ހަބަރު

ނިހާނަށް ދައުވާކޮށް ކޯޓަށް ފޮނުވައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާކޮށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ނިހާންގެ މައްޗަށް ދައުވާކުރަނީ މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިފައިވާ ފައިސާ އޭނާ އަށް ލިބުނު މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރިޔާސީ ކޮމިޝަން ގުޅިގެން ކުރި ތަހުގީގަށް ފަހު ދައުވާކޮށްދިނުމަށް އެދި ހުށަހެޅުމުން ކަމަށެވެ.

މިގޮތުން، ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަދު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބާރުގެ ދަށުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އެ ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އަދި ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފައި އެވެ.

އެއާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނާއި، ގާނޫނުލްއުގޫބާތާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޖުމްލަ ހަ ދައުވާއެއް ވަނީ ކޮށްފަ އެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާތައް

މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިފައިވާއިރު، އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެކަމަށްޓަކައި ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން، 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ
މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ގަޑިއެއް ދިނުމަށް އަދީބު ގާތު އެދި އޭތި ބަލައިގެންފައިވާތީ، ރިޝަވަތަށް އެދުމާއި ރިޝްވަތު ހިފުމުގެ ދައުވާވެސް ނިހާންގެ މައްޗަށް ވަނީ ކޮށްފައި އެވެ.

އަދި ނިހާން މަޖިލީހުގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުމަށް 650،000 ދިވެހި ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އޭގައި ހިފައިވާތީ، ރިޝަވަތަށް އެދުމާއި ރިޝްވަތު ހިފުމުގެ އިތުރު ދައުވާއެއް ވެސް ނިހާންގެ މައްޗަށް އުފުލާފައިވާކަމަށް ޕީޖީން ބުންޏެވެ.

މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެކަމަށް ޕީޖީގެ އޮފީހުން އިތުރަށް ބުނެފައިވެ އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކަށް ހުންނެވި ނިހާން ރާއްޖެއިން ބޭރަށް ފުރުންވެސް ވަނީ މަނާކޮށްފައެވެ. ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ ފުރައިގެން ބޭރަށް ދާން އުޅޭތީ ކަމަށް އަޑުފެތުރުނު ނަަމަވެސް އެ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ނިހާންއާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވެއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިހާން އެ ކޮމިޝަނަށް ހާޒިރުކުރިކަން އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ޖުމްހޫރީ ޕާޓީން ސިލްސިލާކޮށް ބާއްވަމުންދިޔަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ނިހާން ކޮންމެރެއަކުން އޭރު ވާހަކަ ދެއްކެވިއެވެ.

ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. ބޮޑު ހިޔާނާތުގެ ކަޅު ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ލިބިފައިވާ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. އެ ހިޔާނާތުގެ ތުުހުމަތު 18 ވަނަ މަޖިލީހުގެ ގިނަ މެންބަރުންނަށް ކުރެއެވެ.