އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއަށް އިންކާރުކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުންތައް ފަށައިފައިވާއިރު ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ. ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ.
ދައުވާއަށް އިންކާރުކުރައްވަމުން މަހުލޫފުގެ ފަރާތްޕުޅުން ދިފާއީ ވަކީލް ޝީނާ މުހައްމަދު ވިދާޅުވެފައި ވަނީ އެ މުއާމަލާތަކީ ވިޔަފާރީގެ ބޭނުމަށް ހިންގި މުއާމަލާތެއް ކަމަށެވެ. އެ ފައިސާ އަކީ މަހުލޫފުގެ ކޮއްކޮ، އަލީ މުބީން މެދުވެރިކޮށް އެސްއޯއެފަށް ނަގުދު ފައިސާ ދިނުމަށްފަހު ގަތް ޑޮލަރުތަކެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ދައުލަތުން ބުނެފައި ވަނީ ޑޮލަރު ގަތްކަމަށް ބުނާ މަހުލޫފުގެ އާއިލީ ވިޔަފާރި، "ދަ ޖީންސް" އަކީ އެފަދަ މުއާމަލާތެއް ހިންގޭނެ މާލީ ތަނަވަސްކަން ހުރި ވިޔަފާރިއެއް ނޫން ކަމަށެވެ. އެ ބިލަށް ވޯޓުލުމުގެ ކުރިން މަހުލޫފު ހުންނެވީ މެލޭޝިޔާގައި ކަމަށާއި ވޯޓާ ދިމާކޮށް ރާއްޖެ ވަޑައިގެންނެވި ކަމަށެވެ. ވޯޓުލައި ނިމުމާއިއެކު އަނެއްކާ ވެސް އެނބުރި ބޭރަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ އަމިއްލަ ބޭނުމަށް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މަހުލޫފު ދައުވާއަށް އިންކާރުކުރެއްވުމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފަ އެވެ. އެގޮތުން ހަތް ޝަފަހީ ހެކިންނާއި 24 ކިތާބީ ހެކިން ހުށަހެޅި އެވެ.
ދައުލަތުން ހުށަހެޅި ޝަފަހީ ހެކިންގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، އެސްއޯއެފްގެ އޭރުގެ އެކައުންޓެންޓަކަށް ހުރި ސްރީ ލަންކާގެ ރައްޔިތަކާއި، އެސްއޯއެފް ކުންފުނީގެ ވެރިންނަށް ތިބި އަހުމަދު އިޝްފާހު އަލީ އަދި މުހައްމަދު އައްލާމް ލަތީފް ހިމެނެ އެވެ. ކިތާބީ ހެކިންގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އަދީބާއި މަހުލޫފާ ދެމެދު ފޮނުވާފައިވާ މެސެޖުތަކެއް ހިމެނެ އެވެ.
ދައުލަތުން ބުނެފައި ވަނީ ކަމެއް އެރޭންޖް ކޮށްދިނުމަށް އެދި މަހުލޫފްގެ ފޯނުން އަދީބަށް މެސެޖެއް ފޮނުވާފައިވާ ކަމަށެވެ. އޭގެ ފަހުން އަދީބަށް ޝުކުރު އަދާކޮށް މެސެޖެއް ފޮނުވާފައިވާ ކަމަށެވެ. މި މެސެޖުތައް ގުޅުވައިލެވޭ ގޮތަކީ، މަހުލޫފުގެ އެކައުންޓަށް ފައިސާ ޖަމާވި ދުވަހާއި، ވޯޓުލީ ދުވަހާއި ދިމާވާތީ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މަހުލޫފުގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ ގޮތުގައި، އައްލާމާއި، އިޝްފާހު ފުލުހުންނަށް ދިން ބަޔާން ހިމެނެ އެވެ.
މަހުލޫފު ވިދާޅުވަނީ މައްސަލަ ނުބެލޭނެ ކަމަށް
މިއަދުގެ އަޑުއެހުމުގައި މަހުލޫފުގެ ފަރާތްޕުޅުން ވަނީ ދައުލަތުގެ ގިނަ ހެކިތަކަކާމެދު ސުވާލު އުފައްދައިފަ އެވެ. އެ ސުވާލުތައް އުފުދޭތީ މިއީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައިދެއްވުމަށް އެދިވަޑައިގަތެވެ.
ދިފާއީ ވަކީލް ޝީނާ ވިދާޅުވެފައި ވަނީ މަހުލޫފު ރިޝްވަތު ހިފިކަމަށް އޮތް ހަމައެކަނި ހެއްކަކީ އަދީބު ވިދާޅުވެފައިވާ ވިދާޅުވުމެއް އެކަނި ކަމަށެވެ. އަދީބަކީ މަހުލޫފާއި ރުޅިވެރިކަން އޮންނަ މީހެއް ކަމަށާއި އަދި އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފައިވާ ކަމަށް ވިދާޅުވި އެވެ.
ދެން ޝީނާ ފާހަގަކުރެއްވީ މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅައިފައިވާ އިތުރު ކިތާބީ ހެކިތަކެވެ. އެގޮތުން އަދީބާއި މަހުލޫފާ ދެމެދު ކޮށްފައިވާ މެސެޖުތަކުގެ އެއްވެސް ހިސާބެއްގައި އެއީ ފައިސާ އާއި ގުޅިގެން ކޮށްފައިވާ މެސެޖުތަކެއްކަން އެނގެން ނެތް ކަމަށެވެ. އަދި ބެންކް ސްޓޭޓްމެންޓްތަކަކީ ވެސް ދައުވާގައި ބަޔާންކުރާފަދަ އެއްވެސް އުންސުރެއް ހަމަވާ ހެކިތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މަހުލޫފު އޭރު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، އޭނާ ހުންނެވި މަގާމުގެ ގޮތުން ވެސް ރިޝްވަތު ނަގަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތުން ބުނެފައި ވަނީ އަދީބުގެ ދީފައިވާ ބަޔާނުގެ އިތުރުން މިކަމަށް ބާރުލިބިދޭ އިތުރު ހެކިތަކުން މައްސަލަ ސާބިތުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މެމްބަރުން މަޖިލީހުގައި ވަކި ގޮތަކަށް ވޯޓު ދިނުމަށް އޭރު ނަގަމުން އައީ ފަސް ލައްކަ ރުފިޔާ ކަމަށާއި މަހުލޫފު ވެސް ފައިސާ ނެންގެވީ އެގޮތުގެ މަތިން އެ އަދަދަށްވާވަރަށް ޑޮލަރު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އޭރު މަހުލޫފު ޕީޕީއެމްގައި ހުރުމަކުން އެއީ ރިޝްވަތު ނުނަގަންވީ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
ދިފާއީ ވަކީލް ޝީނާ އިތުރަށް ފާހަގަކުރައްވާފައި ވަނީ، މި މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ރަސީދުތަކުން ވެސް އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން އެނގެން އޮތް ކަމަށެވެ. އަދި އައްލާމް ލަތީފުގެ ބަޔާނުން ވެސް، ޑޮލަރު ގަންނަން އެސްއޯއެފް އޮފީހަށް މަހުލޫފުގެ ކޮއްކޮ އަލީ މުބީން ގޮސް އުޅެނިކޮށް ފެނިފައިވާ ކަމަށް ބުނެފައި ވާތީ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެ ރަސީދުގައި ޖަހައިފައި ވާ ސިއްކައާއި ސްޓޭމްޕަކީ އެ ކުންފުންޏަށް ނިސްބަތްވާ އެއްޗެހި ކަމަށް އައްލާމް ވެސް އަދި އިޝްފާހު ވެސް ބުނެފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
އެކަމަކު އެ ރަސީދަކީ އުފައްދާފައިވާ ރަސީދެއް ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ. އެކަމަށް ރައްދު ދެއްވަމުން މަހުލޫފު ވިދާޅުވެފައި ވަނީ، ކުންފުންޏަކުން އެގޮތަށް ދޭ ރަސީދެއްގެ ސައްހަކަމާމެދު ސުވާލު އުފެދިއްޖެނަމަ އެކަމުގެ ޒިންމާ އެނާ ނަންގަވަން ނުޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވެފައި ވަނީ އަދިބާއި އޭނާ އާއި ދެމެދު އޭރު އޮތް ރުޅިވެރިކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ. މަހުލޫފު ދިރިއުޅޭ ގެއަށް އަދީބު ގޭންގެއް ފޮނުވިކަން ވެސް ފާހަގަކުރެއްވި އެވެ.
މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ދައުލަތުން ވަނީ މި މައްސަލަ ބައްލަވާ ގާޒީގެ މަސްލަހަތު މި މައްސަލައިގައި އޮތް ކަމަށް ބުނެފަ އެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ، މުހައްމަދު މިސްބާހަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ބޮޑު ހިޔާނާތުގެ އެންމެ މުގުލުގައި ހުރި އަބްދުﷲ ޒިޔަތުގެ ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ. ކޯޓުން މީގެ ކުރިން އެކަމަށް ގޮތެއް ނިންމި ނަމަވެސް މިއަދުގެ އަޑުއެހުމުގައި އަލުން އެކަމަށް ގޮތެއް ނިންމުމަށް އެދުނެވެ.
އެކަމަށް ރައްދު ދެއްވަމުން މަހުލޫފް ވިދާޅުވެފައި ވަނީ ދައުލަތުން އެގޮތަށް ވާހަކަދައްކާއިރު، ޕްރޮސެކިއުޓާ ޖެނެރަލް އަކީ އަދީބުގެ ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ދައުލަތުން ދައްކާ ވާހަކަތައް ހަމަނުޖެހޭ ކަމަށެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ދައުލަތުގެ އިތުރު ކަންބޮޑުވުންތަކެއް ހުރިނަމަ އިދާރީ ގޮތުން ސިޓީއިން އެކަން ހުށަހެޅުމަށެވެ. އަދި ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ އެކަން އިސްތިއުނާފް ވެސް ކުރެވޭނެ ކަމަށެވެ.
ހެކިތަކާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވާހަކަދެއްކި އެވެ. މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ކަނޑައެޅުމުގެ ކުރިން މައްސަލަ ދިރާސާ ކުރައްވަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ގޮތެއް ނިންމުމަށް އަންނަ މަހުގެ ތެރޭގައި އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.