އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކޯޓުން މިއަދު ބޭރުކޮށްލާފައިވާތީ މައްސަލައިގެ ލިޔުންތައް ލިބުމުން އިސްތިއުފާނު ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ޕީޖީ އޮފީހުން ބުނީ މައްސަލަ ނިންމި ގޮތުގެ ލިޔެކިޔުންތައް ލިބުމުން އިސްތިއުނާފު ކުރުމާމެދު ނުވަތަ އަލުން ދައުވާ ކުރުމާމެދު ގޮތް ނިންމާނެ ކަމަށެވެ.
މަހުލޫފްގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހު ފަށާއިފައިވާއިރު އެދުވަހު މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. އަދި މި މައްސަލައިގައި ހެކި ހޯދާފައިވާ ގޮތަށް ބަލާއިރު މިއީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުންޏެވެ.
އެދުވަހު ދެފަރާތުން ފާހަގަކުރި ކަންކަމަށާއި އަދި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކި ވަޒަންކުރާއިރު މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ގާޒީ މުހައްމަދު މިސްބާހު މިއަދު ވަނީ ނިންމަވާފަ އެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން، މަހުލޫފަށް އަދީބު ރިޝްވަތު ދިން ކަމަށް އެނގެން އޮތް ސީދާ ހެއްކަކީ އަދީބު ދީފައިވާ ބަޔާން ކަން ގާޒީ ފާހަގަކުރެއްވި އެވެ. އެކަމަށް ދައުލަތުން ވެސް ވަނީ ކުރިން އެއްބްސްވެފަ އެވެ. އެދުވަހު ދައުލަތުން ބުނެފައި ވަނީ އެކަން އެހެން އޮތް ނަމަވެސް، އަދީބުގެ ހެކިބަހާ ގުޅުވައިލެވޭ އެހެން ހެކި ގަރީނާ ލިބިފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މި މައްސަލައިގައި މަހުލޫފަށް އަދީބު ރިޝްވަތު ދިންކަމަށް ބުނެފައިވީ ނަމަވެސް، އޭނާ އެހެން ބުނެފައި ވަނީ އެސްއޯއެފްގެ އިސް ވެރިޔެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ. އަދީބުގެ ބަޔާނުގައި، މަހުލޫފަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެފައި ވަނީ އައްލާމްއާ ހަވާލާދީ އެވެ.
ގާޒީ ވިދާޅުވެފައި ވަނީ އަދީބު އެހެން ބުނި ނަމަވެސް މި މައްސަލައިގައި ހެކިބަސް ދީފައިވާ އިތުރު މީހުންގެ ބަޔާނާ އަދީބުގެ ބަޔާނާ ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެގޮތުން އައްލާމްގެ ބަޔާނުގައި އޭނާ މެދުވެރިކޮށް މަހުލޫފަށް އެއްވެސް ފައިސާއެއް ނުވަތަ ޗެކެއް ދީފައިވާ ކަމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
މީގެ އިތުރުން، އައްލާމް މެދުވެރިކޮށް މަހުލޫފަށް ފައިސާ ދިން ކަމަށް އަދީބު ބުނާއިރު، އެ ފައިސާ ދައުރުކުރި ގޮތުގެ އެއްވެސް ތަފްސީލެއް އަދީބު ކިޔައިދީފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
"އަދީބު އަކީ ލާބައެއް ލިބިދާނެ ކަމުގެ އުންމީދެއް ނެތް އަދި ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި މި މައްސަލައިގައި ހެކިބަސް ދޭން ހުރި މީހެއް ކަމަށް ބެލެވޭކަށް ވެސް ނެތް،" ގާޒީ ވިދާޅުވި އެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އަދީބާއި މަހުލޫފާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކެއް ހިމެނޭއިރު، އެ މެސެޖުތަކުގައި އަދީބުގެ ކިބައިން މަހުލޫފު ކަމަކަށް އެދިފައި ވަނީ އެސްއީޒެޑް ބިލަށް ވޯޓު ނަގައި ނިމުނު ފަހުން ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މަހުލޫފަށް ރިޝްވަތު ދިން ދުވަސްވަރު، މަޖިލީހުގައި ވޯޓު ހޯދުމަށް މެމްބަރުންނަށް ބަހަމުން ދިޔައީ ވޯޓަކަށް ފަސް ލައްކަ ރުފިޔާގެ މަގުން ކަމަށް އަދީބު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މަހުލޫފަށް ދީފައި ވަނީ އެ ފައިސާއަށް ވާވަރަށް ޑޮލަރު ކަމަށް އަދީބާ ހަވާލާދީ ދައުލަތުން ފާހަގަކޮށްފައިވީ ނަމަވެސް، އެ އަދަދަކީ ވޯޓަކަށް އެދުވަސްވަރު ފައިސާ ބަހަމުން އައި އަދަދުކަން ސާބިތުކޮށްދޭ އިތުރު ހެއްކެއް ނެތް ކަމަށް ވެސް ގާޒީ ވަނީ ފާހަގަކުރައްވާފަ އެވެ.
ދައުލަތުން ބުނެފައި ވަނީ ކަމެއް އެރޭންޖް ކޮށްދިނުމަށް އެދި މަހުލޫފްގެ ފޯނުން އަދީބަށް މެސެޖެއް ފޮނުވާފައިވާ ކަމަށެވެ. އޭގެ ފަހުން އަދީބަށް ޝުކުރު އަދާކޮށް މެސެޖެއް ފޮނުވާފައިވާ ކަމަށެވެ. މި މެސެޖުތައް ގުޅުވައިލެވޭ ގޮތަކީ، މަހުލޫފުގެ އެކައުންޓަށް ފައިސާ ޖަމާވި ދުވަހާއި، ވޯޓުލީ ދުވަހާއި ދިމާވާތީ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
ގާޒީ އިތުރަށް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އަދީބުގެ ހެކިބަހަށް ބާރުލިބޭ އިތުރު ހެކި ގަރީނާ ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ.
"މި ދައުވާގައި ބުނާ 33000 އެމެރިކާ ޑޮލަރުގެ ޗެކު ލިބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައިކަމަށް ބުނާ ވާގިޔާ ވުޖޫދުވެފައި އޮތްކަމަށް ބުރަވެވޭ ފަދަ ހުށަހެޅުމެއް ހުށައަޅާފައެއް ނެތް. އަދި މި މައްސަލައިގައި ޝަރީއަތެއްކޮށް ހެކިންގެ ހެކިބަސް ނެގިކަމުގައި ވިޔަސް އަދީބު، އެސްއޯއެފްގެ ޗެކެއް ބޭނުންކޮށްގެން ރިޝްވަތު ދިނުމުން، އަހުމަދު މަހުލޫފު ރިޝްވަތު ހިފީކަން ސާބިތުކޮށްދެވިދާނެ ފުރުސަތު އޮތް ހެކިތަކެއް ކަމަށް ބެލެވޭނެ ހުށަހެޅުމެއް ހުށައަޅާފައެއް ނެތް،" ގާޒީ މިސްބާހު ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގުކޮށްގައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގައި ފައިސާގެ މުއާމަލާތް ހިނގި ގޮތާމެދު އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ. މި މައްސަލައިގައި ހޯދަން ޖެހޭ އެންމެ މުހިންމު ހެއްކަކީ ރިޝްވަތު ހިފުމުގެ މުގާބިލަކީ ކޮބައިކަމަށްވާއިރު، މައްސަލަ ތަހުގީގުކޮށްފައި ވަނީ ހެކި ހޯދުމަށްވުރެ ބޮޑަށް ދިފާއީ ހެކި ނަފީކުރުމަށް އިސްކަން ދީގެން ކަމަށް ގާޒީގެ ނިންމުމުގައި ފާހަގަކުރައްވާފައިވެ އެވެ.
އެހެންކަމުން މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައަކަށް ނުވާތީ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށްފައިވާ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.