ހުސައިން ޝަމީމް

އަޅުގަނޑަށް އެއްވެސް މީހެއްގެ ނުފޫޒެއް ނޯންނާނެ: ޕީޖީ ޝަމީމް

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްސަލައިގައި އެއްވެސް މީހަކު ނުފޫޒު ފޯރުވާފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޝަމީމް މިއަދު ވިދާޅުވީ މިނިސްޓަރު މަހުލޫފުގެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ލަސްތަކެއް ވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މައްސަލައެއްގައި ގޮތް ނިންމާނީ އެންމެ އިންސާފުވެރި ގޮތަށް ކަމަށާއި ހޯދަން ޖެހޭ އެއްވެސް ކަމެއް ނުހޯދައި ގޮތެއް ނުނިންމަވާނެ ކަމަށެވެ.

ޕީޖީ މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތުކޮށް މިނިސްޓަރަށް ދައުވާކޮށްދިނުމަށް އޭސީސީން މައްސަލަ ފޮނުވި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައްސަލާގައި ޕީޖީ ވަކި ގޮތެއް ނުނިންމަވާތީ އެ އޮފީހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ޝަމީމް ވިދާޅުވީ އެމަނިކުފާނަކީ މި ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ދުވަހަކުވެސް އެއްވެސް މީހެއްގެ ނުފޫޒު، މަސައްކަތަށް ވަދެފައި ނުވާނެ ކަމަށެވެ. ގައުމުގެ ހަތަރު ރައީސަކާ އެކު ގާނޫނީ މަސައްކަތް ކުރެއްވި ކަމަށާއި އެބޭފުޅުން ވެސް އެމަނިކުފާނަށް އަދި ޕީޖީ އޮފީހަށް ވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.

އެވްރެޖްކޮށް ހަ ދުވަސް ތެރޭގައި މައްސަލަތަކުގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމަން އޮތް ނަމަވެސް އޭގެ މާނައަކީ ހަ ދުވަސް ތެރޭގައި އިންސާފު ގެއްލޭފަދަ ގޮތަކަށް ކަންކަން ނިންމުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހޯދަން ޖެހޭ ހެއްކެއް ހޯދަން ހަ ދުވަހެއް ނޫން ހަތްދިހަ ދުވަހެއް ނޫން 100 ދުވަސް ނެގިޔަސް ދައުވާ ކުރާނީ އެ ހޯދަން ޖެހޭ ހެއްކެއް ހޯދާފައި. އިތުރު ހެއްކެއް ލިބުމުގެ ފުރުސަތު އޮތީވިއްޔާ އެ ހެއްކެއް ހޯދާފަ އަޅުގަނޑުމެން ކޯޓަށް ހުށަހަޅާނީ މުއްދަތު ނުހިނގާ މައްސަލައެއް ވިއްޔާ. ހައްޔަރުކޮށްފައި ދޫކޮށްލައިފިއްޔާ އެ މުއްދަތު އެބަ ހިނގާ. މުއްދަތު ހިނގާ މައްސަލައެއް ވެއްޖިއްޔާ ގާނޫނުން އެބަ ހުރަސް އަޅާ އެ މައްސަލައެއްގަ ދައުވާ ނުކުރެވެއްޖިއްޔާ ނުކުރެވުނީ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަށް އަދި އެންމެ އިންސާވެރި ގޮތަށް މައްސަލަ ނިންމޭތޯ ކަމަށެވެ. މިނިސްޓަރު މަހުލޫފު ވިޔަސް އަދި އެހެން މީހަކު ވިޔަސް އަވަސް އަރުވާލައިގެން އޭނާގެ މައްޗަށް ހޯދަން ހުރި ހެއްކެއް ނުހޯއްދަވާ ދައުވާ ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މިނިސްޓަރު މަހުލޫފު މައްސަލައިގައި ވެސް އަދި އެހެންވެސް މައްސަލައެއްގައި އެއްވެސް މީހެއްގެ ނުފޫޒު ޕީޖީގެ މައްޗަށް ނެތް ކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށެވެ. މީހެއްގެ ނުފޫޒުގައި ޖެހިގެން އެ މަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މި މަގާމުގައި އަބަދަކު ނުހުންނާނެ. އަޅުގަނޑު އަބަދު ހުންނާނީ ޕްރައިވެޓް ޕްރެކްޓިސް ކުރާ ލޯޔަރެއްގެ ގޮތުގައި. އެހެންވީމާ ވަކި މީހަކު ބުނާ ގޮތެއް ހަދައިދީފަ ގޮއްސަ ދެން އާންމުންނަށް ދައްކާނެ މޫނެއް ވެސް ނޯންނާނެ. އަޅުގަނޑު ދެކެނީ ވަކި މީހަކު ބުނާގޮތަށް ހަދައިގެން އުޅޭ ވަރު ކަމެއް ނޫނޭ މީ،"

މިނިސްޓަރު މަހުލޫފުގެ މައްސަލައާއި ގުޅިގެން ޝަމީމް އިތުރަށް ވިދާޅުވީ ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށެވެ. އެހެންކަމުން މައްސަލައިގައި ގޮތެއް ނިންމޭނެ ސީދާ ތާރީހު މިވަގުތު ދަންނަވަން ނޭނގޭ ކަމަށާއި މި މައްސަލައިގެ ތެރެއިން ގާނޫނާ ހިލާފު ކަމެއް ނުހިނގާނެ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް މައްސަލަ ނިންމި ނަމަވެސް އަދި އެ އޮފީހާ ގުޅޭ ގޮތުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ޒިންމާ ނަގަން ހުންނެވި މީހަކީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވި އެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މަހްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިންވެސް މިނިސްޓަރު ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.