އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތްގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ. މާދަމާގެ އަޑުއެހުން އޮތީ ހެނދުނު 9:00 ގައެވެ.
މާދަމާ ކުރިއަށް ގެންދަން ނިންމާފައި އޮތީ ނިހާނަށް ކުރާ ހަ ދައުވާގެ ޝަރީއަތެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި ނިހާން ވަނީ ހުރިހާ ދައުވާ އަކަށް އިންކާރު ކުރައްވާފަ އެވެ.
ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.
މީގެ ކުރީންވެސް މި މިދިޔަ މަހުގެ 13 ވަނަ ދުވަހު މި މައްސަލަތަކުގެ އަޑުއެހުމެއް ބޭއްވުމަށް ނިންމި އެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުން ކެންސަލް ވީ އެވެ.
މީގެ ކުރީން އޮތް އަޑުއެހުމެއްގައި ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް އެދިފަ އެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.
ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ ފްލެޓަކީ ނިހާން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވިއިރު އަދީބު މެދުވެރިވެގެން ލިބިވަޑައިގެންނެވި 150،000 ޑޮލަރުން ގަނެފައިވާ ފްލެޓެއް ކަމަށެވެ. އަދި އެ ފައިސާގެ ޗެކް ނިހާނު ގަބޫލު ކުރެއްވީ އަދީބު ދޭ ފައިސާއަކީ ކުށް ކޮށްގެން ހޯދާ ފައިސާކަން ނިހާނަށް ޝައްކުކުރެވޭ ހާލަތުގައި ކަމަށެވެ.
ދައުލަތަށް ނަގަން އެދުނު ނިހާންގެ ރޮލެކްސް ގަޑިއަކީ ވެސް ރިޝްވަތުގެ ގޮތުގައި އަދީބު ދެއްވައިފައިވާ ހަދިޔާއެއް ކަަމަށް ދައުލަތުން ބުނެ އެވެ. އެގޮތުން 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރުމަށް ނެގި ވޯޓާ ގުޅިގެން ރޮލެކްސް ގަޑިއެއް ދިނުމަށް ނިހާނު އަދީބުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ދައުވާގައިވެ އެވެ.
އޭގެ އިތުރުން އަދީބު އެދިވަޑައިގަންނަވާ ގޮތަށް މަސައްކަތް ކުރައްވާނަމަ 650،000 ރުފިޔާ ވެސް އަދީބު، ނިހާނަށް ދެއްވައިފައިވާ ކަމަށްވެސް ދައުލަތުން ބުނެ އެވެ. އެ ފައިސާ ވެސް ދައުލަތަށް ހޯދުމަށް ޝަރީއަތުގައި އެދިފައި ވެއެވެ.