ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބާއްވަން އޮތް ޝަރީއަތުގެ އަޑުއެހުން ކެންސަލް ވެއްޖެ އެވެ.
މިމައްސަލައިގައި އެންމެ ފަހުން ޝަރީއަތުގެ މަޖިލީހެއް އޮތީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އެ ދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވީ މިއަދު ހެނދުނު 9:30 ގައި ޝަރީއަތުގެ މަޖިލިސް އޮންނާނެ ކަމަށް އެންގެވުމަށްފަހު އެވެ.
ނަމަވެސް ޝަރީއަތުގެ މަޖިލިސް މިއަދު ކެންސަލްވީ ގާޒީ ޗުއްޓީގައި ހުންނެވުމާ ގުޅިގެންނެވެ.
މިއަދަށް ތާވަލްކުރި އަޑުއެހުމުގައި ގާޒީ ނިންމަވާފައި އޮތީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް މަޖިލީހެއް ނެގުމަށެވެ.
އެގޮތަށް އެކަން ކުރަން ހުށަހެޅުއްވީ ރައީސް ޔާމީނާ އެކު މިމައްސަލައިގައި ދައުވާ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. ދެ ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ.