ދުނިޔެ

އެމެރިކާގައި ހުންނަން ވާނީ ހިތްވަރުގަދަ ޖެހިލުންކުޑަ ރައީސެއް: ޓްރަމްޕް

އެމެރިކާގައި ހުންނަން އެދެވެނީ ހިވަރުގަދަ އަދި ޖެހިލުންކުޑަ ރައީސެއް ކަމަށް އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ފަދަ ގޮތް ދޫކުރެއްވުމެއް ނެތް އަދި އެހައި އަޒުމު ވަރުގަދަ ލީޑަރުންގެ ކުރިމައްޗަށް އެމެރިކާގެ ރައީސަށް ބިރެއް ނެތި އަރާވަޑައިގަނެވެން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވި ދުވަހުން ފެށިގެން ޓްރަމްޕް ގެންދަވަނީ ބައިޑަންއަށް ބަހުގެ ހަމަލާދެއްވަމުންނެވެ.

ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ބައިޑަންއަށް ރައީސެއްގެ މަގާމު ރަނގަޅަށް އަދައެއް ނުކުރެއްވެ އެވެ. ބަލިހާލު ހުރި ގޮތުންނާއި ޖާނުގައި ކަމެއް ނެތުމުން ބައިޑަންއަށް އެމެރިކާގެ ރައީސަކު އުޅުއްވަން ޖެހިވަޑައިގަންނަވާ ގޮތަށް އުޅުއްވަން ދަތި ކަމަށް ޓްރަމްޕް ވިދާޅުވެ އެވެ.

ހޮލީވުޑް އެކްޓަރުންގެ ތެރޭގައި ވެސް ޖާނުން ވަރުގަދަ، ޖެހިލުން ކުޑަ މީހުން ތިބި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދެން އޮތް ގޮތަކީ އެމެރިކާގެ ރައީސްގެ މަގާމަށް ހޮލީވުޑުން މީހަކު ގެނައުން ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ރިޕަބްލިކަނުންގެ ތެރޭގައި އަދި ޑިމޮކްރެޓުންގެ ތެރޭގައި ވެސް އެމެރިކާގެ ރައީސް ކަމަށް ގާބިލު ބޭފުޅުން އެބަ ތިއްބެ އެވެ.

އެއިން ބޭފުޅަކަށް އެމެރިކާގެ ރައީސްގެ މަގާމު ހަވާލުކުރުން ކިހިނެއްވާނެތޯ އަމިއްލަފުޅަށް ސުވާލުކުރާއިރު އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އިންތިހާބަކުން ރައީސަކު ހޮވުން ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ރައީސްކަން ދޫކޮށްލައްވަން އޭނާއަށް ބަޔަކު މަޖުބޫރުކުރުވީ އެވެ. އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގައި މިހާރު ހުންނެވީ ރައްޔިތުންގެ ވޯޓުން ހޮވުނު ރައީސެއް ނޫން ކަމަށް ޓްރަމްޕް އަބަދުވެސް ވިދާޅުވެ އެވެ. އެއީ ކޮންމެވެސް އެހެން ބަޔަކު ބޭނުންވެގެން ރައީސް ކަމަށް ގެނުވާފައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާގައި މިއަންނަ އަހަރު -- ނޮވެމްބަރު 5، 2024 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ އެވެ. އަދި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ އެވެ.