އިބްރާހިމް ފަޒުލް ރަޝީދު

ހުޅުމާލެއިން 50 ވަރަކަށް ބިން ނުހައްގުން ދޫކޮށްފައިވޭ: ފަޒުލް

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 50 ވަރަކަށް ބިން ނުހައްގުން ދޫކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ފަޒުލް ވިދާޅުވީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ނުހިއްކާ އޮތް ތަނުން ގާތްގަނޑަކަށް 50 ވަރަކަށް ބިން ނުހައްގުން މީހުންނަށް ދީފައި އެބަހުރި ކަމަށެވެ.

"ހުޅުމާލޭގެ އެކަކާއި ދެޔަކާއި އަދި ނުހިއްކާ އޮތް ތަނުން ގާތްގަނޑަކަށް 50 އަކަށް ބިން މި އޮތީ އެކި މީހުންނަށް ހަލާސް ކޮށްލާފައި،" ފަޒުލް ވިދާޅުވި އެވެ.

ނުހައްގުން ބިން ދޫކޮށްފައިވާ މީހުންގެ މައުލޫމާތު އާންމުކުރައްވާނެ ކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފަ އެވެ.

ފަޒުލް އިތުރަށް ވިދާޅުވީ ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތި ދޫކުރި ކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެންނެވެ.