ހައިކޯޓް

މަހުލޫފުގެ މައްސަލަ: ވައިބާ ޗެޓުލޮގު ތަކާމެދު ސުވާލު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގައި ދައުލަތުން ދަށު ކޯޓުގައި ދައްކާފައިނުވާ ވައިބާ ޗެޓުލޮގްތަކަކާ ގުޅިގެން ހައިކޯޓުން ދައުލަތާ ގިނަ ސުވާލުތަކެއް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފަ އެވެ. ހައިކޯޓުން މިމަހުގެ 13 ވަނަ ދުވަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައި ވަނިކޮށް މިއަދު އަޑުއެހުމެއް ބާއްވާފައި ވަނީ މައްސަލަ ދިރާސާކުރަމުން ދިޔައިރު ސާފުކުރަން ޖެހޭ ބައެއް ކަންކަން ހުރުމުންނެވެ. އެގޮތުން މަހުލޫފާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ވައިބާ ގުރޫޕެއްގައި ދައްކާފައިހުރި ވާހަކަތަކެއްގެ ޗެޓުލޮގުތަކެއް އިސްތިއުނާފީ ފޯމާއެކު ދައުލަތުން ހުށަހަޅާފައިވެ އެވެ.

ބެންޗުން އަމާޒުކުރި ސުވާލުތަކުގެ ތެރޭގައި، ވައިބާ ގްރޫޕްގެ ޗެލޮގުތަކަކީ ހައިކޯޓަށް އެކަނި ހުށަހެޅި އެއްޗެހިތަކެއްތޯ އެހި އެވެ. އަދި އެ އެއްޗެހި ހުށަހެޅީ ކޮން ކަމެއް ސާބިތުކުރަންތޯ އެހި އެވެ.

އެ ސުވާލުތަކަށް ޖަވާބުދެމުން ދައުލަތުން ބުނެފައި ވަނީ އެއީ މޯބައިލް ފޮރެންސިކް ރިޕޯޓުގެ އެނެކްސްގައި ހިމެނޭ އެއްޗެހި ކަމަށެވެ. އެކަމަކު ދިފާއުން ބުނެފައި ވަނީ ދަށުކޯޓުގައި ދައުލަތުން ދައްކާފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި މަހުލޫފާ ދެމެދުކޮށްފައި ހުރި އެސްއެމްއެސްތަކެއްގެ ވާހަކަ އެކަނި ކަމަށެވެ. މިއީ އަލަށް ހުށަހަޅައިގެން އުޅޭ ޗެޓުލޮގުތަކެއް ކަމަށް ދިފާއި ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވި އެވެ. އަދި އެ ހެކިތައް ބަލައިނުގަތުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ވައިބާ ޗެޓްލޮގްތަކާ ގުޅިގެން މަހުލޫފު ވިދާޅުވީ ދައުލަތުން ފާހަގަކުރާފަދަ މުއާމަލާތެއް ވައިބާ މެދުވެރިކޮށް އަދީބާ ކޮށްފައި ނުވާނެ ކަމަށާއި، އެ ޗެޓްލޮގްހުރި ފޯނެއް ވެސް ނޯންނާނެ ކަމަށެވެ. ޕްރޮސެކިއުޓާ ހުސެއިން ޝަމީމް ކުރިން އަދީބުގެ ވަކީލުކަން ކުރެއްވި އިރު، އަދީބުގެ ފޯނުން މެސެޖުކުރަނީ ފުލުހުން ކަމަށް ވިދާޅުވެފައިވާ ކަމަށް މަހުލޫފު މިއަދު ވަނީ ފާހަގަކުރައްވާފަ އެވެ.

ދައުލަތުން ބުނެފައި ވަނީ އިބްތިދާއީ މަރުހަލާގައި ހެކިތަކަށް ތައުނުކޮށް ބަހުސް ނުކުރެވޭނެ ކަމަށެވެ. އަދި މި މައްސަލަ ދަށު ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މިންވަރަށް ތަފްސީލުކޮށްދެވިފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.

މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.