އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްސަލައިގައި ދެ ފަރާތުން ހުށަހަޅާ ހެކިތައް މިއަދުގެ ޝަރީއަތަށް ހުށަހެޅޭ ގޮތެއް ނުވި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކޮށްފައި އޮތީ ދެ ފަރާތުން ހުށަހަޅާ ހެކިތައް ހާމާކުރުމެވެ. ނަމަވެސް ޝަރީއަތަށް ހެކި ހުށަހެޅުމުގެ ކުރިން ދައުލަތުން ހުށަހަޅާ ހެކިތައް ދިފާއުއަށް ހާމަކޮށްދިނުމަށް އެދި ވަނީ ފޯމަކުން އެދިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ނިހާންގެ ފަރާތުން ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ދައުލަތުން ހާމަކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރު ބަޔާނެއް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ދިފާއު ބިނާކުރުމަށް މި މައްސަލައިގައި އިތުރު މީހަކަށް ދައުވާ ކޮށްފައިވޭތޯ އާއި އަދި މީހަކާ އެކީގައި އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާނަމަ އެ މައުލޫމާތު ހާމަކޮށްދިނުމަށް އެދިވަޑައިގަތެވެ. އަދި އަދީބުގެ އިތުރު ބަޔާނެއް އުޅޭނަމަ އެ މައުލޫމާތު ވެސް ހިއްސާކޮށްދިނުމަށް އެދިވަޑައިގަތެވެ.
އެ މައުލޫމާތުތައް ނެތި ހެކި ބިނާކުރުމަށް ދަތިތަކަކާ ކުރިމަތިވާނެ ކަމަށް ވެސް ދިފާއީ ވަކީލް ވިދާޅުވި އެވެ.
ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބު އެކި ދުވަސް މަތިން ބައިވަރު ބަޔާންތައް ދީފައިވާނެ ކަމަށެވެ. ދިފާއުން ފާހަގަކުރި ތާރީހުގެ ބަޔާނެއް މި މައްސަލައިގެ ތެރޭގައިވާނަމަ އެކަން ބެލުމަށްފަހު ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ބޭނުންވާ ކަމަށެވެ.
މި މައްސަލައިގެ ދައުވާގައި ހިމެނޭ ފައިސާގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ރިޝްވަތު ދިނުމާ ހިފުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ނިހާންގެ މައްޗަށް އެކަނި ކަމަށް ވެސް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވި އެވެ.
ދިފާއުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފޯމަކުން އެދުމުން އެ މައުލޫމާތުތައް ލިޔުމުން ހިއްސާކުރުމަށް ދައުލަތަށް ވަނީ 10 ދުވަހުގެ މުއްދަތެއް ގާޒީ އަލީ އާދަމް ދެއްވާފަ އެވެ. އަދި ދައުލަތުން މައުލޫމާތު ހާމަކުރުމުން ހެކި ބިނާކުރުމަށް އިތުރު 10 ދުވަސް ދިފާއަށް ވެސް ދެއްވި އެވެ.
އެހެންކަމުން މި މައްސަލައިގައި ޝަރީއަތަށް ހެކި ހުށަހެޅުމުގެ ބައި ކުރިއަށް ދާނީ މި ކަންކަން ނިމުމުންނެވެ.
މި މައްސަލައިގައި ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާތައް އިއްވުމުން ނިހާން ވަނީ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ. ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.