ދުނިޔެ

މުސްލިމުން ކަތިލަން ހުޅަނގަށް ގާނޫނެއް ބޭނުމެއް ނުވާނެ: އުރުދުޣާން

ބައިނަލްއަގްވާމީ ގާނޫނުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އޮންނަ އެއްވެސް މާއްދާއެއް، މުސްލިމުން ކަތިލަން ޖެހުމުން، ހުޅަނގަށް މުހިންމު ނުވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ޣައްޒާއަށް ދޭ ރޮކެޓު ހަމަލާތަކުގައި ޔަހޫދީން މަރަމުން އެދަނީ މުސްލިމުން ކަމަށް ވާތީ -- އެކަން މަނާކުރާ ބައިނަލްއަގްވާމީ ގާނޫނެއް ހުޅަނގަށް ފެންނަން ނެތް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ޣައްޒާގައި ޔަހޫދީން ހިންގާ ގަތުލުއާންމު މަނާކުރާނެ ނުވަތަ ހުއްޓުވާނެ ގާނޫނެއް، ގަވާއިދެއް ވެސް ހުޅަނގުގެ އަތުޖެހޭ ފަށުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުގެ ހިފެހެއްޓުމެއް ނެތް ތާއީދު ޔަހޫދީ ސަރުކާރަށް އޮންނާނެކަން ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ އިއުލާންކޮށްފަ އެވެ. ޣައްޒާއަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ވެސް، ފަރަންސޭސިވިލާތް ކަހަލަ ދެފުށްކެހެރި ގައުމުތަކުން ވަނީ ބުނެފަ އެވެ.

ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ ޣައްޒާޤެ މުޅި އާބާދީ އޮތީ ހަތަރެސްފައި ބަނދެފައި ކަމަށާއި ރަށުބަންދުގައި ބައިތިއްބައިގެން ވޭންދެނިވި އަނިޔާ ދިނުމަކީ ލާއިންސާނީ ސިފަތައް ވެސް ހައްދުފަހަނައެޅުން ކަމަށެވެ.

ހުޅަނގުގެ މީޑިއާތަކުން ހަމާސްއަށް ރައްދުވާ ގޮތަށް ތަކުރާރުކޮށް ދައްކާ ވާހަކަތަކަށް ވެސް އުރުދުޣާން ވަނީ ރައްދުދެއްވާފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ހަމާސްއާ ދިމާއަށް ޓެރަރިސްޓުންނަށް ގޮވުމަށް ހުރި ހަގީގީ ޓެރަރިސްޓުންނަށް އެ ލޭބަލް ދިނުން ރަނގަޅުވާނެ ކަމަށެވެ.

ދުނިޔޭގައި ތިބި ހައްދުފަހައެޅި ޓެރަރިސްޓުންނަކީ ޔަހޫދީން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާންގެ ވި ވާހަކަތަކާ މެދު ޔަހޫދީ ސަރުކާރު އޮތީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އުރުދުޣާންއާ ދިމާއަށް އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް، ތުރުކީއާ ދޭތެރޭ ޔަހޫދީން ވިސްނާނެ އެވެ.

ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޔަހޫދީ ސަރުކާރުގެ ވެރިންނާ ބައްދަލުކުރެއްވުމަށް އުރުދުޣާން ކުރައްވަން އޮތް ދަތުރު ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

އަދި ޔަހޫދީންނަށް ތާއީދުކުރާ ބޭރު ގައުމެއްގެ ސަފީރަކު ލީބިޔާގައި ހުރި ނަމަ އެ ގައުމުން ފޭބުމަށް ވެސް ލީބިޔާގެ ގާނޫން ހަދާ މަޖިލީހުން އޮތީ ހުރިހާ ސަފީރުންނަށް އަންގާފަ އެވެ.