ހަބަރު

ފުލުހުންގެ އާ ބިލަށް ސީޕީގެ ތައުރީފު

ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ބިލަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ތައުރީފުކުރައްވައި، އެ ބިލު ބަލައިގަންނަވާކަމަށް ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވުމާއެކު ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވި އެވެ.

އެ ބިލުގެ އަމާޒަކީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ތުހުމަތު ކުރާއިރު، އެކަމާ ގުޅުވައި، ފުލުހުންތަކެއް ވަކި ކުރަން ހުށަހެޅި ބިލެއްގެ ތުހުމަތު ކުރެވުނު ނަމަވެސް، ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ފުލުހުންގެ ވަޒީފާއަށް އައްޔަނުކުރުމާއި، ލިބިދޭ އިނާޔަތްތަކާއި ހައްގުތަކާއި، ފިޔަވަޅު އެޅޭނެ ހާލަތްތަކާއި އަދަބުތައް ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން، ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމާއި، ހޯމް މިނިސްޓަރުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، ޒިންމާތައްވެސް މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

އަދި ފުލުހުންގެ އޮޕަރޭޝަންތަކާއި، ތަހުގީގުތަކާއި އަމަން ބެލެހެއްޓުމާއި، ބަލާ ފާސްކުރުމުގައި އަމަލު ކުރަންޖެހޭ ގިނަ އުސޫލުތަކާއި ގަވައިދުތައް މި ގާނޫނު ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެކަމަށް ކަނޑައަޅާފައިވެ އެވެ.

ދެން ހިމަނާފައިވަނީ ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި، އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ވަޒީފާއަށް ފިލުން ޖިނާއީ ކުށަކަށްވާ ގޮތަށް އޮތް މާއްދާތާތަކެވެ.

ފެބްރުއަރީ ހަތަކާ ގުޅުވައި ފުލުހުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑުތައް މަޖިލީހުގެ ތެރެއިން ވެސް މިދިއަ ހަފްތާގައި އިވިގެން ގޮސްފައިވާއިރު، ބިލު ފާސްކުރުމުގެ ކުރިން، އިއްޔެ ހެނދުނު ބޭއްވުނު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ކުއްލި ގޮތަކަށް އެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް އީވާ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

އެ އިސްލާހާއެކު ރޭ އެ ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު، ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮލިސް ބޯޑު އުފެދިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް މިހާތަނަށް އެޅިގެންދާނެ އެންމެ ހަރުދަނާ ފިޔަވަޅު ކަމަށެވެ.

ފުލުހުންގެ މުއައްސަސާ އިސްލާހުކުރަން ބޭނުންވާކަން ހާމަވަގެންދާ ޕޮލިސް ބޯޑު އުފެއްދުމުގެ ހިޔާލަކީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން، ފުލުހުންގެ އެގްޒެކެޓިވް ލެވަލްގެ ބޭފުޅުން ބާރު އަޅުއްވަމުން ގެންދެވި ކަމެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި އާ ބޯޑުގެ އެންމެ މުހިއްމުއެއް ބޭނުމަކީ، ފުލުހުން ޖަވާބުދާރީ ކުރުވައި، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުން. އަދި ކަނޑައަޅާފައިވާ މަގުސަދުތަކާއެއްގޮތަށް ފުލުހުން އަމަލުކުރަމުންދޭތޯވެސް ބެލޭނެ،" ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް އަތޮޅު ތެރެއަށް ފުޅާކުރުމާއި، ފުލުހުންގެ ޝަކުވާތައް ބެލޭ ހާއްސަ ބޯޑަކާއި، ތަހުގީގުތަކުގައި ހާއްސަ އުކުޅު ބޭނުންކުރުމަށް ޖާގަ ލިބޭ މާއްދާތައްވެސް އޭނާ ވަނީ ފާހަގަކުރައްވައި، މި ބިލު ފުލުހުންގެ މުއައްސަސާގެ ނަމުގައި ބަލައިގަންނަވާކަމަށް ވިދާޅުވެފައި އެވެ.