ދުނިޔެ

ޕޫޓިންއާ ބައްދަލުކުރެއްވުން ލަސްނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން އެދިފައި އޮތް ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޕޫޓިންއާ ބައްދަލުކުރެއްވުމަކީ އެޖެންޑާގައި އޮތް ކަމެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވިދާޅުވީ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ވަރަށް އަވަހަށް ތާރީޚެއް ކަނޑައަޅުއްވާނެ ކަމަށެވެ. އެއީ ލަސްކޮށްގެން ވާން އޮތް ބައްދަލުވުމެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގައި މިދިޔަ އަހަރު ނޮވެމްބަރުގައި އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވި އިރުވެސް ޓްރަމްޕް ވަނީ ޕޫޓިންއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ޕޫޓިންއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިގެން ނޫން ގޮތަކަށް ޔުކްރޭން ހަނގުރާމަ ނުހުއްޓުވޭނެ ކަމަށެވެ.

ޔުކްރޭން ހަގުރާމައަށް ގޮތެއް ނިންމުމަށް -- ހުއްޓާލުމަށް ނުވަތަ މަޝްވަރާއިން ނިމޭ ގޮތަކަށް އަމަލުކުރަން ތައްޔާރު ކަމަށް ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަރުކާރާ އެކު މަޝްވަރާނުކުރެއްވި ނަމަވެސް، ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާކުރައްވާނެ ކަމަށް، އާންމު ޕޯޑިއަމްތަކުގައި ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވި ދުވަސްވަރު ޓްރަމްޕް ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ، އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި، ޔުކްރޭން ހަނގުރާމަ ހުއްޓުވުން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށްޓަކައި މަޝްވަރާކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ބޭފުޅަކާ އެކު މަޝްވަރާކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، ރަޝިއާއާ އެކު ހައްދަވާނެ ޑީލަކާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަށް ދެއްވާފައެއް ނުވެ އެވެ.

ޔުކްރޭން ހަނގުރާމައާ ގުޅުވައި، އެ ގައުމުގެ ރައީސް ޒެލެންސްކިއަށް ނިސްބަތްކުރައްވައި ޓްރަމްޕް ވަނީ މަލާމަތުގެ ރާގަށް ވާހަކަދައްކަވާފަ އެވެ. ނަމަވެސް، ޕޫޓިންއަށް ނިސްބަތްކުރައްވައި އެ ޒާތުގެ އެއްވެސް ލަފުޒެއް އަދި ވިދާޅުވެފައެއް ނުވެ އެވެ.

ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާގެ ރައީސް ޕޫޓިން އަކީ ކުޅަދާނަ، ކެތްތެރި އަދި ދުނިޔޭގެ ސިޔާސަތު ވަރަށް މޮޅަށް އެނިގަވަޑައިގަންނަވާ ލީޑަރެކެވެ.