ދުނިޔެ

ފަލަސްތީނަށް މިނިވަން ދައުލަތެއް ދިނުމަށް އިންކާރުކުރުމުން ވާނީ މިހެން: އުރުދުޣާން

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ސުލްހައަށް ލޯބިކުރާ ގައުމުތަކުން މަޝްވަރާތަކުގައި ޔަހޫދީ ދައުލަތަށް ނަސޭހަތްތެރިވި ސަބަބަކީ މިހާރު ދިމާވެފައި މިއޮތް ފަދަ ހާލަތެއް -- ބިރުވެރި ދުވަހެއް ތަޖުރިބާކުރަން ޖެހިދާނެތީ ކަމަށް ވިދާޅުވެ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދެއްވައިފި އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުކޮށްދޭން ޖެހޭ ވަގުތު އަދިވެސް ނުޖެހޭތޯ އުރުދުޣާން ސުވާލުކުރެއްވި އެވެ. އަދި ޔަހޫދީންނާއި ނަސާރާއިންނަށް އިތުބާރުނުކުރުމަށްވެސް މުސްލިމުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

ފަލަސްތީނަށް މިނިވަން، މުސްތަގިއްލު ދައުލަތެއް ފުރިހަމަ މާނާގައި -- ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ކަށަވަރުކޮށް ނުދޭހާހިނދު، ޔަހޫދީންނަށް އޮތް ބިރުވެރިކަން ފިލައި ނުދާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބިގެން އަންނައިރު ބޯޑަރު އޮންނަން ޖެހޭނީ 1967ގެ ކުރިން ފަލަސްތީން އޮތް ސަރަހައްދުގައި ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށަށް ވާން ޖެހޭނެ ކަމަށެވެ.

ޣައްޒާ އޮބަހައްޓައި ފަލަސްތީންގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ނިގުޅައިގަނެ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރާނީ ކޮން މާނައަކުންތޯވެސް އުރުދުޣާން ސުވާލުކުރެއްވި އެވެ.

ޔަހޫދީ ދައުލަތަށް މިއަދު ދިމާވެފައި އެ އޮތް ހާލަތަށް ބައިނަލްއަގްވާމީ މުޖުތަމައު ޒިންމާވާން ޖެހޭނެ ކަމަށާއި އދ އަކީ ވެސް މިކަމަށް ޒިންމާވާން ޖެހޭނެ ތަނެއް ކަމަށްވެސއް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ޔަހޫދީ ދައުލަތަށް ހެޔޮ ގޮތް އެދޭ މީހުންގެ ކިބައިން ދިމާވެފައި އެ އޮތީ ބިރުވެރިކަން ކަމަށެވެ. އެމެެރިކާ އަދިވެސް އޮތީ ނިދާފައި ކަމަށާއި ދުނިޔޭގެ ބާރުތައް ބެހެވިއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

ހަރުކަށިކަމާއި ގޮށްމުށުން މިޒަމާނުގައި އެއްވެސް ކަމެއް ހާސިލު ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އުންޑަ އާއި އަތުބޮމަކީ މިހާރު މީހުން ބިރުގަންނަ އެއްޗެއް ނޫން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.