އަހުމަދު ނިހާން ހުސައިން މަނިކު

ނިހާންގެ ޝަރީއަތް މިއަދުވެސް ކުރިއަކަށް ނުދިޔަ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތް މިއަދުވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކޮށްފައި އޮތީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ދައުލަތުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކެއް ސާފުނުވާ ކަމަށް ދިފާއުން ބުނުމުން އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

ނިހާންގެ ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވީ ދައުލަތުގެ ފަރާތުން ސީޑީއެއްގައި ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ހުށަހަޅާފައިވާއިރު އެ ސީޑީ ނުހުޅުވޭ ކަމަށެވެ. އަދި ހާޑްކޮޕީގެ ބައެއް ލިޔެކިޔުންތައް ކިޔަން ނޭނގޭ ކަމަށެވެ. އެހެންކަމުން ގާޒީ އަލީ އާދަމް ވަނީ އަނެއްކާވެސް ލިޔެކިޔުންތަކުގެ ހާޑުކޮޕީ ދިފާއަށް އަދި ޝަރީއަތަށް ހުށަހެޅުމަށް އަންގަވާފަ އެވެ. ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ދައުލަތަށް ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީސް ބާއްވާނީ ހުރިހާ ފަރާތަކުން ކޯޓަށް ހާޒިރުވެގެން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ދާނީ ދައުވާއަށް ޖަވާބުދާރީވާ ބައެވެ.

ނިހާންގެ ޝަރީއަތް މީގެ ކުރިންވެސް ތަފާތު މައްސަލަތައް ދިމާވެގެން ކެންސަލްކޮށްފައިވެ އެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.

ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.