މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ފުރަތަމަ އަޑުއެހުން ބޭއްވި ނަމަވެސް ދައުވާތަކާ ގުޅޭ ބައެއް ލިޔެކިޔުންތައް ހަމަކޮށްފައި ނުވާތީ ދައުވާ ސާފުކޮށްދިނުމާއި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުމުގައި މައުމޫން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު މުރާޖައާކުރުމަށްފަހު ދެ ހަފްތާއަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފަ އެެވެ.
ތައިލެންޑްގެ ސްކޫލުން ދަރިވަރުން ދޫކުރާނީ މަންމަ އާއި ބައްޕަ ހާޒިރުވެގެން ކަމަށްވާތީ އެ މަރުހަލާ ފުރިހަމަ ކުރުމަށް ދެ ހަފްތާއަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދޭ ކަމަށްވެސް ވިދާޅުވި އެވެ.
ދައުލަތުން ބުނީ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދި މައުމޫންގެ ފަރާތުން ވަރަށް ތަފްސީލްކޮށް ލިޔެ ފޮނުވާފައިވާ ސިޓީއެއް ޕީޖީ އޮފީހަށްވެސް ލިބިފައިވާ ކަމަށާއި ނަމަވެސް މައުމޫން ތައިލެންޑަށް ދާންޖެހޭ ޒަރޫރީ ހާލަތު އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ސިޓީގައި ހިމަނާފައި ނެތް ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓާފައި ބޭއްވުމަށެވެ.
މައުމޫން އިތުރަށް ވިދާޅުވީ އޭނާ މިހާތަނަށްވެސް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އިދާރާތަކަށް ދޭންޖެހޭ އެއްބާރުލުން ދީފައި ކަމަށެވެ.
މައުމޫނާއި އަދި ދައުލަތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ޕީޖީ އޮފީހަށް މައުމޫން ފޮނުވި ސިޓީ ކޯޓަށް ހުށަހެޅުމަށް އަންގަވާފަ އެވެ. އަދި މައުމޫން ތައިލެންޑްގައި ހުއްޓާ އޭނާ ހައްޔަރުކޮށްގެން ރެޑް ނޯޓިސް ނެރުމުގެ މަސައްކަތްތަކެއް ކޮށްފައިވާތީ އެކަމުގެ ސާފު މައުލޫމާތުތައް ދައުލަތުން ކޯޓާ ހިއްސާކުރުމަށްވެސް ގާޒީ އެދިވަޑައިގަތެވެ.
ގާޒީ އިތުރަށް ވިދާޅުވީ ޕާސްޕޯޓް ދޫކުރުމާ މެދު ގޮތެއް ނިންމަވާނީ ލިޔެކިޔުންތައް ލިބުމުން ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި މައުމޫނަށް ކުރާ ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދާނީވެސް ކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މައުމޫނަށް ދިނުމަށްފަހު ލިޔެކިޔުންތައް ދިރާސާކުރަން ވަގުތުވެސް ދިނުމަށްފަހު ކަމަށް ގާޒީ ވިދާޅުވި އެވެ.
މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭސީސީ އިން ފޮނުވި މައްސަލަތައް ދިރާސާކުރުމަށްފަހު ދައުލަތުން ވަނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ.
މައުމޫނަށް ކުރާ ދައުވާތައް
- ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އެދުމުގެ ދައުވާ
- ކުށެއް ކުރަން ރޭވުމުގެ ދައުވާ
- ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަން ނިމުމާ އެކު މައުމޫނަށް ކުރެވުނު ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ އެ ދުވަސްވަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އޭގެފަހުން ރާއްޖެ އައިސްފައިވަނީ ދާދި އިހަށް ދުވަހު އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާގެ އާއިލީ ބައެއް މީހުންނާއި އޭނާއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ބުނެ އެވެ. މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ. މާނައަކީ ހުރިހާ މައްސަލައެއް ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް މައުމޫންގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ.