ރައީސް މުހައްމަދު ނަޝީދު

ފުލުހުން ވަކިކުރުން ނަޝީދު ދިފާއު ކުރައްވައިފި

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކި ކުރި ކުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާއު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރެއްގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެ ވަޒީރަކު ރައީސަށާއި މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތް ނަމަވެސް އެންމެ ފަހުން ފާސްކުރި ފުލުހުންގެ ގާނޫނުގެ ދަށުން ވަޒީރުގެ މަސައްކަތަކީ ސިޔާސަތު ކަނޑައެޅުން ކަމަށެވެ.

"އަޅުގަނޑު ހިތުން މި ބަދަލެއް [ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކި ކުރުން] އައިސްފަައިވާ ނަމަ އައިސްފައި ވާނީ ފުލުހުންގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން" ނަޝީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިދިޔަ އަންގާރަ ދުވަހު ފޮނުއްވާފައިވާ ސިޓީގައިވާ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކުރީ މިއަހަރުގެ މާޗް 28 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި "ދިވެހި ފުލުހުންގެ ހިދުމަތް" އެެއީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ކޮން އިދާރާ އަކުން ކަމެއް އަދި ނޭނގޭ އެވެ.