ހަބަރު

އާޒިމާގެ ސީރިއަސް ތުހުމަތުތަކެއް ބިޝާމަށް

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރު ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އާޒިމާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި އާޒިމާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބިޝާމްގެ ބައިވެރިވުމެއް އޮތް ކަމަށާއި އެކަން އެހެން އޮތް އިރު އޭނާގެ މައްސަލަ ބިޝާމަށް ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. މި މައްސަލައިގެ ތެރެއަށް ބިޝާމްގެ ފަރުދީ ބައިވެރިވުން އޮތް ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވާ ކަމަށާއި އެހެން ކަމަށްވާނަމަ އާޒިމާގެ މައްސަލަ އޭނާއަށް ބެލޭނެ ގޮތަކީ ކޮބައިތޯ ވަނީ ސުވާލު ކުރައްވާފަ އެވެ.

ބިޝާމްގެ ބައިވެރިވުން މިކަމުގައި އޮތް އިރު މިއީ ސާބިތު ނުހިފޭ ދައުވާއެއް ކަމަށާއި މީހެއްގެ މައްޗަށް ދައުވާ ކުރާއިރު އެ ކުށުގެންވާ ހެއްކާއި ގަރީނާ ހުންނަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބިޝާމަށް ކުރެއްވި ތުހުމަތުތައް

އެމްއެމްޕިއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހްގީގުކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓު ތަންފީޒު ނުކުރާކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ އެ ރިޕޯޓް އެކުލަވާފައި ވަނިކޮށް އޮޑިޓާ ޖެނެރަލްގެ މަގާމު ގެއްލޭ ގޮތަށް އޮޑިޓް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހުން ގާނޫނީ ލަފާ ދިނުމުގެ މަގާމުގައި ވެސް ހުންނެވީ ބިޝާމް ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ އެންމެ ބޮޑަށް ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެ މަގާމަށް އާދެވޭނެ ގޮތަށް ގާނޫނު އާސާސީގައިވާ ނާއިބު ރައީސުންގެ އުމުރުފުރާގެ މާއްދާ އިސްލާހު ގެނައުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އުއްތަމަ ފަނޑިޔާރު ވަކި ކުރެވޭނެ ގޮތަށް ލަފާ ދެއްވީ ވެސް ބިޝާމް ކަމަށް އާޒިމާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން މެދުވެރި ވެގެން ހިންގާފައިވާ އެ ހިޔާނާތް ހިނގިއިރު ރައީސް އޮފީހުގައި ގާނޫނީ ކަންކަން ނިންމަން އޮންނަ އިދާރާ، ލީގަލް އެފެއާޒްގެ އެންމެ އިސް މީހަކަށް ހުންނެވީވެސް ބިޝާމް ކަމަށެވެ.

އާޒިމާ ވިދާޅުވީ މިފަދަ ސީރިއަސް ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުނު އިރު މިކަން ތަހުގީގު ނުކޮށް މި މައްސަލަތަކުގައި ދައުވާ އުފުލުމަށް ފަރުދީ ހައިސިއްޔަތުން ބައިވެރިވުމަކީ ދައުވާގެ މަސްލަހަތަށް ފުށު އަރާ ކަމެއް ކަމަށެވެ. އެހެންކަމުން މިއީ ސާބިތު ނުހިފޭ ދައުވާއެއް ކަމަށް ނިންމައިދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރަށް އާޒިމާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ސިޔާސީ ބޮޑެތި ނިންމުންތަކުގައި ބިޝާމްގެ ބައިވެރިވުން އޮތް އިރު މި މައްސަލަ ތަހްގީގު ކުރާ ސުޕަވައިޒަރެއްގެ މަގާމަށް ވަޑައިގަތުމަކީ ކަމުން ރެކެން ވެގެން ކުރެއްވި ކަމެއް ކަމަށެވެ. އަދި މި މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެހެން މީހުންނަށް އެއްހަމައެއްގައި ދައުވާ ނުކުރަނީ ކީއްވެތޯ އާއި އެއް ކަހަލަ ކަމެއްގައި ބައިވެރިވި ކަމަށް ދައުލަތުން ބުނާ ނަމަ މިކަމުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ނައިބް ރައީސް މުއައްވިޒާއި ބީއެމްއެލްގެ ޝަރީފަށް ދައުވާ ނުކުރަނީ ކީއްވެތޯ ވެސް އާޒިމާ ވަނީ ސުވާލު ކުރައްވާފަ އެވެ.

އާޒިމާ ވަނީ އޭނާއަށް ކުރާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ދައުލަތުން ބުނީ އެމްއެމްޕީއާރްސީ ތަހްގީގު އަދިވެސް އެއްކޮށް ނުނިމޭ ކަމަށާއި ދައުވާތަށް ކުރަމުން ދަނީ މުޅި އެ މައްސަލާގައި ނޫން ކަމަށެވެ. އަދި ތަހުގީގު ފުރިހަމަވާ މިންވަރުން މިކަމުގައި ބައިވެރިވި މީހުންނަށް ދައުވާ ކުރަމުންދާނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

ބިޝާމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ދައުލަތުން ބުނީ މަނީ ލޯންޑާ ކުރުމުގައްޔާއި ދައުލަތަށް ދޮގު މައުލޫމާތު ނުވަތަ އެމްއެމްޕީއާރްސީ ހިޔާނާތުގައި ބިޝާމް ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް އަދި ދަލީލެއް އާޒިމާ އަށް ދެވިުފައިނުވާ ކަމަށެވެ. އެހެން ކަމުން މިކަމުގައި ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ނިންމާލާފައިވަނީ މި ދައުވާ ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ނިންމުމަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރަމުންނެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އާޒިމާގެ ފަރާތުން ޝަރީއަތަށް ހުށަހެޅުންތަކެއް ވަނީ ހުށަހަޅުއްވާފަ އެވެ. އަދި މި ހުށަހެޅުންތަކަށް ދައުލަތުން ރައްދު ދެއްވުމުން އާޒިމާގެ ވަކީލުން ވަނީ ދައުލަތުން ލިޔުމުން އެއްވެސް ހުށަހެޅުމެއް ހުށަނާޅާ ރައްދު ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ކަމުން އެއަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެ ގާޒީ ވަނީ އެ ދުވަހުގެ ޝަރީއަތް މެދުކަނޑާލާފަ އެވެ. މިއަދު އެއަށް ގޮތެއް ނިންމަވަމުން ގާޒީ ހަސަން ސައިދު ވިދާޅުވީ ދައުލަތުން ލިޔުމުން ހުށަހަޅާފައިނެތް އެއްޗަކަށް ރައްދު ނުދެވޭނެ ކަމަށެވެ. އަދި އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ އިތުރަށް އެހެން ހުށަހެޅުމެއް ނުހުށަހެޅެނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން މިފަދަ މައްސަލަތަކުގައި އިބްތިދާއީ މަރުހަލާގައި ވާހަކަ ދެއްކުމަށް ލިޔުމަކުން ޝަރީއަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅަންޖެހެ އެވެ.