ހަބަރު

ގާޒީ އިސްމާއިލްގެ މައްސަލަ ޕީޖީ ހުށަހެޅުން ގޯސް: ޑީޑީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މިއަދު ނިންމާފައިވާ ނިންމުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ނިންމެވުމަކީ ގޯސް ކަމެއްގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވަން ޝަމީމް ނިންމެވުމުން އެކަމަށް ފާޑުވިދާޅުވެ، ޑރ. ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަނޑިޔާރެއްގެ ޤަޟާއީ ނިންމުމަކަށް ފާޑު ކިޔައި އެކަން ބެލުމުގެ ދުސްތޫރީ އިހްތިސޯސް ނެތް ސިޔާސީ ބޮޑީއަކަށް އެ މައްސަލަ ހުށަހެޅުމަކީ ޕީޖީ ބަޔަސްވެފައި ވާކަމުގެ ދަލީލެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.

ޑރ. ދީދީ ފަނޑިޔާރު ކަމުން ވަކިކުރީ ވެސް ފަނޑިޔާރު ކަމުގައި ހުންނަވައިގެން ނިންމެވި ބައެއް ނިންމެވުންތައް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ޖޭއެސްސީއިން ނިންމި ނިންމުމަކާ ގުޅިގެންނެެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށްފައިވަނީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ. ނަމަވެސް އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެ އެވެ. އަދި ގާޒީގެ ނިންމުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަކީ އަދީބު ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށް ވާހަކަ ދައްކާފައިވާ ކަންކަމެއް ވެސް ނޫނެވެ.

އެކަމާ ގުޅިގެން މިއަދު ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިއަދު ނެރުއްވާފައި އޮތް ނިންމެވުމަކީ ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ވެސް އަދި އެ ގަބޫލު ނުކުރާ ކަމަށް ވެސް އަދީބު ވެސް ވިދާޅުވެފައި ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މައްސަލައެއްގައި ފަނޑިޔާރު ބައްލަވަން ޖެހޭނީ ކޯޓަށް ހުށަހަޅޭ ލިޔުންތަކާއި ދެ ފަރާތުން ދައްކާ ވާހަކަތަކަށްކަން ގާނޫނުން ވަރަށް ސާފެވެ. އެހެންވެ، މި ހުކުމް އައިސްފައި އޮތް ގޮތެއް ސާފުނުވާ ކަމަށާއި އަދި މިކަން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ ފަނޑިޔާރަކު "ހެއްވާ ގޮތަކަށް" ކަމެއް ކުރައްވައިފިނަމަ ޕީޖީގެ އުސޫލަކީ އެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުން ކަމަށެވެ. އެހެންވެ، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.