ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޔާމީން ފުރުން މަނާކުރީ ފުއްގިރީގެ މައްސަލާގައި: ޕީޖީ އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކޮށް ފުލުހުން އަމުރެއް ހޯދީ ޕީޖީ އޮފީހުން އެގޮތަށް ލަފާ ދީގެން ކަމަށް އެ އޮފީހުން ބުނެފި އެވެ.

ރައީސް ޔާމީން ފުރުން މަނާ ކުރުމަށްޓަކައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އިއްޔެ ކްރިމިނަލް ކޯޓުގައި އެދުނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުންނެވެ.

އަމުރަށް އެދުނުތާ ކުޑައިރުކޮޅެއް ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ފުލުހުން ބޭނުންވި އަމުރު ނެރެދީފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފައިވާނީ އެފަދަ އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީ ކަމަށެވެ.

"ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމަށް ފުލުހުންނަށް ލަފާ ދިނީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު" ޝަފީއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ފުރުން މަނާކުރީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ ހޯދި ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މިދިޔަ ޖޫން 28 ވަނަ ދުވަހު މަނީ ލޯންޑަރިންގެ ދައުވާ ވެސް އުފުލާފަ އެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ޕީޖީ އޮފީހުން އަމަލުކުރާ އެސްއޯޕީގައި އޮންނަ ކަމެކެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ތުހުމަތުކުރެވޭ އިތުރު މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ޕީޖީ އަށް ފެންނަ ލަފައެއް ދިނުމާއި ތަހުގީގު ކުރުމުގައި އަމަލުކުރަންވީ ގޮތްތަކެއް ފުލުހުންނަށް އެންގުމުގެ ބާރު ޕީޖީ އަށް ލިބިގެންވެ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި އެ މައްސަލަ ތަހުގީގުކުރުމާއި، ދައުވާކުުރުމުގައި އިދާރާތަކުން ހަދާފައިވާ ގޯސްތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ތަހުގީގު ކުރި މައްސަލައާއި ދައުވާކުރި މައްސަލާގައި މައުލޫމާތު ހޯދާފައިވާ ހުރި ގޮތާއި ބައެއް މައުލޫމާތުގެ ސައްހަކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ.