިވަޑައިގެންނެވުމުން ކަމަށްވެސް އާތިފް ވިދާޅުވެފައިވެ އެވެ. އެފްއައިޔޫގެ ވެރިޔާގެ މަސްއޫލިއްޔަތުތައް އެނގޭ ވަޒީފާ ބަޔާނުގައިވާ ގޮތުން އެފްއައިޔޫ އިން ކަންކަން ރިޕޯޓް ކުރަން ޖެހެނީ އެމްއެމްއޭގެ ގަވަރުނަރަށް ކަމަށާއި އޭނާ އެގޮތަށް އަމަލުކުރެއްވި ކަމަށްވެސް ކުރީގެ އަޑުއެހުމެއްގައި އާތިފް ވިދާޅުވެފައިވެ އެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ. އެފްއައިޔޫގެ ވެރިޔާ އައްޔަންކުރުމުގެ ބާރު ލިބިފައިވަނީ ގަވަރުނަރަށެވެ.