އަހުމަދު ނިހާން ހުސައިން މަނިކު

150،000 ޑޮލަރުގެ ޗެކުގައި ހިފިކަމަށް ބުނާ ދައުވާ އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރި އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.

މި ހަ ދައުވާއަށް ނިހާން އިންކާރުކޮށްފައި ވަނިކޮށް ރިޝްވަތު ހިފުމުގެ އެއް ދައުވާ މުރާޖައާ ކުރުމަށްފަހު އަނބުރާ ގެންދަން ނިންމައި ދައުލަތުން ކޯޓަށް ސިޓީއެއް ފޮނުވި އެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައި ގާޒީ އަލީ އާދަމް ނިންމެވީ އެ ދައުވާ ކުރިއަށް ނުގެންދާ ގޮތަށެވެ.

ދައުލަތުން އަނބުރާ ގެނެސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ނިހާން ހޯދައިފައިވާ ކަމަށް ބަޔާންކުރާ ދައުވާ އެވެ. މިކަމާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާއެއް ވެސް ދައުލަތުން ނިހާންގެ މައްޗަށް އުފުލާފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ވާހަކަ ދައްކާފައިވެ އެވެ.

ހެކިތަކެއް ބަލައި ނުގަންނަން ދެ ފަރާތުން ހުށަހެޅި

މި މައްސަލައިގައި ނިހާންގެ ފަރާތުން ދިފާއީ ގިނަ ހެކިތަކެއް ވަނީ ހުށަހަޅާފަ އެވެ. އޭގެތެރެއިން ގިނަ ހެކިތައް ހުށަހަޅާފައިވަނީ މައްސަލައާއި ގުޅުންހުރި ކަންކަން ސާބިތުކުރަން ނޫން ކަމަށް ޕަބްލިކް ޕްރޮސެކިއުޓާ ހައްވާ ނާހީ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު، މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު، ވިލިފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހުގެ އިތުރުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހިމެނެ އެވެ.

މީގެ ތެރެއިން ބައެއް ހެކިންނަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ނިހާން ހުންނެވި ދުވަސްވަރު އެ ކޮމިޓީގައި ތިއްބެވި މެމްބަރުންނެވެ. އެމީހުން ހުށަހެޅީ މާލިއްޔަތު ކޮމިޓީގައި ކަންކަން ހިނގާ ގޮތާއި ކޮމިޓީގެ މުގައްރިރަކީ ކިހާ ބާރުވެރި މީހެެއްކަން ސާބިތުކޮށްދިނުމަށެވެ. އެކަމަކު ދައުލަތުން ބުނެފައިވަނީ އެއީ މި ދައުވާތަކާއި ގުޅުންހުރި ކަންކަން ނޫން ކަމަށްވާތީ އެ ހެކިތައް ބަލައި ނުގަތުމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ނިހާން ހުންނެވި ދުވަސްވަރު އެ ގުރޫޕްގައި ހިމެނޭ މެމްބަރުންތަކެއް ހެކީގެ ގޮތުގައި ހުށަހަޅީ އެ މެމްބަރުން ކުރާ މަސައްކަތްތައް ސާފުކޮށްދިނުމަށް ކަމަށް ވާތީ، އެ ސަބަބާހުރެ ހެކިތައް ބަލައިނުގަތުމަށް ވަނީ އެދިފަ އެވެ.

އެކަމަކު ނިހާންގެ ފަރާތްޕުޅުން ދިފާއީ ވަކީލް ހުސްނީ މުބާރަކް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މެމްބަރެއްގެ ހައިސިއްޔަތުންނާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ހިންގާފައިވަނީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް ބުނާއިރު އެކަމުން ދިފާއުވުމަށް، އެ ތަންތަން ހިނގާ ގޮތް އެންމެ ރަގަޅަށް އެނގޭނީ އެތަންތަނުގައި ތިއްބެވި މެމްބަރުންނަށް ކަމަށެވެ. ޕީޕީއެމް ޕީޖީ ގުރޫޕާއި މާލިއްޔަތު ކޮމިޓީގައި ނިހާންގެ ދައުރަކީ ކޮބައިކަން އެނގުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ނިހާން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ބެންކް ޓަރާންސެކްޝަންތަކަކާއި، މޯބައިލް ފޮރެންސިކް ރިޕޯޓުތަކެއް އޭނާއާ ދެކޮޅު ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހަޅުއްވާފަ އެވެ.

ދިފާއީ ވަކީލް ހުސްނީ ވިދާޅުވީ އަދީބަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މޭސްތިރިޔާ ކަމަށްވާއިރު، އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާގައި ނައިބު ރައީސްކަމުން އަދީބު ވަކިކުރެއްވިއިރު ނިހާނަކީ މަޖިލީސް މެމްބަރަކަށްވާތީ ހަސަދަވެރިކަން ވެސް އޮންނަ ކަމަށެވެ. އަދީބުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ މެދު ސުވާލު އުފެދޭތީ އެ ހެކި ބަލައިނުގަތުމަށް ވެސް އެދުނެވެ.

ޕީޖީ ޝަމީމް، އަދީބުގެ ދިފާއީ ވަކީލުކަން ކުރެއްވި ދުވަސްވަރު ކުރެއްވި ޓްވީޓަކަށް ވެސް ރިއާޔަތްކުރެއްވި އެވެ. އެގޮތުން އެ ޓްވީޓުގައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ފޯނު ގެންދިޔަ ފަހުން ވަޓްސްއެޕް އަދި ޓެލެގްރާމްގައި އަދީބު އެކްޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ފޯނުންކޮށްފައިވާ މުއާމަލާތްތަކުގެ ސައްހަކަމާ މެދު ހުސްނީ ވަނީ ސުވާލު އުފައްދަވާފަ އެވެ.

މީގެ އިތުރުން ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ އެސެޓް ރިކަވަރީ ކޮމިޝަން، އޭސީސީ އަދި ފުލުހުން ހަދާފައިވާ އެއްބަސްވުމާއި ދައުލަތުން އަދީބާއެކު ހަދާފައިވާ އިއުތުރާފުގެ އެއްބަސްވުން ހާމަކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ. އެކަމަކު ދައުލަތުން ބުނެފައިވަނީ އެއްވެސް އެއްބަސްވުމެއް ހާމަނުކުރެވޭނެ ކަމަށެވެ.

އަދީބާއެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމަކީ މި މައްސަލައާއި ގުޅުން ހުރި އެއްބަސްވުމެއް ނޫން ކަމަށްވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އަދީބުގެ ހެކިބަހާ ގުޅުންހުރި އިތުރު ހެކިތައް ހުރުމުން އެ ހެކި ބަލައި ގަންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.