މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތް މިއަދުވެސް ނުފެށުނެވެ.
ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. މި ހަ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކުރީ މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން ހަސްމުން ބަޔާން އިއްވުމެވެ.
ޝަރީއަތުގައި ނިހާންގެ ވަކީލު ހުސްނީ މުބާރަކު އެދިވަޑައިގެންނެވީ ޖެނުއަރީ 18 ގައި އަމަލުކުރަން ފެށި ހެއްކާ ބެހޭ އާ ގާނޫނުގެ ދަށުން ދައުލަތާއި ދިފާއުގެ ހެކި ލިސްޓު މުރާޖައާ ކުރުމުގެ ފުރުސަތަކަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ހެކި ލިސްޓު މުރާޖައާ ކުރުމުގެ ފުރުސަތު ނުދެއްވި އެވެ.
ހެއްކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކްރިމިނަލް ކޯޓުގައި އަމަލުކުރަމުން އަންނަނީ މައްސަލަ ކުރިއަށް އޮތް ހިސާބުން ކުރިއަށް ގޮސް ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާއިރު ގާނޫނަށް ރިއާޔަތްކުރުމަށް ފުރުސަތު ދޭގޮތަށް ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.
އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިން ސްޓޭޓްމަންޓަށް ތައްޔާރުވުމަށް އިތުރު ފުރުސަތެއް ދިނުމަށްވެސް ނިހާންގެ ވަކީލު އެދިވަޑައިގެންނެވި އެވެ. ގާޒީ ވަނީ އެކަމަށް ހަތް ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.
ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.
މީގެ ކުރީން އޮތް އަޑުއެހުމެއްގައި ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް އެދިފަ އެވެ. މީގެތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި، ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.