އާޒިމާ ޝަކޫރު

ދައުވާއިން ސަލާމަތްވާން އާޒިމާ ދެއްކީ ބިޝާމްގެ މަސްލަހަތު

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއިން ސަލާމަތްވުމަށް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްގެ މަސްލަހަތު އެކަމުގައި ހިމެނޭކަން ފާހަގަ ކުރައްވައި އާޒިމާ ދިފާއު ނަންގަވައިފި އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ. އަޑުއެހުމުގައި ދެ ދައުވާގެ ތަފުސީލް ޕީޖީގެ ވަކީލުން ވިދާޅުވެ ދެއްވި އެވެ.

ޕީޖީގެ ވަކީލު ވިދާޅުވި ގޮތުގައި އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށްދީފައިވަނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެ ފައިސާގެ މައްސަލަ އޭސީސީއިން ތަހުގީގު ކުރަމުންދާތީ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމުގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ އެވެ. އަދި އެކަމުގެ އެގްރިމެންޓް ޑްރާފްޓް ކުރެއްވީ ވެސް އާޒިމާ އެވެ. ނަމަވެސް އެ އެގްރިމެންޓާ ހިލާފަށް އެސްއޯއެފްއިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ އިންވެސްޓް އެކައުންޓަކަށް ޖަމާކުރި ކަމަށެވެ.

އަދި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި ކަމަށް ވަކީލް ފާހަކަުރެއްވި އެވެ. މި މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީނަށް ކުރެ އެވެ.

މަނީ ލޯންޑްރިން ކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯދަން މަސައްކަތް ކުރައްވައި އެ ލިޔުން ހޯއްދަވަވާފައިވާތީ އެވެ. އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. މީގެ ކުރިން ދައުލަތުން ހާމަކޮށްފައިވާ ގޮތުގައި އެކްސްރޯ އެކައުންޓަށް ޖަމާކޮށްފައި ވަނީ ރައީސް ޔާމީން، އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތުން ހޯއްދެވި އެއް މިލިއަން ޑޮލަރެވެ.

"މިކަމުގައި ބިޝާމަކީ އިހުމާލުވާ މީހެއް"

ދައުވާ އިއްވުމުން އާޒިމާ ވަނީ ދައުވާއާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފަ އެވެ. އާޒިމާ އެންމެ ފުރަތަމަ ވިދާޅުވީ އެކަން ހިނގައިދިޔައިރު އޭނާ ރައީސް އޮފީހުގެ މަގާމުގައި ވެސް ނުހުންނަވާނެ ކަމަށެވެ. ދެން އޭނާ ފާހަގަ ކުރެއްވީ އެކަމުގައި ޕީޖީ އައިޝަތު ބިޝާމްގެ ހިއްސާ އޮންނާނެ ކަމުގެ ނުކުތާ އެވެ.

އާޒިމާ ވިދާޅުވީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އިރު ރައީސް އޮފީހުގެ ލީގަލް ކަންކަމާ ހަވާލުވެ، ލީގަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވީ ބިޝާމް ކަމަށެވެ.

އެސްއޯއެފްއިން ފައިސާ ޖަމާކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބިޝާމް އެ މަގާމުގައި ހުންނެވި އެވެ. އާޒިމާ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ.

"މިކަމުގައި ބިޝާމްގެ މަސްލަހަތު އެބައޮތް، އޭނާއަށް މި ދައުވާއެއް ނުކުރެވޭނެ، ބިޝާމް މަގާމުގެ ހައިސިއްޔަތުން އޭރު ފޮނުވާފައިވާ ސިޓީތައް މި މައްސަލާގައި ލިޔުންތަކުގެ ގޮތުގައި އެބަހުރި، އެކަން އެގޮތަށް ނުކުރެވޭނެ، ބިޝާމަކީ މި މައްސަލާގައި އިހުމާލުވާ މީހެއް ނޫނީ މައްސަލާގައި ހެއްކެއް، އޭނާ ބަރީއަވުމަށް އެހެން މީހުންނަށް ދައުވާ އުފުލުމަކީ ޖިނާއީ އަމަލެއް، ދައުވާ ސައްހައެއް ނުވާނެ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ އިތުރަށް ވިދާޅުވީ ރައީސްގެ ލީގަލް އެޑްވައިޒަރެއްގެ މަގާމުގައި ބިޝާމް ހުންނެވިއިރު ދައުލަތުގެ ފައިސާތައް އެކި މީހުންގެ އެކައުންޓްތަކަށް ވަންނަމުން ދިޔުމަކީ އޭނާގެ ޒިންމާ އެކަމުގައި އޮންނާނެ ކަމެއް ކަމަށެވެ. މަނީ ލޯންޑްރިން ހިނގައި ދިޔައީ ބިޝާމް އެ މަގާމުގައި ހުންނެވިއިރު ކަމަށެވެ.

"ލަފާ ދިނީ އާޒިމާ، ބިޝާމްގެ ދައުރެއް ނެތް"

އާޒިމާގެ އެ ވާހަކަތަކަށް ޕީޖީއިން ރައްދު ދެއްވި އެވެ. ވިދާޅުވީ މި މައްސަލާގައި ކުށަކީ އެސްއޯއެފްއިން ޖަމާކުރި ފައިސާތަކުގެ މައްސަލަ ތަހުގީގު ކުރަނިކޮށް އެ ފައިސާތައް އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ އެގްރިމެންޓާ ހިލާފުވެ ފައިސާގެ އަސްލު އޮޅުވާލުން ކަމަށެވެ. އެ އެގްރިމެންޓް ހެއްދެވީ އާޒިމާ ކަމާއި ލަފާ ދެއްވީ ވެސް އާޒިމާކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ.

އެސްކްރޯ އެގްރިމެންޓް ހަދާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. ކުށް ފުރިހަމަވީއިރު މަގާމުގައި ހުންނެވީ އާޒިމާ ކަމަށާއި އޭރު ބިޝާމް ރައީސް އޮފީހުގައި ނެތްކަން ވަކީލް ފާހަގަކުރެއްވި އެވެ. އެކަންކަމުން ބިޝާމްގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ އާޒިމާގެ ލަފާގެ މަތިން ކަމަށް ވަކީލް ވިދާޅުވި އެވެ.

"އެސްކްރޯ އެގްރިމެންޓްގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ، ޔާމީންގެ އޭސީސީއަށް ދެއްވި ބަޔާން ޑްރާފްޓް ކުރެއްވީ ވެސް އާޒިމާ، އެސްކްރޯ އެގްރިމެންޓް ޑްރާފްޓް ކުރެއްވީ ވެސް އާޒިމާ، ހެއްކެއްގެ ގޮތުގައި ސޮއި ކުރެއްވީ ވެސް އާޒިމާ، މިކަންކަމުގައި ބިޝާމްގެ ކޮންފްލިކްޓް އޮފް އިންޓްރެސްޓެއް ނޯންނާނެ،" ވަކީލު ވިދާޅުވި އެވެ.

އާޒިމާ ވަނީ ބިޝާމްގެ މަސްލަހަތު މި މައްސަލާގައި އޮތް ކަމަށް ތަކުރާރު ކުރައްވައި މި ދައުވާއަކީ މަދަނީ ގޮތުން ވެސް ކުރިއަށް ނުގެންދެވޭނެ ސައްހަ ނޫން ދައުވާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ މައްސަލަ މަދަނީ ގޮތުން ކުރިއަށް ގެންދާށެވެ. އެކަމަށް އާޒިމާ އިއުތިރާޒު ވެސް ކުރެއްވި އެވެ. ބިޝާމްގެ ނުކުތާ އޭނާ ޗެލެންޖް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކިންނާއި ލިޔުންތަކަށް ބެލުމުން އެ މައްސަލައަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. ތުހުމަތުތަކާ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ. ގާޒީ ވަނީ މައުޟޫއީ ގޮތުން މައްސަލަ ކުރިއަށް ގެންދިޔުމަށް ގޮތް ނިންމުމުގެ ކުރިން އާޒިމާ ފާހަގަ ކުރައްވަން ބޭނުންވާ ގާނޫނީ މައްސަލަތައް ފާހަގަ ކުރައްވައި ފުރުސަތު ލިބޭނެކަން ފާހަގަ ކުރައްވާފަ އެވެ.

އާޒިމާއާ ދެކޮޅު ހެއްކަކަށް ރައީސް ޔާމީން

ޕީޖީއިން މިއަދު ވަނީ އާޒިމާއާ ދެކޮޅަށް ހެކި ވެސް ހުށަހަޅާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ރައީސް ޔާމީނެވެ. އޭގެ އިތުރުން އެސްކްރޯ އެކައުންޓްގެ އެގްރިމެންޓަށް ދިޔައިރު އޭސީސީގެ ރައީސްގެ ގޮތުގައި ހުންނެވި ހަސަން ލުތުފީ އާއި ނައިބު ރައީސްގެ ގޮތުގައި މުއައްވިޒު ރަޝީދު ހުށަހެޅުއްވި އެވެ. ކުރީގެ ދެ ޓޫރިޒަމް މިނިސްޓަރުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު އަދީބުގެ ނަން ވެސް ހުށަހެޅި އެވެ. އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ކިތާބީ ހެކީގެ ގޮތުގައި ވެސް ގިނަ ހެކިތަކެއް ޕީޖީއިން ހުށަހެޅި އެވެ. އޭގެ ތެރޭގައި ބޭންކް ސްޓޭޓްމެންޓްތަކާއ ޗެކްތަކާއި ރައީސް އޮފީހާއި ބޭންކް ސިޓީތައް ވެސް ހިމެނެ އެވެ. މީގެ ތެރެއިން ބޭންކް ސްޓޭޓްމެންޓްތަކާއި ޗެކްތައް ވަކި މިންވަރަކަށް ސިއްރުކޮށް ދިނުމަށް ޕީޖީއިން އެދުނެވެ. އެ ގޮތަށް އެދުމުން ގާޒީ ވަނީ އޭގައި ހުރި ތިން ވަނަ ފަރާތްތަކުގެ މައުލޫމާތުތައް އުނިކޮށް، އާޒިމާއާ މައްސަލައާ ގުޅޭ މައުލޫމާތުތައް އެކަނި ހިމެނުމަށްފަހު ލިޔުންތައް ދިނުމަށް އަމުރު ކުރައްވާފަ އެވެ.

މައްސަލާގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ގާޒީ ވަނީ ދެ ފަރާތަށް ވެސް 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. އެއަށްފަހު އަންނަ މަހު ބާއްވާ އަޑުއެހުމުގައި އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމައި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އާޒިމާ މިއަދު ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވީ ވަކީލަކާއެކު އެވެ. ނަމަވެސް ވަކާލާތު ކުރެއްވީ އަމިއްލައަށެވެ. އޭނާގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ދެ ވަކީލަކު މިއަދު ވަނީ މައްސަލައިން ތަނާޒަލުވެސްވެފަ އެވެ. އެއީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ދެ ވަކީލުންނެވެ. އާޒިމާގެ ޝަރީއަތުގެ އަޑުއެހުން އެއްސެވުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވެސް ވަޑައިގެންނެވި އެވެ.