އަހުމަދު ނިހާން ހުސައިން މަނިކު

ތަހުގީގުގެ ލިޔުންތައް ނިހާނަށް ދޭން އަންގައިފި

Jun 11, 2023

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހިންގި ތަހުގީގުގެ ލިޔެކިޔުންތައް ދޭން އަމުރުކޮށްފި އެވެ.

ތަހުގީގުގެ ލިޔެކިޔުންތައް ނިހާނަށް ދޭން ކްރިމިނަލް ކޯޓުން އަމުރުކުރީ ދައުލަތުން ނިހާންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދެ ދައުވާ އާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މައްސަލައިގެ އިފްތިތާހީ ބަޔާން -- އޯޕެނިން ސްޓޭޓްމަންޓް އިއްވުމެވެ.

ތަހުގީގުގެ ލިޔެކިޔުންތައް ދިފާއުއަށް ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިފަހުން ނިންމާފައިވާތީ އެ ހައްގު ދިނުމަށް ނިހާންގެ ވަކީލު ހުސްނީ މުބާރަކު ވަނީ ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ.

މައްސަލައިގައި އިފްތިތާހީ ބަޔާން އިއްވާފައިނުވާއިރު ހުސްނީ މުބާރަކު ވަނީ ތަހުގީގުގެ ލިޔެކިޔުންތައް ބަލަން ފުރުސަތު ދިނުމަށްފަހު ޝަރީއަތް ފެށުމަށް އެދިވަޑައިގެންފަ އެވެ.

ނިހާންގެ ވަކީލު އެހެން ވިދާޅުވުމުން ދައުލަތުގެ ވަކީލު ވަނީ ލިޔެކިޔުންތައް ދޭން ޖެހުމަކީ އިފްތިތާހީ ބަޔާން އިއްވަން އޮތް ހުރަހެއް ނޫން ކަމަށް ވިދާލުވެފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ތަހުގީގުގެ ލިޔެކިޔުންތައް ބަލަން ދިފާއުއަށް ފުރުސަތު ދިނުމަށްފަހު އިފްތިތާހީ ބަޔާން އިއްވަން އެހެން ދުވަހެއްގައި އަޑުއެހުމެއް ބޭއްވުމަށެވެ.

ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.