ހަބަރު

ފުލުހުންގެ ބިލުގައި ބަޔާންކުރާ ބޯޑަށާއި ހުވައަށް އިދިކޮޅުން އިސްލާހުތަކެއް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ގެންނަން ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާގައި އިސްލާމް ދީނުގެ ވާހަކައިގެ ކުރިއަށް އިންސާނީ ހައްގުތަކުގެ ވާހަކަ އިސްކޮށްފައިވެ އެވެ. ބިލުގައި 241 ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ދީފައިވާތީ ފުލުހުންގެ ބިލަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެ އެވެ.

ފުލުހުންގެ ބިލަށް ސިޔާސީ ޕާޓީތަކުން ހުށަހަޅަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ވެސް އެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ 241 ކޮމިޓީގެ ސަބް ކޮމިޓީން ވަނީ ހުޅުވާލައިފަ އެވެ. އެ ގޮތުން އިދިކޮޅު ޕީޕީއެމް / ޕީއެންސީން މިހާރު ވަނީ އެ ކޯލިޝަނުން ހުށަހަޅަން ބޭނުންވާ އިސްލާހުތައް ހުށަހަޅައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ބިލަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ކަރުދާހުގައިވާ ގޮތުން، ފުލުހުންގެ ހުވާއާއި ބިލުގައި ބަޔާން ކުރާ ފުލުހުންގެ މަސްއޫލިއްޔަތުތައް ބަޔާން ކުރާ މާއްދާތަކަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވެ އެވެ. ކަރުދާހުގައިވާ ގޮތުން، މަސްއޫލިއްޔަތުތައް ބަޔާން ކުރާ މާއްދާއާއި ފުލުހުންގެ ހުވާގައި އިސްލާމް ދީނުގެ ވާހަކަ އިސްކޮށްފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން އިސްލާހު ހުށަހަޅާފައިވާ ބިލުގެ އެ މާއްދާތަކުގެ ތެރެއިން ބައެއް މާއްދާތަކުގައި ފުލުހުންގެ މަސްއޫލިއްޔަތުގެ ގޮތުގައި އޮތީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބޯލަނބައި ކިޔަމަން ވުން އެކަންޏެވެ. އިސްލާން ދީނުގެ ވާހަކައެއް އެ މާއްދާތަކުގައި ނެތެވެ.

މީގެ އިތުރުން ބިލުގައި ފުލުހުންގެ ބޯޑެއް އެކުލަވާލަން އޮންނައިރު، އެ ބޯޑުގައި ތިބެން ޖެހޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވާ ރައީސް އައްޔަން ކުރާ މެންބަރާއި، ހޯމް މިނިސްޓަރު އައްޔަން ކުރާ މެންބަރާއި، މަޖިލީހުގެ 241 ކޮމިޓީން އައްޔަން ކުރާ މެންބަރު އެ ބޯޑުން އުނިކުރަން ވެސް އިދިކޮޅު ކޯލިޝަންގެ ހުށަހެޅުންތަކުގެ ތެރޭގައިވެ އެވެ.

ބޯޑުގައި ތިބެން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާ އެ މެންބަރުންގެ ބަދަލުގައި، ކަސްޓްމަސްގެ ފަރާތުން މެންބަރަކާއި، އިމިގްރޭޝަންގެ ފަރާތުން މެންބަރަކާއި، އެމްއެންޑީއެފްގެ ފަރާތުން މެންބަރަކާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން މެންބަރެއް އެ ބޯޑުގައި ކަނޑައަޅަން ބިލުގައި ހިމެނުމަށް ވެސް އިދިކޮޅު ކޯލިޝަލުން ހުށަހަޅައިފައިވެ އެވެ.

މަޖިލީހުގެ 241 ކޮމިޓީއިން ފުލުހުންގެ ހިދުމަތަށް ފާރަވެރިވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާތީ، ފުލުހުންގެ ބިލުގައިވާ 241 ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާން ކުރާ މާއްދާ ބިލުން އުނިކުރަން ވެސް އިދިކޮޅު ކޯލިޝަންގެ ހުށަހެޅުންތަކުގެ ތެރޭގައިވެ އެވެ.

ފުލުހުންގެ ބިލު މަޖިލީހަށް ހުށަހެޅުނުއިރު މަޖިލީހުގެ 241 ކޮމިޓީއަށް އިތުރު ބާރުތަކެއް ދޭން ހިމަނާފައިވެ އެވެ. ފުލުހުންގެ ހިދުމަށް ގެންނަން ޖެހޭ ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނަޔާތްތަކަށް ބަދަލު ގެނައުމަށާއި، ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން ހޯމް މިނިސްޓަރަށާއި ފުލުހަށް އެންގުމުގެ ބާރު ކޮމިޓީއަށް އޮވެ އެވެ. އަދި އެ އެންގުންތަކާ އެއް ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބިލުގައި 241 ކޮމިޓީއަށް ބާރުތަކެއް ލިބިދޭ ގޮތަށް އޮތުމުން ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބިލުގެ އެ މާއްދާ ހިމެނޭ ގޮތަށް އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. އެ ގޮތުން ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭ އެއްވެސް މައުލޫމާތެއް ކޮމިޓީއަށް ނުހޯދޭނެ ކަމަށް ބަޔާން ކުރާ ގޮތަށް އިސްލާހު ފޮނުވާފައިވެ އެވެ.