ހަބަރު

ތަހުގީގަށް ހުރަސް އެޅޭ މައުލޫމާތު ކޮމިޓީއަށް ނުހޯދޭ ގޮތަށް ބިލު ބަދަލުކުރަނީ

ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ނުހޯދޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ 241 ކޮމިޓީގެ ބާބަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި އާންމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބިލު ހުށަހެޅުއްވި އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ 241 ކޮމިޓީއަށް ބިލުން ދީފައިވާ ބާރުތަކަކީ ގާނޫނު އަސާސީން ކޮމިޓީއަށް މަތިކޮށްފައިވާ ކަންކަން ކަމަށެވެ.

ނަމަވެސް ފުލުހުންގެ މުއައްސަސާއާއި ހޯމް މިނިސްޓްރީއާއެކު ބަންޑާރަ ނައިބުގެ އޮފީހުން މަޝްވަރާ ކުރުމަށް ފަހު އެ އޮފީހުން މިހާރު ބިލަށް 40 އިސްލާހެއް ހުށަހަޅާފައިވާ ކަމަށާއި އެ އިސްލާހުތަކާއެކު ބިލުގެ އާ ޑްރާފްޓް ޑޮކިއުމެންޓެއް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެ ގޮތުން ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި 241 ކޮމިޓީގެ ދައުރު ބަޔާން ކުރާ ބާބަށް ވެސް ބައެއް އިސްލާހުތައް ހުށަހެޅިފައިވާ ކަން ހަސަން ފާހަގަ ކުރެއްވި އެވެ. މި ގޮތުން 241 ކޮމިޓީއަށް ހޯދޭނީ ފުލުހުން ހިންގަމުންދާ ތަހުގީގުތަކަށް ހުރަސް ނޭޅާ މައުލޫމާތު ކަމަށް ބިލުގައި ބަޔާން ކޮށްފައި ވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"މިހާރު މި ބަލާ ބިލުގެ ޑްރާފްޓް ޑޮކިއުމަންޓްގައި އޮންނާނެ، ފުލުހުން ހިންގަމުންދާ ތަހުގީގުތަކަށް ހުރަސް ނޭޅޭ މައުލޫމާތު 241 ކޮމިޓީން އޮޅުން ފިލުވުން، އެހެންވީމަ ހުރަސް އެޅޭނެ މައުލޫމާތެއް ނުހޯދޭނެ،" ބިލު ދިރާސާކުރަމުންދާ 241 ކޮމިޓީގެ ސަބް ކޮމިޓީގައި ވެސް އިންނަވާ ހަސަން ލަތީފް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު ފުރަތަމަ އޮތް ގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް އިތުރު ބާރުތަކެއް ލިބިދެ އެވެ. ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށާއި ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން ހޯމް މިނިސްޓަރަށާއި ފުލުހަށް އެންގުމުގެ ބާރު އޮވެ އެވެ. އަދި އެ އެންގުންތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ކޮމިޓީއަށް ބާރުތަކެއް ލިބޭ ގޮތަށް އޮތުމުން ބިލަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުވާކޮށްފައިިވާ ބިލެކެވެ.

ނަމަވެސް ފުލުހުންގެ ބިލު ދިރާސާކުރަމުންދާ 241 ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވިދާޅުވެފައިވަނީ ބިލުގައި 241 ކޮމިޓީއަށް އިތުރު ބާރުތަކެއް ނަގާފައިވާ ނެތް ކަމަށާއި އެއީ ކުރިން ވެސް ގާނޫނު އަސާސީން ކޮމިޓީއަށް މަތިކޮށްފައިވާ ކަންކަން ކަމަށެވެ. އޭގެ ސަބަބުން ފުލުހުންގެ ތެރެއަށް ނުފޫޒު ނުވަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.