ރައްޔިތުންގެ މަޖިލިސް

އިތުރުފުޅު ހެއްދެވި ވަޒީރަށް ފިޔަވަޅު އަޅަން އެދިއްޖެ

ފުލުހުންގެ ނިޒާމުގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ފުލުހުން ގޯސް ހަދާކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވި ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ކުރައްވާފައިވާތީ އެ މައްސަލާގައި އިތުރުފުޅު ހައްދަވާފައިވާ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ފުލުހުންގެ ނިޒާމުގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ފުލުހުން ގޯސް ހަދާކަމަށް ބަންޑާރަނައިބު ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ ކަމަށާއި އަދި އެކަން ފުލުހުން ކުރަނީ ގަސްތުގައި "ނުނިޔަތެއް" ބާއްވައިގެން ކަމަށެވެ. އެހެންވެ އެ ތުހުމަތުތަކާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ލިޔުމުން އެކަމާ ގުޅޭ ޖަވާބު ހޯދުމަށް ހޯމް މިނިސްޓަރު އިމްރާންއަށް ހުށަހަޅުއްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވައިފަ އެވެ.

ބަންޑާރަ ނައިބުގެ ތުހުމަތުތައް ދޮގުކުރައްވައި އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި ތިބީ ގާބިލު އަދި އިހްލާސްތެރި ފުލުހުން ކަމަށާއި އަދި ނުނިޔަތެއް ބާއްވައިގެން ގަސްދުގައި ގޯސް ހަދާ ފުލުހުން ތިބޭ ކަމަށް ބުނުމަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

ނަމަވެސް މައްސަލަތައް ބަލައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހެޅުމަކި ވަރަށް ގިނަ ވަގުތުތަކެއް ހިނގާ ކަމަަކަށް ވެފައި މަސައްކަތުގެ ފެންވަރު ދަށްވެގެން އިސްލާހީ ފިޔަވަޅުތައް އަޅާ ކަަމަށެވެ.

އިމްރާން ވިދާޅުވީ މައްސަލައެއްގައި ނުނިޔަތެއް ބާއްވައިިގެން އެއްވެސް ކަަމަކަށް ތުހުމަތުކޮށް ފުލުހަކާމެދު އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

"ފުލުހުންގެ ތެރޭގައި ނިޒާމް ރަނގަޅަށް އެނގި ނިޒާމްގެ ތެރޭގައި ހުރި ލޫޕް ހޯލްސްތައް ހޯދައިގެން ގަސްދުގައި ނުނިޔަތެއް ބާއްވައިގެން ގޯސް ހަދާ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބެ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާ ދޫކޮށްލައިފައި ނުވާކަން ފާހަގަ ކުރަމެވެ. އަދި މިފަދަ ފަރާތެއް ފާހަގަކުރެވޭ ނަމަ އެ މައުލޫމާތެއް ހިއްސާކުރެއްވުމުން އެކަމެއް ބަލައި އެކަމާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ދެންނެވީ މެވެ." އިމްރާންގެ ޖަވާބުގައި ވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ ވާން ޖެހޭނެ މީހެއް ކަމަށެވެ. ސަރުކާރު ބަލިކަށިވިޔަސް އަދި ވުޒާރާތަކުގައި ގުޅުމެއް ނެތަސް ރައްޔިތުންނަށް އޮޅުވާލައިގެން ނުވާނެ ކަމަށެވެ. އާދަމް ވިދާޅުވީ ވަޒީރުންގެ ފަރާތުން ފެންނަމުން ދަނީ ނާގާބިލް ކަމާއި ޒިންމާދާރުކަން ކުޑަ ކަމެވެ.

"ދެހާސްތޭވީހުގައި ތިޔަ އަމަލުތަކަށް ރައްޔިތުން ޖަވާބު ދޭނެ،" މަޖިލީހުގައި އިތުރުފުޅު ހެއްދެވި ވަޒީރަށް ފިޔަވަޅު އަޅައިދިނުމަށް އެދި މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.