އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.
ނިހާނަށް ކުރާ ހަ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.
ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި ނިހާން ވަނީ ހުރިހާ ދައުވާ އަކަށް ވެސް އިންކާރުކުރައްވާފަ އެވެ. ދައުވާތަކާ ގުޅިގެން ނިހާން ވަނީ ސިޔާސީ މައިދާނާ ވަރަށް ބޮޑަށް ދުރަށް ޖެހިވަޑައިގެންފަ އެވެ.
ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.
ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.
ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށްވެސް ޝަރީއަތުގައި އެދިފަ އެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.
ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފްލެޓަކީ ނިހާން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވިއިރު އަދީބު މެދުވެރިވެގެން ލިބިވަޑައިގެންނެވި 150،000 ޑޮލަރުން ގަނެފައިވާ ފްލެޓެއް ކަމަށެވެ. އަދި އެ ޗެކް ނިހާނު ގަބޫލުކުރެއްވީ އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާ ފައިސާކަން ނިހާނަށް ޝައްކުކުރެވޭ ހާލަތުގައި ކަމަށެވެ.
ދައުލަތަށް ނަގަން އެދުނު ނިހާންގެ ރޮލެކްސް ގަޑިއަކީ ވެސް ރިޝްވަތުގެ ގޮތުގައި އަދީބު ދެއްވައިފައިވާ ހަދިޔާއެއް ކަަމަށް ދައުލަތުން ބުނެ އެވެ. އެގޮތުން 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމަށް ނެގި ވޯޓާ ގުޅިގެން ރޮލެކްސް ގަޑިއެއް ދިނުމަށް ނިހާނު އަދީބުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ދައުވާގައިވެ އެވެ.
އޭގެ އިތުރުން އަދީބު އެދިވަޑައިގަންނަވާ ގޮތަށް މަސައްކަތް ކުރައްވާނަމަ 650،000 ރުފިޔާ ވެސް އަދީބު، ނިހާނަށް ދެއްވައިފައިވާ ކަމަށްވެސް ދައުލަތުން ބުނެ އެވެ. އެ ފައިސާ ވެސް ދައުލަތަށް ހޯދުމަށް ޝަރީއަތުގައި އެދިފައި ވެއެވެ.