އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ އޭރުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ހެކީގެ ގޮތުގައި ނިހާން ހުށަހަޅާފައިވާ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ކްރިމިނަލް ކޯޓުން ބަލައިގެންފި އެވެ.
ނިހާނަށް ކުރާ ދައުވާއާ ގުޅިގެން ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ހެއްކެއްގެ ގޮތުގައި ޕީޖީ ޝަމީމުގެ ނަން ބަލައިގަތުމާ ގުޅިގެން މިއީ ކްރިމިނަލް ކޯޓުގައި ޕީޖީގެ މަގާމުގައި ހުންނަވައިގެން ބޭފުޅަކު ހެކިބަސް ދޭނެ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.
ޕީޖީ ޝަމީމު ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ދައުލަތުން އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ހެއްކެއްގެ ގޮތުގައި ޝަމީމު ބަލައިނުގަނެވޭނެ އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.
ނިހާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޝަމީމްގެ ނަން ހުށަހެޅީ އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތިވި ދުވަސްވަރު އަދީބުގެ ވަކީލެއްގެ ގޮތުގައި ޝަމީމް ހުންނަވައިގެން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
މަހްލޫފާއި އަލީ ވަހީދު ދިފާއީ ހެކީގެ ގޮތުގައި ގާޒީ ބަލައިގަތީ ދައުލަތުން އެކަމަށްވެސް ދެކޮޅު ހަދާފައި ވަނިކޮށެވެ. މަހްލޫފްގެ ނަން ހެކީގެ ގޮތުގައި ހުށަހެޅީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގައި މަހްލޫފް ވެސް ކުރިން މަސައްކަތް ކުރައްވާފައިވާތީ އެ ގުރޫޕްގައި މައްސަލަތަކުގައި ކަންކަން ނިންމާ ގޮތް ސާބިތުކޮށްދިނުމަށެވެ. އަލީ ވަހީދުގެ ނަން ހުށަހެޅީ ފުލުހުން ތައްޔާރުކޮށްފައިވާ އަދީބުގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް ސާބިތުކޮށްދޭށެވެ.
ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމުގެ ނަން ވެސް ހުށަހެޅި އެވެ. އެއީ އެ ދެ ބޭފުޅުންނަކީ ވެސް ނިހާނާ އެކު މަޖިލީހުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާތީ މާލިއްޔަތު ކޮމިޓީގައި އޮޑިޓް ރިޕޯޓްތަކާ މެދު އަމަލުކުރި ގޮތް ސާބިތު ކުރުމަށެވެ. ނަމަވެސް އެއީ ދައުލަތުގެ ދައުވާގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް އާއި ނައިބް ރައީސް ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި މަޖިލީހުގެ ކުރީގެ މެންބަރުން ކަމުގައިވާ އިބްރާހިމް ފަލާހާއި ރިޔާޒު ރަޝީދާއި އަލީ އާރިފާއި އަބްދުﷲ ރިފާއުއާއި އިބްރާހިމް ޝުޖާއުގެ އިތުރުން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ނަން ވެސް ހުށަހަޅާފައިވެ އެވެ. އަދި މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރުވެސް ތިއްބެވި އޭދަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމްއާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ ނަންވެސް ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅުވި އެވެ. މިބޭފުޅުން ދިފާއީ ހެކިންގެ ގޮތުގައި ގާޒީ ބަލައިގެންނެވި އެވެ.
ނިހާން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ބަލައިނުގަތުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ ހުށަހެޅުން ބަލައިނުގަތުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރި އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. މި ހަ ދައުވާއަށް ނިހާން އިންކާރުކޮށްފައި ވަނިކޮށް ރިޝްވަތު ހިފުމުގެ އެއް ދައުވާ މުރާޖައާ ކުރުމަށްފަހު އަނބުރާ ގެންދަން ނިންމައި ދައުލަތުން ކޯޓަށް ސިޓީއެއް ފޮނުވި އެވެ.
ނިހާންގެ ދިފާއީ ހެކިތަކާ މެދު ގާޒީ މިއަދު ގޮތް ނިންމަވާފައިވާތީ ދައުވާތަކާ ގުޅިގެން ދެން އޮންނާނީ ޝަރީއަތް ފެށުމަށްފަހު ހެކި ބަސް ނެގުމެވެ.