ރައީސް ޔާމީންގެ ޝަރީއަތް

އެސްކޮރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރީ ގާނޫނާ ހިލާފު ނުވާން: ޔާމީން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވެ ބީއެމްއެލްގައި ހުޅުވި އެސްކޮރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރީ ގާނޫނާ ހިލާފު ކަމެއް ނުކުރައްވަން ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދިފާއު ނަންގަވައިފި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން ދައުވާގައި މިއަދު ބޭއްވި އިބްތިދާއީ ފަހު އަޑުއެހުމުގަ އެވެ. ރައީސް ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ، އެސްކޮރޯ އެއްބަސްވުމާ ހިލާފަށް އެމަނިކުފާނު އަމަލު ކުރައްވާފައިވާތީ އެވެ.

ދައުވާގައި ބުނާ ގޮތުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އޭސީސީއާއެކު ރައީސް ޔާމީން އެއްބަސްވީ އެސްކޮރޯ އެކައުންޓްގައި މައްސަލައިގެ ތަހުގީގު ނިމެންދެން އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ދައުލަތުން ބުނާ ގޮތުންނަމަ ހިލާފުވެފަ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޒަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ ރައީސް ޔާމީންގެ ބީއެމްއެލްގެ އެކައުންޓަކުންނެވެ.

އެކަން އެގޮތަށް ކުރެއްވި ސަބަބު ފުރަތަމަ ފަހަރަށް މިއަދު ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ޓީވީއިން ލައިވްކޮށް ދައްކަމުން ދިޔަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ އެސްކޮރޯ އެކައުންޓް ހުޅުވީ ވެސް އެމަނިކުފާނު އަމިއްލައަށް ބޭނުންފުޅު ވެގެން، ޝައްކު އުފެދޭ ފައިސާތަކެއް އަތުގައި ބަހައްޓަން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް އެސްކޮރޯ އެއްބަސްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް މާއްދާއެއް ހިމަނާފައިވާ ކަމާއި އެސްކޮރޯ އެކައުންޓަށް އިސްލާމިކް ބޭންކް އެކައުންޓުން ނޫން އެހެން އެކައުންޓަކުން ފައިސާ ޖަމާކުރަން ޖެހުނީ އެހެންވެ ކަމަށެވެ.

"އިސްލާމިކް ބޭންކް އެކައުންޓްގައި ހުރި ފައިސާއާ މެދު އެބަ ޝައްކު އުފެދޭ، އެއިން އަޅުގަނޑު މުއާމަލާތެއް ކޮށްފިނަމަ އެ ގާނޫނާ ހިލާފު ކަމަކަށް ވެދާނެ، އެހެންވެ އެފަދަ އެކައުންޓަކުން އެ މުއާމަލާތް ކުރަން ބޭނުން ނުވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާވީއިރު ވެސް އޭގައި ތިނެއް، ހަތަރު މިލިއަން ޑޮލަރު ހުންނާނެ، އެސްއޯއެފްއިން އެކައުންޓަށް ޖަމާ ކުރުމަށްފަހު އެ ޗެކުން ޖަމާކުރި ސީދާ ފައިސާއެއް ނުހޯދާނެ، އެ ޗެކްތަކެއް ނުލިބޭނެ، ފައިސާ ހަމަ ވާނީ ފައިސާއަށް، އެސްއޯއެފްއިން ސީދާ ޖަމާކުރި ފައިސާ ނޫނަސް އަޅުގަނޑު އެހުރީ އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށުގައި ބަހައްޓާފަ، އެހެންވީމަ މި ދައުވާ އަޅުގަނޑުގެ މައްޗަށް ކުރެވިގެން ވެސް ނުވާނެ ނޫންތޯ؟"

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެސްއޯއެފްއަކީ އެމަނިކުފާނު ދަންނަ ބައެއް ނޫން ކަމަށާއި ނަމަވެސް އެ ކުންފުނީގެ އެކައުންޓުން ޖަމާކުރި ފައިސާއަކީ އެމަނިކުފާނަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޭން ޖެހޭ ފައިސާ ކަމަށެވެ. އެއީ އެމަނިކުފާނަށް ލިބޭ ކެމްޕެއިން ފައިސާ އޭރު ބަލަހައްޓަމުން ދިޔައީ އަދީބު ކަމަށާއި އެމަނިކުފާނާއި އަދީބާ ދެމެދު މައްސަލަ ޖެހުމުން އެ ފައިސާ އަނބުރާ ދިނުމަށް އެންގެވި ކަމަށެވެ. އެހެންވެ އެސްއޯއެފްއިން ޖަމާކުރި ފައިސާއަކީ އެގޮތުގެ މަތިން އަދީބު ޖަމާކޮށްދިން ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިސްލާމިކް ބޭންކްގެ އެކައުންޓަށް ފައިސާ ޖަމާވުމުން ވެސް އެމަނިކުފާނަށް އެކަން އެ ބޭންކުން ނާންގާ ކަމަށާއި އޭގެ ނޮޓިފިކޭޝަން އެމަނިކުފާނަށް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ. އެސްއޯއެފްގެ ފައިސާތަކެއް ޖަމާވިކަން އެނގިވަޑައިގެންނެވީ އޭރުގެ އޭސީސީގެ ރައީސް ހަސަން ލުތުފީ ގުޅުއްވައި އެ މައުލޫމާތު ދެއްވުމުން ކަމަށެވެ. އެ ދުވަހުން ފެށިގެން އެ ފައިސާގެ މައްސަލަ ބަލައި އެއީ ކޮން ގޮތަކުން ހޯދާފައިވާ ފައިސާއެއްތޯ ބެލުމަށް އެދިވަޑައިގަންފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދާ ހަމައަށް ވެސް އެއްވެސް ތަހުގީގީ އިދާރާއަކުން އެ ފައިސާ ހަވާލު ކުރުމަށް އަންގާފައިނުވާ ކަމަށެވެ. އަދި އެއީ ކޮރަޕްޝަން ނޫނީ ކުށުގެ ފައިސާތަކެއް ކަމަށް ވެސް ކަނޑައަޅުއްވާފައިނުވާ ކަމަށެވެ. ފައިސާތައް ޖަމާވުމާއެކު ވެސް އެމްއެމްއޭގެ އެފްއައިޔޫއަށް މައްސަލަ ދިޔަ ކަމަށާއި ނަމަވެސް އެތަނުން ވެސް އޭގައި މައްސަލައެއް އުޅޭކަން އޭރު ފާހަގަކޮށްފައިނުވާ ކަމަށެވެ. އޭސީސީއަށް ވެސް އެ ފައިސާ ހުއްޓުވެން އޮންނާނެ ކަމަށާއި އެކަން ވެސް ކޮށްފައިނުވާ ކަމަށެވެ.

ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތް

ޝަރީއަތް ފެށުމުގެ ކުރިން ފަސް ހުށަހެޅުމެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އެވެ. ނަމަވެސް ދައުލަތުން އެ ހުށަހެޅުންތަކަށް ދިން ރައްދުތަކަށް ރިއާޔަތް ކުރައްވައި ފަސް ހުށަހެޅުން ވެސް މައްސަލަ ބައްލަވާ ގާޒީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ބޭރުކޮށްލެއްވި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ފުރަތަމަ ހުށަހެޅުމަކީ ދައުވާގައި ކުށުގެ އުންސުރުތައް ފުރިހަމަ ނުވާ ކަމުގެ ޝަކުވާ އެވެ. އެގޮތުން ރައީސް ޔާމީން ކުރެއްވި ކުށާއި ކުށް ކުރި ވަގުތާއި އެހެން ވެސް ކަންކަން ސާފުވާ ނެތް ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ދައުވާއިން ކުށް ވަރަށް ސާފުވާ ކަމަށެވެ. އެއީ އެސްކޮރޯ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލާފައިވުން ކަމަށެވެ.

ބައެއް މައްސަލަތަކަކީ ސީދާ ކުށްކުރި ގަޑި އެނގެން އޮންނަ މައްސަލަތަކެއް ނޫން ކަމަށާއި ނަމަވެސް މި މައްސަލާގައި ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހުން ރައީސް ޔާމީން، އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހުތަކާއި އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރި ތަފްސީލްތައް ވެސް ލިބޭނެ ކަމަށެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ހުށަހެޅުއްވީ ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށުގެ ތަފްސީލް ބަޔާންކޮށްފައިނުވާ ހުށަހެޅުމެވެ. ގާނޫނުގައި ތަފްސީލްކޮށް ނެތް ކުށަކާ ހަވާލާދީ ދައުވާއެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ އޭސީސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން ކޮރަޕްޝަންގެ ކުށްތައް ސާފުވާ ކަމަށެވެ. އެ މާއްދާގައި ހަަވާލާދީފައިވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކަށެވެ. ގާޒީ ހައިލަމް ވެސް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ. އެ ގާނޫނުން އެކަން ސާފުވާ ކަމަށާއި އެއީ މި ދައުވާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެން ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަ ކުރެއްވީ މި މައްސަލާގެ ތަހުގީގު އެއްކޮށް ނުނިމެނީސް އަދި ހަމައެކަނި ރައީސް ޔާމީނަށް ދައުވާ އުފުލާފައިވުމަކީ ހަމަހަމަ ކަމުގެ ހައްގާ ހިލާފު ކަމެއް ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ދައުލަތުން ވަކިވަކިން ގިނަ މައްސަލަތަކެއްގައި ދައުވާކުރި ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލާގައި އެކަށީގެންވާ މިންވަރަށް ތަހުގީގު ވެސް ކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ އެކަށީގެންވާ ހެއްކާއި ގަރީނާ ލިބުމުން ކަމަށެވެ.

ވަކީލް ޝިޔާޒު ފާހަގަ ކުރެއްވި ގޮތުގައި ހަތަރު ވަނަ ހުށަހެޅުމަކީ މި މައްސަލާގެ ތަހުގީގު ފުލުހުން އިސްނަގައިގެން ކުރިއަށް ގެންގޮސްފައިވުމެވެ. މަނީ ލޯންޑްރިން ގާނޫނު ބުނާ ގޮތުގައި މިފަދަ މައްސަލަތައް ކުރިއަށް ގެންދެވޭނީ އެމްއެމްއޭގެ އެފްއައިޔޫގެ ލިޔުމެއް ލިބިގެން ކަމަށެވެ. އެފަދަ ލިޔުމެއް މި މައްސަލާގައި އޮތް ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލް އައިޝަތު ވަނީ މީގެކުރިން ވެސް އެފަދަ ލިޔުމެއް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ވަކީލް އައިޝަތު ވިދާޅުވީ މި މައްސަލަ ތަހުގީގު ފެށުމުގެ އަސްލަކީ އެފްއައިޔޫގެ ލިޔުން ކަމަށެވެ. ނަމަވެސް އެ ލިޔުމަކީ އެއްވެސް މީހަކާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށް ލިޔުމުގައިވާ ކަމަށާއި އެހެންވެ އެ ލިޔުން މައްސަލާގައި ހުށަހަޅާފައިނުވަނީ ކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން ގާޒީ ހައިލަމް ވިދާޅުވީ ޖިނާއީ މައްސަލައެއްގެ ތުހުމަތުވާނަމަ ތަހުގީގީ އިދާރާއަކަށް އަމިއްލަ އިސް ނެގުމުގެ މަތިން ވެސް ތަހުގީގު ފެށުމަކީ އޭގައި މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.

ފަސްވަނަ ހުށަހެޅުމަކީ އަދީބާއި އެމްއެމްޕީއާަރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ ހެކި ބަސް ބަލައިނުގަތުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ތަހުގީގު ފެށީ އެމަނިކުފާނު އަންގައިގެން ކަމަށާއި އަދި ލޯންޗުކޮޅު މައްސަލާގައި އަދީބަށް ބޮޑު އަދަބެއް ލިބިފައިވާތީ އިންސާނީ ތޮބިއްޔަތުގެ ގޮތުން އެ ދެ ބޭފުޅުންގެ ހިތުގައި އެމަނިކުފާނާމެދު އަދާވަތްތެރިކަން އޮންނާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުންނަށް އަދަބު ލިބިފައިވަނީ ރައީސް ޔާމީން ކުރެއްވި ކަމަކުން ނޫން ކަމަށާއި އެއީ ކުށް ސާބިތުވުމުން ލިބުނު އަދަބެއް ކަމަށެވެ. އެކަމުގައި ރައީސް ޔާމީންގެ ދައުރެއް ނޯންނާނެ ކަމަށެވެ.

ގާޒީ ހައިލަމް ވެސް ވަނީ އަދީބާއި ޒިޔާތުގެ ތަހުގީގަށް ނުވަތަ ޝަރީއަތަށް ރައީސް ޔާމީން ނުފޫޒެއް ފޯރުވާފައި އޮތީތޯ ސުވާލު ކުރައްވާފަ އެވެ. އެމަނިކުފާނު ވަކީލް ޝިޔާޒު ވިދާޅުވީ އެފަދަ ނުފޫޒެއް އެމަނިކުފާނު ފޯރުވާފައިނުވާ ކަމަށެވެ. އެހެންވީއިރު ރައީސް ޔާމީންގެ ވެރިކަމުގައި ހުންނަވަނިކޮށް އިއްވި ހުކުމަކާ ގުޅިގެން އެ ބޭފުޅުންގެ އަދާވަތްތެރިކަމެއް އޮންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ހެކި ވަޒަންކުރުމުގައި އެފަދަ ކަމެއް ފާހަގަވާ ނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުގެ ދެ ހެކި ބަލައިނުގަތް

ދައުލަތުން މިއަދު ވަނީ އިތުރު ދެ ހެއްކެއް ހުށަހަޅާފަ އެވެ. އެއީ އެސްއޯއެފްގެ މުހައްމަދު އައްލާމް އާއި އިޝްފާހު އަލީ އެވެ. އެ ދެ މީހުން ހެކީގެ ގޮތުގައި ހުށަހެޅީ އެސްއޯއެފްއިން ޖަމާކުރި ފައިސާ އެކައުންޓަށް ވަން ކަން ރައީސް ޔާމީންއަށް އެނގިލައްވާކަން ސާބިތުކުރުމަށެވެ.

އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އެސްއޯއެފްގެ ޗެކްތައް ޖަމާކުރުމަށް އިސްލާމިކް ބޭންކަށް ދިޔުމުން އެ ބޭންކުގެ މުވައްޒަފަކު އިޝްފާހު، ކެބިންއަށް ގެންދިޔަ އެވެ. އަދި އެ މުވައްޒަފު ރައީސް ޔާމީންއާ ފޯނުން ވާހަކަ ދައްކައި، ޗެކް ލިބުން ކަމުގެ ޔަގީންކަން އެރުވި އެވެ.

މި ދެ ހެކި ބަލައިގަތުމާމެދު ރައީސް ޔާމީންގެ ފަރާތްޕުޅުން އިއުތިރާޒު ކުރެއްވި އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ ހުށަހަޅާފައިވާއިރު ފޯމްގައި ހުރިހާ ހެއްކެއް ހިމަނަން ޖެހޭނެ ކަމަށް ބުނެފައިވާތީ އެވެ. ހެކި ހުށަނާޅާ، ފަހުން އެ ހެކި ލިބިދާނެ ކަމަށް ވެސް ދައުލަތުން މީގެކުރިން ބުނެފައި ނެތްކަން ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލައަކީ ތަހުގީގު ކުރިއަށްދާތީ ހެކި އަދިވެސް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ފަހުން އަންނަ ހެކިތައް ބަލައިގަތުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާޒީއަށް އެބަ އޮތްކަން ވަކީލް ފާހަގަކުރެއްވި އެވެ. ނަމަވެސް ގާޒީ ހައިލަމް ނިންމެވީ އެ ހެކިތައް ބަލައިނުގަތުމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރިހާ ހެއްކެއް ހުށަހަޅަން ވާނެ ކަމަށް ބުނެފައިވާތީ އާއި މައްސަލާގައި އެކަށީގެންވާ ތަހުގީގެއް ކުރެވިފައިވާ ކަމަށް ދައުލަތުން ގަބޫލުކުރާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ރައީސް ޔާމީންއަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ގާޒީ ދެއްވާފަ އެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓީވީއިން ލައިވްކުރި ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ހައިލަމް ވިދާޅުވީ ދެން މައްސަލާގައި ހެކިން ހެކި ބަސް ނެގުމަށް އަޑުއެހުން އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން އިންނެވީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެންނެވެ. ޝަރީއަތް ނިންމައި ކޯޓު ރޫމުން ބޭރަށް ނުކުމެވަޑައިގެންނެވިއިރު ވެސް އެމަނިކުފާނުގެ މޫނުމަތިން ނުރުހުމުގެ މަންޒަރުތައް ފެނެ އެވެ. ޝަރީއަތުގެ އަޑުއެހުމަށް ބައެއް ސަޕޯޓަރުން ވެސް ވަދެ ތިއްބެވެ.