ރ. ފުއްގިރި މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމު އެ މައްސަލަ އިން ތަނާޒުލްވާން ދެކޮޅު ހައްދަވައިފި އެވެ.
ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި، މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.
ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިން ބައްލަވަމުން ގެންދެވި އެ ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް އެވެ. ގާޒީ އަލީ ނަދީމު މިމައްސަލައާއި ހަވާލުވެވަޑައިގަތީ ގާޒީ ޝަކީލް މައްސަލަ އިން ތަނާޒުލްވެވަޑައިގަތުމުންނެވެ.
ގާޒީ އަލީ ނަދީމު މައްސަލައާއި ހަވާލުވުމާ އެކު ދައުވާ ލިބޭ ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ގާޒީ ނަދީމު މައްސަލައިން ތަނާޒުލްވުމަށް ހުށަހަޅުއްވާފަ އެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއާ ގުޅޭ ބައެއް މައްސަލަތަކުގައި ގާޒީ ނަދީމު ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައިވާތި އެވެ.
ފުއްގިރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ނަދީމު ވިދާޅުވީ އޭނާ ކުރިން އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ފުއްގިރި މައްސަލަ އިން ތަނާޒުލްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ފުއްގިރި މައްސަލައާއި ގުޅޭ ތަހުގީގެއްގައި ވެސް އަދި ޝަރީއަތެއްގައި ވެސް މީގެކުރިން އޭނާ އަދީބްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ނުވާތީ އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންނާއި ރިޒާގެ ވަކީލުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހެކި ހުށަހެޅުމުގެ މަރުހަލާ އަލުން ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެެވެ. އެގޮތަށް ހުށަހެޅުއްވީ ހެއްކާ ބެހޭ އާ ގާނޫނަށް މިމަހު އަމަލުކުރަން ފެށިއިރު ގާނޫނަށް ބަދަލުތަކެއް އައިސްފައިވާތީ އެވެ. ނަމަވެސް ގާޒީ ނަދީމު ވިދާޅުވީ އެ މަރުހަލާ އަލުން ނުފެށި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ބޭނުންވާ ކަމެއް ފާހަގަކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ދައުލަތުން ކަންތައްތަކެއް ފޮރުވާ ކަމަށް ތުހުމަތުކޮށް ފުއްގިރި މައްސަލައިގައި ބައެއް އިދާރާތަކުން ބަދަލުކޮށްފައިވާ ސިޓީ ހޯދުމަށް ހުށަހަޅުއްވާފަ އެވެ. މިއަދުގެ އަޑުއެހުން ނިންމާލީ ކުރިއަށް އޮތް ފެބްރުއަރީ 14 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ކްރިމިނަލް ކޯޓުން އާރަށު މައްްސަލައިގައި ހުކުމްކުރީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. މި ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެވޭނެ އެވެ.