ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ބިލަށް ސަރުކާރުން 40 އިސްލާހެއް ހުށަހަޅައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އިތުރު 40 އިސްލާހެއް ގެނައުމަށް އެ ބިލު ދިރާސާ ކުރަމުން ގެންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ސަބް ކޮމިޓީއަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފި އެވެ.

އެ ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ކައުންސިލާ ޖެނެރަލް އައިޝަތު ނައީމް ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލަށް 40 އިސްލާހެއް ގެނައުމަށް ހުށަހަޅަން ނިންމީ، ރައީސް އޮފީހާއި ހޯމް މިނިސްޓްރީ އާއި، ފުލުހުންގެ މުއައްސަސާއާއެކު އިތުރަށް ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

ފުލުހުންގެ ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ފާހަގަ ކުރެވޭ އެއް އިސްލާހަކީ ފުލުހުން ކުރާ މަސައްކަތްތަކާބެހޭ ގޮތުން މަައުލޫމާތު ސާފުކުރަން 241 ކޮމިޓީއަށް ހާޒިރު ކުރެވޭނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރެވެ. އަދި ގަވާއިދުތައް ހެދުމުގެ ޒިންމާ ކުރިން ކޮމިޝަނާ އޮފް ޕޮލިސްއަށް އޮތް ނަމަވެސް މިހާރު އޮތީ އެ ޒިންމާ ހޯމް މިނިސްޓަރާ މަތިކޮށްފަ އެވެ.

ބިލު އެންމެ ފުރަތަމަ ހުށަހެޅިއިރު ޕޮލިސް ޑިވިޝަނެއް ނުވަތަ ސިޓީ ޕޮލިސްގައި އިސްކޮށް ހުންނާނެ ކަމަށް ކަނޑައަޅާފައި އޮތީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރެއް ކަމަށެވެ. މި އަދުގެ ކޮމިޓީ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވަނީ އެ މަގާމުތަކުގައި ތިބޭނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރުން ކަމަށެވެ. އެއީ ކުރިން އޮތް ރޭންކަށް ވުރެ މަތީ ރޭންކެކެވެ.

ރާއްޖޭން ބޭރުގައި ފުލުހުން އަމަލުކުރާނެ ބާބެެއް

ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި އައިޝަތު ނައީމް ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ހަރަކާތްތެރިވުމުގައި ފުލުހުން އަމަލު ކުރަންވީ ގޮތް ކަނޑައަޅާފައި އޮންނަ ބާބެއް ބިލަށް އިތުރު ކުރަން ނިންމީ ފުލުހުންގެ މަޝްވަރާއަށް ރިއާޔަތްކޮށެވެ.

އައިޝަތު ނައީމް ވިދާޅުވި ގޮތުގައި ފުލުހުން ރާއްޖޭން ބޭރުގައި ހަރަކާތްތެރިވުމުގެ ބާރު މިޗުއަލް ލީގަލް އެސިސްޓެންސް ގާނޫނުގެ ދަށުން މިހާރު ވެސް އޮވެ އެވެ. ނަމަވެސް އެ ގޮތަށް ރާއްޖޭން ބޭރުގައި ފުލުހުން ހަރަކާތްތެރިވާއިރު، އަމަލު ކުރާނެ އުސޫލުތައް ތަފުސީލުކޮށް ހިމަނާފައެއް ނުވެ އެވެ

މިޗުއަލް ލީގަލް އެސިސްޓެންސް ގާނޫނުގެ ދަށުން ރާއްޖޭން ބޭރުގައި ހެކި ހޯދުމާ ބެހޭ ބާރުތައް ފުލުހުންނަށް ލިބެ އެވެ. އެ ގޮތަށް ހަރަކާތްތެރިވާއިރު ފުލުހުން އެ ބާރު ބޭނުން ކުރަން ޖެހޭ އުސޫލުތައް ފުލުހުންގެ ބިލުގައި ހިމަނަން ހުށަހެޅީ އެވެ. އަދި ބޯޑަރު ހުރަސްކޮށް ކުރާ ކުށްތައް ހުއްޓުވުން ހިމަނަން ވެސް ހުށަހެޅި އިސްލާހުތަކުގައިވެ އެވެ.