ރައީސް އަބްދުﷲ ޔާމީން

އާރަށުގެ މައްސަލަ: ޔާމީންގެ އަޑުއެހުންތައް ފަށަނީ

Dec 23, 2021
1

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި އަންނަ މަހުގެ ދެވަނަ ދުވަހު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެ ދުވަހު އޮންނާނީ ދައުލަތުން ކުރާ ދައުވާ ރައީސް ޔާމީނަށް ސާފުކޮށްދިނުމެވެ.

މިމައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ.

ރައީސް ޔާމީނަށް ކުރާ ދައުވާތައް

  • މަނީ ލޯންޑްރިންގެ ދައުވާ
  • ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ

ޕީޖީ އޮފީހުން ބުނީ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެހެންވެ އާރަށުގެ މައްސަލާގައި ސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެކުރިން މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުގެ ކުށުގަ އެވެ. އެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ.

މީގެ އިތުރުން ދަށު ކޯޓްގައި މިހާރު ވެސް އެމަނިކުފާނަށް ދައުވާ އިތުރު މައްސަލައެއް ކުރިއަށް އެބަދެ އެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.