އިބްރާހިމް ފަޒުލް ރަޝީދު

ނުހައްގުން ދީފައިވާ ބިންތައް އަތުލާނަން: ފަޒުލް

ކުރީގެ ސަރުކާރުން ނުހައްގުން ދޫކޮށްފައިވާ ބިންތައް އަތުލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ފަޒުލް ވިދާޅުވީ ގަވާއިދާ ހިލާފަށް ދީފައިވާ ބިން ތަރުތީބުކުރާނީ ގަވައިދުގެ ތެރެއިން ކަމަށެވެ.

ހުޅުމާލެއިން 50 ވަރަކަށް ބިން ނުހައްގުން ދީފައިވާ ކަމަށް ވިދާޅުވެ ފަޒުލް މީގެ ކުރިން ދެއްކެވި ވާހަކަ ރޭ ވަނީ ތަކުރާރު ކުރައްވާފަ އެވެ.

"މިއަދު އެތަންތަން ނެގުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަމު. 50 ހަކަށް ބިން ހުޅުމާލޭގެ ފޭސް އެކަކުން، ފޭސް ދެއަކުން ބޭނުންކުރަމުންދަނީ ނުހައްގުންކަން މި ފުރުސަތުގައިވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. ތަކުރާރުކޮށްލަން ބޭނުންވޭ ހަމަ ނުހައްގުން އެ ބިންތައް ބޭނުންކުރަމުންދަނީ،" ފަޒުލް ވިދާޅުވި އެެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލޭގެ 50 ބިމުގެ އިތުރުން ތިލަފުށިން 35 ބިން ނުހައްގުން ދީފައިވާ ކަމަށެވެ. ތިލަފުށިން ބިންތައް ދޫކޮށްފައިވަނީ ވަގުތީ ގޮތުން ބޭނުންކުރުމުގެ ނަމުގައި ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ވިޔަފާރިތަކަށް ފުރުސަތު ނުލިބި 35 ބިން އެގޮތަށް ދިނުމުން އެޗްޑީސީއަށް ލިބެންޖެހޭ ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެން ދިޔަ ކަމެއް ކަމަށެވެ.

ބިންވެރިޔާ ސްކީމުން ބިން ލިބުނު އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންނަށް ބިން ހަވާލުކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.