އާޒިމާ ޝަކޫރު

އާޒިމާގެ ޝަރީއަތްވެސް ކެންސަލްކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރަަށް ކުރާ ދެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އަޑުއެހުންތައް ކެންސަލް ކުރީ އާޒިމާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ސިޓީ އަކުން ކޯޓަށް އެންގުމާ ގުޅިގެންނެވެ.

ދައުލަތުން އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 ޖެހިއިރު ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކުރި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މީގެކުރިން އޮތް އަޑުއެހުމެއްގައި އާޒިމާ ވަނީ އޭނާއަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމަވާފައިވާ ނިންމެވުން މުރާޖައާ ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ މައްސަލަ މުރާޖައާ ކުރުމަށްފަހު މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާފަ އެވެ. އަދި އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އާޒިމާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށްވެސް ގާޒީ ވަނީ ކަނޑައަޅުއްވާފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީގެ ނިންމެވުން ހައިކޯޓާއި ސުޕްރީމް ކޯޓަށްވެސް އާޒިމާ ހުށަހެޅުއްވި އެވެ. ނަމަވެސް އެ ދެ ކޯޓުންވެސް ނިންމީ އާޒިމާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.