އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކޯޓުން ބޭރުކޮށްލީ ގާނޫނު ދަންނަ އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފި އެވެ.
ހައިކޯޓުގައި މިއަދު ވަނީ މަހުލޫފުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުގެ އިސްތިއުނާފީ އަޑުއެހުންތައް ފަށާފަ އެވެ.
އިސްތިއުނާފީ ނުކުތާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ، ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ނިންމާއިރު ހެކިތައް ވަޒަންކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގައި ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ ކުށުގެ އުންސުރުތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައި ހުރި ވަކިވަކި ހެކިތައް ވަޒަންކޮށްފަ އެެވެ. ވަކި ހެއްކަކީ ކޮން އުންސުރެއް ސާބިތުކުރަން ހުށަހަޅާފައިވާ ހެއްކެއް ކަން ބަޔާންކުރައްވާފައިވާ ކަމަށާއި، މި މަރުހަލާގައި އެކަމަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލާ އިތުރަށް ވިދާޅުވީ މި މަރުހަލާގައި ހެކިތަކާ ގުޅޭ ގޮތުން ވާހަކަދައްކައިފިނަމަ، ޝަރީއަތުގައި ހެކިބަސް ނަގައި ނިމުމަށްފަހު ހެއްކާ ބެހޭ ގޮތުންނާއި ހުލާސާ ބަޔާނުގެ ބޭނުން ކެނޑިގެންދާ ކަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ މި މައްސަލަ އަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަން ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ އިސްތިއުނާފީ ނުކުތާއަށް ޖަވާބު ދެއްވަމުން މަހުލޫފުގެ ދިފާއީ ވަކީލް ޝީނާ މުހައްމަދު ވިދާޅުވީ ދައުލަތުން މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ވަކިވަކި ހެކިތަކުގެ ފުނަށް ގޮސް ދަށު ކޯޓުގެ ގާޒީ ހެކި ވަޒަން ކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގެ އެއް ވާގިޔާއަކީ މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ވަން ކަމަށް ބުނުން ކަމަށްވާއިރު، އެ ޗެކު ޖަމާވިކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައި ވަނީ ސައްކަ ހެއްކެއް ކަމަށް ގާޒީ ބައްލަވާފައިވާ ކަމަށެވެ.
ހެކިތަކާ ގުޅޭގޮތުން ދެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވެސް ވާހަކަދެއްކެވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ މައްސަލަތަކުގައި ސީދާ ހެއްކާއި ނުސީދާ ހެކި ހުންނަ ކަމަށާއި މި މައްސަލައިގައި ސީދާ ހެއްކަށް ބާރު ލިބޭ ބައިވަރު ނުސީދާ ހެކި އެބަހުރި ކަމަށެވެ. އެ ފައިސާ މަހުލޫފުގެ އެކައުންޓަށް ވަން ކަމަށް މަހުލޫފު އިންކާރު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ އޮމާން، އެމެރިކާގެ ނިއުޔޯކް، އިންޑިއާގެ ބެންގަލޫރު އަދި ތައިލެންޑްގެ ބެންކޮކް ފަދަ ގައުމުތަކަށް މަހުލޫފު ވަޑައިގެން ކްރެޑިޓް ކާޑަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
މަހުލޫފު މިއަދުވެސް ވިދާޅުވީ ޒާތީ މައްސަލައެއް ކަމަށް
ޝަރީއަތުގެ މިއަދު އަޑުއެހުމުގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ފެށުނީއްސުރެ މި މައްސަލައިގައި އޭނާއާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށެވެ. އެގޮތުުން ހަ ދުވަހާއި 10 ދުވަސްތެރޭ ދައުވާ އުފުލާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ތަކުރާރުކޮށް ވިދާޅުވިއިރު، މި މައްސަލައިގައި ދައުވާކުރަން ހަ މަސް ނެގި ކަމަށް ވިދާޅުވި އެވެ.
އަދި ސޯޝަލް މީޑިއާގައި ލީކުވި ޕީޖީ ޝަމީމް ކޮށްފައިހުރި މެސެޖުތަކެއްގެ ވާހަކަ ވެސް ވިދާޅުވި އެވެ. އެ ޗެޓް ލޮގަކީ ޔޫތު މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި އަހުމަދު އަޒުމޫނަށް ޕީޖީ ކޮށްފައި ހުރި މެސެޖުތަކެކެވެ.
މަހުލޫފު ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރަން ހުރި އެންމެ އިސް ބޭފުޅާ ސޯޝަލް މީޑިއާގައި އޭނާގެ މައްސަލައަށް ނިސްބަތްކޮށް ހުތުރުކޮށް ވާހަކަތައް ދެއްކުމަކީ މި މައްސަލަ ޒާތީ ވެފައި އޮތް މިންވަރު އެނގިގެންދާ ކަމެއް ކަމަށެވެ.
ދައުލަތުން ވަނީ މަހުލޫފުގެ ވާހަކަތައް ހުއްޓުވައި ކަމާ ނުގުޅޭ ވާހަކަތައް ދައްކާތީ އިއުތިރާޒް ކޮށްފަ އެވެ.
"އަޅުގަނޑުގެ ހައްގުތަކާ ގުޅޭގޮތުން މިނޫނީ [ކޯޓުގައި] ދެން ކޮންތަނެއްގަތޯ ވާހަކަދައްކާނީ. އަޅުގަނޑު މިދަންނަވަނީ ފެށުނީއްސުރެ ދައުލަތުން އަޅުގަނޑާ މެދު އަމަލުކުރަމުން އައި ގޮތް. އަޅުގަނޑުގެ އަމިއްލަ ކްރެޑިޓް ކާޑަކުން ކޮންމެ ތަނަކު ބޭނުންކުރިޔަސް ހެވޭ. އެއީ މިކަމާ ބެހޭ ކަމެއް ނޫން،" މަހުލޫފު ވިދާޅުވި އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެފަރާތުން ވަނީ ހުލާސާކޮށް ވާހަކަ ދައްކައި އަޑުއެހުންތައް ނިންމާލާފަ އެވެ. އެހެންކަމުން ދެން އޮންނާނީ މައްސަލައިގެ ހުކުމް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.
މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.